ދީނުން ފިލާވަޅެއް: ދާރިސުންގެ އަދަބު

ގޭތެރޭގެ މާހައުލުން ބޭރުން އެތަނެއްގައި އަހަރެމެން ކޮންމެ މީހެއްވެސް އެންމެ ގިނަ ވަގުތު ހޭދަކުރާ އެއްތަނަކީ ސްކޫލް މަދަރުސާތަކާއި ކޮލެޖު ޔުނިވާސިޓީތަކެވެ. އުނގެނުމާއި އުނގަންނައިދިނުމުގެ ބިޔަ ބޮޑު މަސައްކަތްތައް މި ހަތަރު ފާރުތަކުގެ ތެރޭގައި ހިނގާއިރު އެއްކޮޅުގައި މި ތިއްބަވަނީ އެދެރުންނާއި އުސްތާޒުންނާއި މުދައްރިސުންނެވެ. އަދި އަނެއްކޮޅުގައި ތިބެނީ އުނގެނޭ ދަރިވަރުންނެވެ. މި ދެފަރާތުގެ ދެމެދުގައި ވަރަށް މަތިވެރި އަދަބު އިޚްތިރާމުގެ ގުޅުމެއް އޮތުމަކީ ވަރަށް މުހިންމުކަމެކެވެ.

އިލްމު އުނގެނި ދަސްކުރުމަށް ބޭނުންވާ ކިޔަވާކުއްޖަކަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ އެ އިލްމު ލިބޭ ފެންއާރުގެ އަގުވަޒަންކުރުމެވެ. މުދައްރިސުންގެ މުހިންމުކަން ދަނެ، ތިމާގެ ލޯތްބާއި އިޚްތިރާމު ދެއްކުމެވެ.

ދީނުން ފިލާވަޅެއްގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ މިއަދު ކިޔައިދެއްވާ ވާހަކައިން އަހަރެމެންނަށް ލިބޭ އެންމެ ބޮޑު އިބްރަތަކީ މިއީ އެވެ.

މޫސާގެފާނާއި ހިދްރުގެފާނާއި ދެމެދުގައި ހިނގައިދިޔަ މި ހާދިސާ ވަނީ ކަހަފް ސޫރަތުގައި މާތްﷲ ވަހީކުރައްވާފައެވެ. ހިދްރުގެފާނު ބޭނުންފުޅުވީ މޫސާގެފާނަށް ކަންތައްތަކެއް އުނގަންނައިދީ ދަސްކޮށްދެއްވުމަށެވެ. އެހެންނަމަވެސް މޫސާގެފާނާއި އެކަލޭގެފާނުގެ އެދުރު ކަމުގައިވާ ހިދްރުގެފާނާއި ދެމެދުގައި ކަންތައްތައް ރޭވިފައިވޭ ގޮތުން ބޭރުން ބައެއްކަންކަން ދިޔައެވެ. އަދި ވާހަކަތައް ކުރިމަރާލާފަދަ ގޮތަކަށް ސުވާލުކުރައްވަމުން ގެންދެވިއެވެ. އެހިނދު ހިދްރުގެފާނު ވިދާޅުވިއެވެ.

"ކަލޭގެފާނު ތިމަންކަލޭގެފާނުގެ އަރިހުގައި ކަންތައްތައް އުނގެނި ދަސްކުރުމަށް ކެތްތެރިކަމެއް ލިބިވަޑައިގެންފައި ވާނެތޯ ނުވަތަ ނޫންތޯ އެވެ."

މި ބަސްފުޅުން އެގިގެންދިޔައީ މުދައްރިސު ކިޔަވައިދެއްވާއިރު، މަޑުމައިތިރިކަމާއިއެކު ކަނުލާ އަޑުއަހަން އިނުމުގެ މުހިންމުކަމެވެ. އަދި ދައްކަވަމުންދާ ވާހަކަކޮޅު ނުނިމެނީސް ކުރިމަރާލައި ދަރިވަރު ބޭނުންވާ ވާހަކަތައް ދެއްކުމަކީ އެދެވިގެންވާ ކަމެއް ނޫންކަމެވެ.

މިއީ ވަރަށް ގިނައިން އަހަރެމެންގެ ސްކޫލްތަކުގައި ފެންނަ މަންޒަރެކެވެ. ސުވާލުކުރުމަކީ ރަނގަޅު ކަމެއް ކަމުގައިވިޔަސް މުދައްރިސު ފިލާވާޅު ރަނގަޅަށް ކިޔައިދެއްވާ ނިމެންދެން ދަރިވަރުންގެ ސުވާލުތައް މަޑުކޮށްލުމަކީ ރީތި އާދައެކެވެ.

"ކަމެއް އުނގެނެން ބޭނުންވާ މީހާއަށް އަޑުއެހުން އެއީ ވަރަށް މުހިންމުކަމެއް ކަން. އަދި ހަމަހިމޭން މާހައުލެއްގައި މުދައްރިސަކު ދައްކަވާ ވާހަކަ އަޑުއެހުމުގެ ކުޅާދާނަކަމާއި ކެތްތެރިކަން އިސްކުރުމަކީ އެންމެ މުހިންމު އެއް އަދަބު" ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

comment ކޮމެންޓް