ކިއުބީ އިން ވެކްސިން ކިޔޫ ޓޯކަން ނެގޭ ގޮތް ހަދައިފި

މާޗް 1، 2021: އެއާޕޯޓް ޕާސް ހޯލްޑަރުންނަށް އަމާޒުކޮށްގެން ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އެމްއޭސީއެލް އިން ފަށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް، ކޮވިޑް19 ވެކްސިން ކިޔޫއަށް ނަންބަރު ނެގޭ ގޮތް ހަދައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މިހާރު އޮންލައިންކޮށް ކިޔޫގައި ޖެހެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ކޮންމެ ރެޔަކު ވެސް 9:00 އިން ފެށިގެން، އެކި ވެކްސިން ސެންޓަރުތަކަށް ނަންބަރު ދޫކުރަން ހަމަޖެހިފައި ވަނީ ވަކި އަދަދަކަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ސޯޝަލް ސެންޓަރު: 500 ނަންބަރު

އާޓް ގެލަރީ: 300 ނަންބަރު

ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު: 200 ނަންބަރު

އެޗްޕީއޭ އިން ބުނީ އޮންލައިންކޮށް ނަންބަރު ދޫކުރި ނަމަވެސް، ވެކްސިން ސެންޓަރުތަކުން ވެސް ކިޔޫ ނަންބަރު ދޫކުރާނެ ކަމަށެވެ.

ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގުމުގެ އިތުރުން، ކިޔޫ ސްޓޭޓަސް ވެސް ބެލޭނެ އެވެ. އެޕްސްޓޯ އަދި ޕްލޭސްޓޯ އިން ކިއުބީ ޑައުންލޯޑު ކުރެވޭނެ އެވެ.

ރޯދަ މަހު ވެކްސިން ޖަހައިދޭން ފެށީ ކޮންމެ ރެޔަކު ވެސް ރޭގަނޑު 21:00 އިން 23:00 އަށެވެ. ކޮންމެ ރެޔަކު ވެސް ވެކްސިން ސެންޓަރުތަކުގެ ބޭރުގައި ބޮޑެތި ކިޔޫތައް އޮވެ އެވެ. އެއާއެކު މިހާރު 23:45 ވަންދެން ވެކްސިން ޖަހައިދޭން ވަނީ ފަށައިފަ އެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 281،848 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، 45،817 މީހަކު ވަނީ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ދަތުރުފަތުރު ކުރުމުގައި ލުއި ދޭން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް