ހީކުރި ވަރަށް އިގްތިސާދު ކުރިނޭރި، އޯވަ ޑްރާފްޓްކުރި އަދަދު ނުދެއްކުނު

މާލޭގެ ބާޒާރުމަތި ހަލަބޮލިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕަބްލިކް ބެންކު އެކައުންޓުން އޯވާ ޑްރާފްޓްކޮށްފައި ހުރި އަދަދު ކުރު މުއްދަތެއްގެ ތެރޭގައި އަނބުރާ ދެއްކުމަކީ ދަތިކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުމަށް ދީފައިވާ އިސްތިސްނާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މަޖިލީހަށް ފޮނުއްވި ސިޓީ އާއެކު އެކަމުގެ ތަފްސީލު ހާމަކުރައްވާ މިނިސްޓަރު ވިދާޅުވެފައިވަނީ ކޮވިޑު ކޮންޓުރޯލުކުރުމަށް އުއްމީދީ ނިޝާންތަކެއް ފެނި، ބޯޑަރު ހުޅުވާލުމާއެކު އިގުތިސޯދީ ދުވެލި ކުރިއަރައި، ފަތުރުވެރިކަން ކުރިއެރި ނަމަވެސް، މިހާތަނަށްވެސް ބަލިމަޑުކަމުން އަރައިގަނެވިފައި ނުވާތީ އާއި، އިގުތިސޯދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމާއެކު ކުރު ޕަބްލިކް ބޭންކު އެކައުންޓުގެ އޯވާ ޑްރާފްޓު ކުރު މުއްދަތެއްގެ ތެރޭގައި ދެއްކުމަކީ ދަތިކަމަކަށް ވާނެ ކަމަށެވެ.

އެގޮތުން އެ އަދަދު އަނބުރާ ދެއްކުމަކީ ކޭޝްފްލޯ މެނޭޖުކޮށް މި އަހަރުގެ ބަޖެޓު ތަންފީޒު ކުރުމަށްވެސް ދަތިވާނެ ކަމެއް ކަމަށާއި ފައިނޭންސް ހޯދުމަށް ދަތިތައް ހުރުމާއެކު، ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނަށް ދީފައުވާ އިސްތިސްނާތައް އިތުރު އަހަރަކަށް ދަންމާލުމަށް ވަނީ އެދިފަ އެވެ.

މުއްދަތު އިތުރު ކުުރުމަށް އެދިފައިވަނީ ކޮވިޑުގެ ބަލިމަޑުކަން މުޅިން ކޮންޓްރޯލު ކުރެވިފައި ނުވާތިއްޔާއި އިގުތިސޯދު ރަނގަޅުވިޔަސް، ކޮވިޑުގެ ކުރިން ހުރި ހާލަތަށް ދިޔުމަށް އަދި ވަގުތު ނަގާނެތީ ކަމަށް ވަނީ ބުނެފައެވެ. އަދި ޕަބްލިކް ބޭންކު އެކައުންޓުން އޯވާޑްރޯ ކުރި އަދަދު ގާނޫނުގައިވާ ލިމިޓަށް މި އަހަރު ދަށްކުރުމަކީ ދަތިކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީ އިން ފޮނުވި ލިޔުމުގައި ފާހަގަކޮށްފައިވާގޮތުން މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ޕަބްލިކް ބެންކު އެކައުންޓުން 2.8 ބިލިއަން ރުފިޔާ ވަނީ އޯވާ ޑްރާފްޓުކޮށްފަ އެވެ. ދައުލަތުގެ ހަރަދަށް ޒިްމާވުމުގެ ގާނޫނުގައި ބުނާ މިންވަރަށް އޯވާ ޑްރާފްޓު ދަށްކުރާނަމަ، އެ އަދަދު ހުންނަން ޖެހޭނީ 170 މިލިއަން ރުފިޔާގައި ކަމަށާއި މިއީ ކުރު މުއްދަތެއްގައި ބޮޑު އަދަދެއް ފައިނޭންސް ކުރަން ޖެހޭނެ، އަދި ބޮޑެތި ހިރާސްތައް ހުރި ކަމެއް ކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ރާއްޖޭގެ މާލީ ބާޒާރުން ބޮޑު އަދަދެއް ކުރު މުއްދަތެއްގެ ތެރޭ ހޯދޭނެ ކަމަށް ނުބެލެވޭ ކަމަށާއި ބައިނަލްއަގުވާމީ މާލީ އެހީދޭ ފަރާތްތަކާއި އެހީ ދޭ ގައުމުތަކުން ކުރުމުއްދަތެއްގެ ތެރޭގައި ރީފައިނޭންސް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އަދި ބައިނަލްއަގުވާމީ މާލީ ބާޒާރުން ޕަބްލިކް ބެންކުގެ އޯވާ ޑްރޯ އަދާކުރުމަށް ބޭނުންވާ ފައިސާ ހޯދަން މިއީ އެންމެ އެކަށީގެންވާ ވަގުތު ނޫންކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ކުރު މުއްދަތެއްގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުގެ ހަރަދުތަކުގެ ކޮންޓްރޯލު ވަރުގަދަ ކުރަންޖެހިފައިވާ ކަމަށެވެ. މިނިސްޓްރީ އިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި އަހަރުގެ މެއި މަހުގެ ނިޔަލަށް ދައުލަތުގެ ކޭޗްފްލޯގެ ކްލޯޒިން ބެލެންސްގައި ހުންނާނެ ކަމަށް ލަފާކުރެވެނީ 2.1- ބިލިއަން ރުފިޔާ އެވެ. އަހަރުގެ ނިޔަލަށް ކޭޝްފްލޯ ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 1.9- ބިލިއަން ރުފިޔާގައެވެ.

https://sun.mv/151290

comment ކޮމެންޓް