ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފިދާނެ: ވޯލްޑް ބޭންކް

ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ބޭނުން ރާއްޖެއަށް ހިފިދާނެ ކަމަށް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

މިއަދު ނެރުނު "ވޯލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އަ ޑިޖިޓަލް ޑޯން" ރިޕޯޓްގައި ބުނެފައި ވަނީ ކޮވިޑަށް ފަހު މިހާރު ރާއްޖެ އޮތީ އިގްތިސާދީ ރަނގަޅު ހާލަތަކަށް އަނބުރާ އައުމުގެ މަގުމަތީގައި ކަމަށެވެ.

އެގޮތުން، ކާމިޔާބު މާކެޓިން ކެމްޕެއިންތަކާއި ފަސޭހަކަމާއެކު ރާއްޖެ އެތެރެވެވޭ ގޮތަށް އިންތިޒާމްތައް ރާވާފައި އޮތުމުގެ ސަބަބުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިވެހިރާއްޖެ އަށް ގާތްގަނޑަކަށް 300،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރި އެވެ. މި އަހަރު އެއް މިލިއަން ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ލަފާކުރާ ނަމަ، ދިވެހިރާއްޖޭގެ އިގްތިސާދު މި އަހަރު ކުރިއަރާނީ 17.1 އިންސައްތަ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރި އެވެ.

ކޮވިޑާ ހެދި ބޯޑަރު ބަންދު ކުރަން ޖެހުމުން، ދިވެހިރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 70 އިންސައްތަ ދަށަށް ގޮސް، 2019 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުން ގާތްގަނޑަކަށް 30 އިންސައްތަ ދަށަށް ދިޔަ އެވެ. އަދި އެއާއެކު ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަގީރުންގެ ނިސްބަތް ވަގުތީ ގޮތުން އިތުރުވެފައިވާ ކަމަށްވެސް ވޯލްޑް ބޭންކުން ލަފާ ކުރި އެވެ.

އެ ރިޕޯޓްގައި ހިމެނޭ ހާއްސަ ބާބުގައި، ވަނީ ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓުގެ ހިދުމަތް ފުޅާވެފައިވާ މިންވަރުގެ ސަބަބުން ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުން އައި ބަދަލުވުމުގެ ދުވެލި ކޮވިޑާ ހެދި ބާރުވެފައިވާ ކަމަށެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުން އިންޓަނެޓްގެ ހިދުމަތް ބޭނުންކުރާ ކަމަށް 2019 ގެ ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާ އަދި މި ސަރަހައްދުން ބޭރުންވެސް ރާއްޖެ ފަދަ ގައުމުތަކަށް ވުރެ މަތީ އަދަދެކެވެ.

ހާއްސަކޮށް އަތޮޅުތެރޭގައި ސިއްހީ އަދި ތައުލީމީ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ދިނުމަށާއި ކާރިސާތަކުން އަރައިގަތުމުގެ މަސައްކަތުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފޭނެ ގޮތްތައް ގިނަ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކުން އިތުރަށް ބުނީ، ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ސިޔާސަތު ބައްޓަންކުރުމުގަ އާއި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ. ހަމައެއާއެކު، ހުރިހާ ދިވެހިންނަށްވެސް ޓެކްނޮލޮޖީގެ އާ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ދިވެހިންގެ ގާބިލްކަމާއި ހުނަރު އިތުރުކުރަންވެސް ޖެހޭ ކަމަށް ބުންޏެވެ.

"މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ސަރުކާރުން ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއެކު، ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދުމުގެ މަގުފަހިވެގެންދާނެ،" ރިޕޯޓްގެ ހާއްސަ ސެކްޝަން ލިޔުއްވި ޖުންކޯ ނަރިމަޓްސޫ ވިދާޅުވި އެވެ.

"އެހެން ނަމަވެސް، ރާއްޖޭގެ އިގްތިސާދު އަނބުރާ ބިނާކުރުމުގެ މަސައްކަތުގައި ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ދައުރު މިހާރަށް ވުރެ ފުޅާކުރުމަށްޓަކައި މި ދާއިރާގައި މާލެ އާއި އަތޮޅުތެރޭގެ މެދުގައި އޮތް ފަރަގު ނައްތާލަންޖެހޭ."

ކޮވިޑުގެ ހާލަތުން އަރައިގަންނަ އިރު މާލީ އަދި ދަރަނީގެ ގޮންޖެހުންތައް ހައްލުކުރުމުގެ މުހިންމުކަން ބޮޑު ކަމަށްވެސް ވޯލްޑް ބޭންކުން ބުންޏެވެ. މިދިޔަ އަހަރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް ގާތްގަނޑަކަށް 900 މިލިއަން ޑޮލަރު ނުވަތަ އެ އަހަރުގެ ލަފާކުރެވޭ ޖީޑީޕީގެ ނިސްބަތުން 20 އިންސައްތަ އަށް އަރާފައިވެ އެވެ. ޖުމްލަ އަދި ގެރެންޓީ ދީގެން ނަގާފައިވާ ދަރަނި 5.6 ބިލިއަން ޑޮލަރު ނުވަތަ 2020 ގެ ލަފާކުރެވޭ ޖީޑީޕީގެ ނިިސްބަތުން 140 އިންސައްތަ އަށް އަރާފައިވެ އެވެ.

އިގްތިސާދު ރަނގަޅުވާން ފަށާފައިވީ ނަމަވެސް ރާއްޖޭގެ ފިސްކަލް ޑެފިސިޓް އަދި ދަރަނީގެ ނިސިބަތް މެދު ރާސްތާގައި މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުން ދިވެހިރާއްޖެއާއި ސްރީ ލަންކާ އަދި ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒާވޮސް ވިދާޅުވީ ރައްކާތެރި ގޮތެއްގައި ފަތުރުވެރިކަން ހުޅުވުމާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ދިވެހި ސަރުކާރުން ދައްކައިދީފައިވާ ކަމަށެވެ.

"ރާއްޖޭގެ މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށް ކުރެވޭ މަސައްކަތްތަކާއެކު، އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިން ދަމަހައްޓަމުން އަންނަ މަގާމާއި ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވެމުން އަންނަ އިންވެސްޓްމަންޓްތަކުގެ ސަބަބުން، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް އަކީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތާއި، ތަރައްގީއަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވޯލްޑް ބޭންކުން އެކުލަވާލާ ރިޕޯޓެކެވެ.

comment ކޮމެންޓް