ތިން ސެންޓަރެއްގެ ވެކްސިން ކިޔޫ އޮންލައިންކޮށް ބެލޭނެ

ފެބްރުއަރީ 9، 2021: ކޮވިޑް ވެކްސިން ކިޔޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ތިން ވެކްސިން ސެންޓަރުގެ ކިޔޫ ސްޓޭޓަސް އޮންލައިންކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ރޯދަ މަހު ވެކްސިން ޖަހައިދޭން ފެށީ ކޮންމެ ރެޔަކު ވެސް ރޭގަނޑު 21:00 އިން 23:00 އަށެވެ. ކޮންމެ ރެޔަކު ވެސް ވެކްސިން ސެންޓަރުތަކުގެ ބޭރުގައި ބޮޑެތި ކިޔޫތައް އޮވެ އެވެ.

އެއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ވެކްސިން ޖަހައިދޭ ވަގުތު، 23:45 ށް އިތުރުކޮށްފަ އެވެ. ނަމަވެސް ވެކްސިން ޖަހަންދާ މީހުން ގިނަކަމުން، ކިޔޫގައި އެތައް ގަޑިއިރެއް ތިބެންޖެހޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އެޗްޕީއޭ އިން ބުނީ އެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ކިޔޫ ސްޓޭޓަސް އޮންލައިންކޮށް ބެލޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އޮންލައިންކޮށް ކިޔޫ ނަންބަރު ބެލޭނީ ތިން ސެންޓަރެއްގެ އެވެ. އެއީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލަރީ އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރެވެ. މިއީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދެމުން އަންނަ ސެންޓަރުތަކެވެ.

އެޗްޕީއޭ އިން ބުނީ ކިޔޫ ނަމްބަރު ނެގުމަށް ފަހު، އޭގައިވާ ކިއުއާރު ކޯޑު ސްކޭންކޮށްލުމުން، ކިޔޫ ސްޓޭޓަސް ފެންނާނެ ކަމަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ސެންޓަރުތައް:

  • ސޯޝަލް ސެންޓަރު - 21:00 ން 23:45 އަށް
  • ނެޝަނަލް އާޓް ގެލަރީ 21:00 ން 23:45 އަށް
  • ރައްޔިތުންގެ މަޖްލިސް 21:00 ން 23:45އަށް
  • ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ހުޅުމާލޭ ފްލޫ ކްލިނިކް ހުރި އިމާރާތް) 21:00 އިން 23:45އަށް
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު 21:00 ން 23:45އަށް
  • ސެނަހިޔާ 21:00 އިން 23:45 އަށް

ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވޭނެ ސެންޓަރުތައް:

  • ޓްރީޓޮޕް ހޮސްޕިޓަލް 21:00 އިން 23:45އަށް


ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:

  • ވެކްސިން ކާޑް ގެންދިއުމަށް (2 ވަނަ ޑޯޒް ޖަހާ ފަރާތްތައް)
  • އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
  • ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
  • ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން
comment ކޮމެންޓް