ޔާރާއެ ލޯބިދޭށޭ... 30

"އަހަރެން ބުނަންވީތަ؟..." ކެވިން އަހައިލި އެވެ.

"ނޫން..." ޖިލްވާ ދެކޮޅު ހެދި އެވެ. "އަހަރެން ބުނާނަން..."

ކާގެއިން ބޭރުގައި ޖިލްވާ އާއި ކެވިންގެ މަންޒަރު ބަލަން ހުރި ޒެނިލްގެ ދެއަތް މުށްކެވުނެވެ.

********

ޖިލްވާ އާއި ކެވިންގެ ގާތްކަމުން ޒެނިލްގެ ހިތަށް އުނދަގޫ ވަނީ އެވެ. ވަކީން ޚާއްސަކޮށް، ކެވިން އާއި އެއްކޮޅަށް ޖިލްވާ ވާހަކަ ދެއްކުން ވެގެން ދިޔައީ، ޒެނިލްގެ ހިތް ނުތަނަވަސް ކުރުވި ކަމަކަށެވެ. ޖިލްވާ އާއި ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރު އޭނަގެ ހިތުގައި އުފެދުނެވެ.

އާއިޝާ ގޮވާލި އަޑު އިވުމުން، ޒެނިލް އެތަނުން ދިޔައީ ޖިލްވާ އާދޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހުގަ އެވެ. ޒެނިލް ދިޔައިރު، އާއިޝާ އުޅެނީ ކުޑަކުޑަ ޔޫން މައިތިރިކޮށްނުލެވިގެންނެވެ. ޔޫންއަށް ކާންދޭން އާއިޝާ ގެނައި ކަރާ ތަށި އޮތީ މުށިތަކުގެ މައްޗަށް ބަންޑުންކޮށްލާފަ އެވެ. ޔޫން އިނީ، ކަރާތައް ދެއަތުން ޗިސްކުރާށެވެ. އެކުއްޖާ ލައިގެން އިން އަންނައުނު ވެސް އޮތީ ޚަރާބުވެފަ އެވެ.

"އެންމެ ދުވަހަކުން މާމަގެ ދުވަސް ދުއްވާލައިފި..." ދެއުކުޅުގައި އަތްވިދެލަމުން އާއިޝާ ބުންޏެވެ. "ކުޑަކުޑަ މީހަކަސް، ހިފާއްޓާ ލެވޭވަރެއް ނޫނޭ..."

އާއިޝާގެ ގައިގައި ހީލާނެ ވަރުވެސް ނެތެވެ. ވަރުބަލިވެގެން ގޮސް އޭނަ ހުރީ މާނޭވާލެވޭވަރު ވެފައެވެ.

"ތެދެއްތަ އެއީ ބޭބީ!... މާމަގެ ދުވަސް ދުއްވާލީ؟..." ޔޫން އުރައިލަމުން ޒެނިލް ސުވާލުކޮށްލި އެވެ. "މާމައަށް އެހެން ހަދާކަށްނުވާނެ އެއްނު..."

ޔޫން ގަދަ ހަދައިލީ ތިރިއަށް ފައިބާށެވެ. ޒެނިލް ދޫ ނުދިނުމުން، ބޮޑާހާކާލާފައި ރޯން އުޅުނެވެ.

"ބައްޕިގެ ޕްރިންސަސް ހާދަ ހަޑިކޮށް މިއުޅެނީ... ކޯކޮޅުގަވެސް މިހުރީ ހުސް ކަރާ... ހިނގާ ބައްޕި އާ އެކީ ފެންވަރާލަން ދާން ދޯ؟..." ޒެނިލް ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

އެމަންޒަރު ބަލަން އާއިޝާ ހުރީ އުފަލުން ފެންކަޅިވެފަ އެވެ. ދުނިޔޭގައި ހުއްޓާ، އެފަދަ މަންޒަރެއް ފެނިދާނެ ކަމަށް އާއިޝާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެ އެވެ.

********

"ސޮރީ!..." ޖިލްވާގެ ހިމޭންވެފައި ހުރުމުން، ކެވިންއަށް އުނދަގޫ ވިއެވެ.

"ކީއްވެ؟..." އެއްވެސް އަސަރެއް ނެތް ގޮތަކަށް ޖިލްވާ އަހައިލި އެވެ.

"އަހަރެންގެ އަމިއްލަ އެދުން ބޮޑުކަމުން..." އެއްވެސް ފޮރުވުމެއްނެތި ކެވިން ހާމަކުރީ ހަގީގަތެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ޖިލްވާ ހުއްޓެވެ. އޭނައަށް ވިސްނެމުން ދިޔައީ ހަމައެކަނި ޒެނިލް އާއި މެދުގަ އެވެ. ޒެނިލް ވިސްނާނީ ކިހިނެއް ކަމެއް ނޭނގޭތީ އެވެ.

"އަހަންނަށް އެނގޭ އަހަރެން މީ އަމިއްލަ އެދުން ބޮޑު މީހެއް ކަން... ބަދަލަށް ބަދަލު ހޯދާނީ އަމިއްލަ އެދުން ބޮޑު މީހުންތާ ދޯ...." އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ކެވިން ވާހަކަ ދައްކަން ފެށި އެވެ. "ޖިލްގެ ހިތް އެނގޭ އިރުވެސް، އަހަރެން މިހެން އުޅޭނީ ކިހާ އަމިއްލަ އެދުން ބޮޑުވީމަ... ދުވަސްތައް މާޒީ ވާ ވަރަކަށް އަހަރެން ހީކުރީ އަހަރެންގެ ހިތްވެސް ބަދަލު ވާނެ ކަމަށް... އެކަމަކު، އަދިވެސް އަހަރެންގެ ހިތް ބަދަލެއް ނުވޭ ޖިލް..."

"މާޒީގެ ވާހަކަ އިތުރަށް ނުދައްކަމާ..." ޖިލްވާ އުޅުނީ އެތަނުން ދާށެވެ.

"އެވާހަކަ ނުދައްކާ އެއްވެސް ކަމެއް ހައްލު ކުރާނީ ކިހިނެއް؟... ހުރިހާ ކަމެއް ގުޅިފަ މިއޮތީ އަހަރެމެންގެ މާޒީ އާ..." ކެވިން ދޫކޮށްލީ ފުން ނޭވާ އެކެވެ. "އޭރެކޭ އެއްގޮތަށް އަދިވެސް... އަދިވެސް އަހަރެން ބޭނުން ވަނީ އަމިއްލަ އެދުން އިސްކުރަން..."

ޖިލްވާގެ ފިޔަވަޅުތައް ހުއްޓުނެވެ. ހިތުގެ ކަނަކުން ބިރުވެރިކަމުގެ ރަނގަބީލެއް އެޅި އެވެ. އޭނަ ބިރުން އުޅުނު ދުވަސް އައީ ކަމުގައި ހިތް ބުންޏެވެ. ދުވަސްތައް މާޒީ އާއި އެކުވަމުން ދާ ވަރަކަށް، އޭނަ ހީކުރީ، ހިތި މާޒީއަށް ފަސްލައި ފޮރުވިދާނޭ ކަމަށެވެ. އެކަމަކު، އަނެއްކާވެސް އެ ސަފުހާތައް ނިއުޅެން ފެށީ އެވެ. ކެވިންގެ ހިތް ބަދަލު ނުވާނެކަން ޖިލްވާއަށް ޔަގީން ވީއެވެ.

"ޖިލް!... އަހަރެންގެ ހިތަކު ނެތް ޔޫން ދޫކޮށްލާކަށް... ޖިލްއެކޭ އެއްވަރަށް އަހަރެން ވެސް އަހަރެންގެ ދަރިފުޅުދެކެ ލޯބިވޭ... އަމިއްލަ އެދުން އިސްކުރާހާ ލޯބިވޭ... ދޫކޮށްލާފަ ދުރުގަ ހުންނާނީ ކިހިނެއް؟..." ކެވިންގެ އަޑުގައި ވަނީ ހަމްދަރުދީ އާއި ރިހުމެވެ. "އަހަރެން ބޭނުމެއް ނޫން ޖިލް ލައްވާ ގަދަކަމުން އެއްވެސް ކަމެއް ކުރުވާކަށް... އެކަމަކު، އަހަރެންގެ އެކަނިވެރިކަން އަހަންނަށް އެކަން ކުރަން އެބަ މަޖުބޫރު ކުރުވާ..."

ޖިލްވާއަށް ދެލޯ މަރައިލެވުނެވެ. ހަދަންވީ ގޮތެއް ނޭނގުނު ތަނުގައި ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެ ދުވަހު، އޭނަ ހުރިހާ ކަމެއް ކުރީ ދަރިފުޅަށްޓަކަ އެވެ. އެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ފަހުން ވާނެ ގޮތަކާއި މެދު ވިސްނައިލާކަށްވެސް އެދުވަހު ޖިލްވާ ބޭނުމެއް ނުވިއެވެ.

"ކެވިން!..." ޖިލްވާ ގޮވައިލީ އެތައް ހާސް މާނައެއް ދޭހަވާފަދަ ރާގަކަށެވެ. "އަހަރެން އަދި އެއްވެސް ކަމަކަށް ތައްޔާރެއް ނޫން... ވިސްނާލަން ވަގުތުކޮޅެއް ދެވިދާނެތަ؟..."

"ތިކަމަކާ އަހަރެން ދެކޮޅެއް ނުހަދާނަން... އެކަމަކު، އަހަރެން މިހާރު ބޭނުންވަނީ އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ދާން..." ކެވިންގެ އަޑު ޖިލްވާގެ ކަންފަތުގައި ޖެހުނީ ހޮނު ގުގުރިއެއްގެ އަޑަށް ވުރެވެސް ބިރުވެރިކޮށެވެ. "އަހަންނަށް މާފުކުރޭ ޖިލް... ޖިލް ދެރަކުރުމުގެ އެއްވެސް ނިޔަތެއް އަހަރެންގެ ނެތް..."

ކެވިން ނުކުމެގެން ދިޔުމުން ޖިލްވާއަށް ގިސްލާފައި ރޯން ފެށުނެވެ. ހަދާނޭ ގޮތް ހުސްވިއެވެ. ޔޫންގެ ފުރާނަ ސަލާމަތް ކުރުމަށް، ކެވިން އާއިއެކު ޖިލްވާ އެއްބަސްވުމެއްގައި ސޮއިކުރީ، ފަހުން ވެދާނެ ގޮތަކަށް ކުޑަކޮށްވެސް ވިސްނައިލުމެއް ނެތި އެވެ. އޭރު ޖިލްވާގެ ހިތުގައި ވީ ކޮންމެ ގޮތަކުންވެސް ޔޫންގެ ސަލާމަތް ކުރުމެވެ.

ޖިލްވާ ވިސްނައިލި އެވެ. ހުރިހާ ކަމެއް ޒެނިލް އާއި ޚިއްސާކުރަންވީ ހެއްޔެވެ؟ އެކަމަކު އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ މައްސަލަތަކަށް ހައްލެއް ލިބިދާނެ ހެއްޔެވެ؟ ނޫނީ އެކަންތައް ވާނީ އިތުރަށް ގޯސް ހެއްޔެވެ؟

އެ ހުރިހާ ވާހަކައެއް އިވޭ ހިސާބުގައި ޖުއާން ހުއްޓެވެ. ހައިރާންކަމުން ފުރިގެންވީ ދެލޮލުން ފެންނަމުން ދިޔައީ، އެކި ޝުއޫރުތަކެވެ.

********

އެތައް އިރެއް ފަހުން، ޖިލްވާ ކޮޓަރިއަށް ދިޔައީ އޮރެންޖް ޖޫސްތައްޓެއް ހިފައިގެންނެވެ. ޒެނިލް އޮތީ، އެއް އަރިއަކަށް ވާހެން އެނދުގައި އޮށޯވެލައިގެންނެވެ. ޒެނިލްގެ ކައިރީގައި ޔޫންވެސް އޮތީ އަރާމުކޮށް ނިދާލާފަ އެވެ. ދެމީހުން ވައްތަރުކަމުން، ޖިލްވާއަށް ހުރެވުނީ ކަޅި ޖަހާވެސްނުލައި ފަހަރަކު މީހެއްގެ މޫނަށް ބަލާށެވެ. ސައިޑް ޓޭބަލް މަތީގައި ޖޫސްތަށި ބަހައްޓާފައި ޖިލްވާ ގޮސް ޒެނިލްގެ ކައިރީގައި އިށީނދެލި އެވެ.

ދެލޯ މަރާލައިގެން އޮތްއިރު، ޒެނިލްގެ ނިތްކުރިން ވަނީ ފިނި ދަލެއް ހިއްލާލާފަ އެވެ. އުނދަގޫ ގޮތަކަށް ނޭވާލަމުން ދިޔައިރު، ދެފައި ކުރުކޮށްލައިގެން އޮތްގޮތުން، ޒެނިލްގެ ހާލު ރަނގަޅު ނޫންކަން ޖިލްވާއަށް އެނގުނެވެ.

"ޒެލް!... ޒެލް!..." ޖިލްވާ ދެތިން ފަހަރަކު ގޮވައިލި އެވެ.

ޒެނިލް ލޯ ހުޅުވައެއް ނުލި އެވެ. ކޮނޑުގައި ހިފައި ތަޅުވައިލުމުންވެސް، ލޯ ހުޅުވައިނުލުމުން ޖިލްވާ ކަންބޮޑު ވިއެވެ.

"ބަލީތަ ޒެލް؟.... ހާދަ ހޫނޭ..." ޒެނިލްގެ ނިތްކުރީގައި އަތް ޖައްސައިލަމުން ޖިލްވާ އަހައިލި އެވެ.

ޒެނިލް ކުޑަކުޑަކޮށް ލޯ ހުޅުވައިލި އެވެ. ޖިލްވާގެ އަތް ދުރުކުރި އެވެ.

"ޖޫސްތަށި ބޯލަންވީނު..." ޖިލްވާ އެދުނެވެ.

"މިތަނުން ދޭ..." ޒެނިލް ބުންޏެވެ.

"ޒެލް!..." ޝަކުވާގެ ރާގަކަށް ޖިލްވާ ގޮވައިލި އެވެ. "ހުން އައިއްސައޭ ތިއޮތީ... މި ޖޫސްތަށި ބޯލަބަލަ..."

"އަހަންނާ ދޭތެރޭ ވިސްނާނެ މީހަކު ނެތެއްނު..." ޖިލްވާ ކުށްވެރިކުރާ ރާގަކަށް ޒެނިލް ބުންޏެވެ.

"ކުޑަކުދިން އުޅޭހެން ނޫޅެބަލަ..." ޒެނިލްގެ ބޯ، ހިއްލައިލަން މަސައްކަތް ކުރަމުން ޖިލްވާ ބުންޏެވެ. "ތެދުވެގެން މި ޖޫސްތަށި ބޯލާ..."

ޒެނިލް ކުއްލިއަކަށް ތެދުވި އެވެ. ޖިލްވާގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް، ބެލްކަންޏަށް ނެރުނެވެ. ޖިލްވާގެ ދެކޮނޑުގައި ހިފައި ފާރުގައި ޖައްސައި ގުޑިނުލެވޭ ވަރަށް ހިފަހައްޓައިލި އެވެ. ޖެހެންފެށި ފިނި ރޯޅިތަކުން، ޖިލްވާގެ ހަށިގަނޑު ތުރުތުރުއަަޅައިގެން ދިޔަ އެވެ. ޒެނިލްގެ ހާލަކީވެސް އެއީ އެވެ. އެކަމަކު ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން، ދެ ދަތްޕިލަ ގުޑަމުން ދިޔަ އިރުވެސް، އޭނަ ހުރީ ގޮތްދޫނުކުރަން ނިންމައިގެންނެވެ.

ޒެނިލްގެ ހަރަކާތްތައް އަވަހެވެ. ޖިލްވާ ކުޑަކޮށް އުފުލައިލުމަށްފަހު މޫނާއި ދިމާއަށް ގުދުވެލި އެވެ. ކުރެވިގެންދިޔަ އިހުސާސާއިއެކު ޖިލްވާއަށް ދެލޯ މަރައިލެވުނެވެ. އަމިއްލަ ހަށިގަނޑުގެ މައްޗަށް ޖިލްވާގެ އެއްވެސް އިޙްތިޔާރެއް ނެތް ކަހަލަ އެވެ.

ޒެނިލް ހިތްފުރޭވަރު ވުމުން ޖިލްވާ އާއި ދުރަށް ޖެހިލި އެވެ. އޭރުވެސް ދެލޯ މަރައިލި ގޮތަށް ޖިލްވާ ހުރީ ލޯ ހުޅުވައިލަން ބޭނުން ނުވެފަ އެވެ. ޒެނިލް މަޑުކޮށްލައިގެން ހުރީ ޖިލްވާ ލޯ ހުޅުވައިލަންދެނެވެ.

"ޖިލްއަށް އަދިވެސް އަހަރެން ފެންނަނީ ކުޑަކުއްޖެއްހެންތަ؟... އަހަރެންގެ އިހުސާސްތައް ޖިލްއަށް އެނގޭނީ ކިހިނެއް ހެދިއްޔާތަ؟..." ޖިލްވާގެ އަތް އުފުލައި، މޭގައި ޖައްސައިލަމުން، ޒެނިލް އަހައިލި އެވެ.

ކުށްވެރިއެއްހެން ޒެނިލްގެ ދެލޮލަށް ބަލަން ޖިލްވާ ހުއްޓެވެ. ކޮންމެ ފަހަރަކު އެއްޗެއް ބުނަން އުޅެފައި، ހުއްޓައިލަނީ އެ ހިއްވަރު ނެތުމުންނެވެ. ޖިލްވާގެ ބޮޑު ދެލޯ ފުރިގެން ކަރުނަތައް ބަންޑުންވާން ފެށި އެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް، ޒެނިލްދެކެ އޭނައަށް އިންތިހާއަށް ލޯބި ވެވިއްޖެ އެވެ.

ޒެނިލްއަށް ޖިލްވާގެ ގައިން ދޫކޮށްލެވުނެވެ. އޭނަގެ މަގުސަދަކީ ޖިލްވާ ދެރަކުރުމެއް ނޫނެވެ. ގަދަކަމުން ޖިލްވާގެ ލޯބި ހޯދުމެއްވެސް ނޫނެވެ. އެކަމަކު، ޖިލްވާގެ ހިމޭންކަން، ޒެނިލްގެ ހިތުގައި ނުފިލާނޭ ކޫރުމެއް އަޅުވާލައިފިއެވެ. ދެޖީބަށް އަތް ޖަހައިލަމުން ޒެނިލް ޖިލްވާއަށް ފުރަގަސް ދިނެވެ.

"އަހަންނަށް މާފުކުރޭ..." ޒެނިލްގެ ފުރަގަހުން ބައްދައިލަމުން ޖިލްވާ ބުންޏެވެ. "ހަގީގަތް އެނގިއްޖެއްޔާ ޒެލް އަހަރެންދެކެ ފޫހިވާނެ..."

ޒެނިލް މަޑުމަޑުން ޖިލްވާ އާއި ދިމާއަށް އެނބުރުނެވެ. ޖިލްވާއަށް އޭނަގެ ދެއަތުގެ ހިމާޔަތް ދިނެވެ.

"ޖިލް އަދިވެސް އަހަންނާ ދޭތެރޭ ދެކެނީ ތިހާ ގޯސްކޮށްތަ؟... އަހަރެން މީ މިހާރު ބައްޕައެކޭ... ޒިންމާދާރު ފިރިއެއްގެ މަޤާމު ފުރޭތޯ އަހަރެން މި މަސައްކަތް ކުރަނީ..." ފިނިވެފައި ހުރި ޖިލްވާ ދެއަތުގެ ތެރޭގައި ބޮނޑިކޮށްލައިގެން ހުރެ، ޒެނިލް ވާހަކަ ދެއްކި އެވެ.

"ޒެލް އަހަންނާ ތިހެން ވާހަކަ ދައްކާނަންތަ، އަހަރެން އެހެން މީހަކާ..." ޖިލްވާއަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

ޒެނިލް ކުއްލިއަކަށް ޖިލްވާ ދުރުކޮށްފައި އެ މޫނަށް ބަލައިލި އެވެ. ޖިލްވާ ބުނަން އުޅޭ އެއްޗެއް ގަބޫލު ކުރަން ދަތިވެފައިވާ ކަހަލަ ނަޒަރަކުންެނެވެ. ޖިލްވާގެ މޫނުގެ ކުލަވަރު ހުރީ ސަމާސާއެއް ކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

"ކާކު؟... ކޮން ކަމެއް ކުރީ؟..." ޒެނިލްގެ ހިތް ތެޅިގަތެވެ.

"ޒެލް!... އަހަންނަށް އޮތީ ދެ ގޮތް..." ޖިލްވާ ބުންޏެވެ.

"ކޮން ދެގޮތެއް؟..." ހިތް އަވަސްވެފައިވާ ހާލު ޒެނިލް އަހައިލި އެވެ.

"އެއްގޮތަކީ ޔޫން ދޫކޮށްލުން... އަނެއްގޮތަކީ، ޒެލް ދޫކޮށްލުން...." ޖިލްވާ ދެލޯ މަރައިލި އެވެ. "އަހަންނަށް ޖެހޭނީ ކޮންމެވެސް އެއް ގޮތެއް ނިންމަން..."

"ދޫކޮށްލާށޭ؟... ކީއްވެ؟..." ޒެނިލްގެ ކެތްތެރިކަން ކޮޅުންލާން ކައިރިވިއެވެ.

"އެއީ، އެއީ، ޔޫންގެ ފުރާނައިގެ ބަދަލު ދޭން ޖެހޭ ގޮތް..." ޖިލްވާގެ ފަހު ޖުމްލަ އާއިއެކު، މަޑު ގިސްލުމުގެ އަޑު އިވިގެން ދިޔަ އެވެ. "ޒެލް!... އަހަރެން ވެސް އުފަލެއް ނުވެއޭ..."

"ކީކޭ ތި ކިޔަނީ؟..." ޒެނިލް ޖިލްވާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. "އަހަންނަށް އެކައްޗެއްވެސް ނުވިސްނޭ..."

"ޒެލްގެ ކުރިމަތީ ޔޫން އެހުރީ، އެހެން މީހެއްގެ އިހުސާންތެރިކަމުގެ ސަބަބުން... އެކަމުގެ ބަދަލު އަހަރެން ދޭންޖެހޭނެ... އެއީ އަހަރެން އެއްބަސްވި ގޮތް..." ޖިލްވާގެ އަޑުގައި އެތައްހާސް ރިހުމެއްގެ އަސަރު ވިއެވެ.

(ނުނިމޭ)

comment ކޮމެންޓް