މާޗް މަހު އިމްޕޯޓާއި އާމްދަނީ އިތުރު، އެކްސްޕޯޓް ދަށަށް

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ

ހުސްވި މާޗް މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު ދަށްވި ނަމަވެސް، އެތެރެ ކުރި މުދަލާއި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖެއިން މުދާ ބޭރުކުރި މިންވަރު ވަނީ 21 ޕަސެންޓް ދަށްވެފަ އެވެ.

އެގޮތުން، ނިމުނު މާޗް މަހު 301 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 380 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެ އެވެ.

ރާއްޖެއިން ބޭރު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. ދެވަނަ އަށް ޖަޕާނަށެވެ. އަދި ތިންވަނައަށް އިންޑިއާށެވެ.

އިމްޕޯޓަށް ބަލާއިރު، މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެ އެތެރެކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ މާޗު މަހު އެ އަދަދު ވަނީ 3.6 ބިލިއަނަށް އިތުރުވެފަ އެވެ. އެއީ، 13 ޕަސެންޓްގެ އިތުރުވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ އަދި ސިންގަޕޫރެވެ. އޮމާންއިން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން 439 މިލިއަން އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު މިއަހަރުގެ މާޗު މަހު 13 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މާޗު މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 235 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ މާޗު މަހު ލިބުނީ 266 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް