އެމެރިކާ ބައެއް އިސް ވެރިން ރަޝިއާއަށް ވަނުން މަނާކޮށްފި

ޕޫޓިން އާއި ބައިޑެން

މޮސްކޯ (އެޕްރީލް 17) : ރަޝިއާއާ ދެކޮޅަށް، އެމެރިކާ އަޅަމުން ގެންދާ ދަތިކުރުމުގެ ފިޔަވަޅު ތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ އިސް ބައެއް މަސްއޫލުވެރިން ރަޝިއާއަށް ވަނުން މަނާކޮށް އެމެރިކާގެ ބައެއް ޑިޕްލޮމޭޓުންވެސް ރަޝިޔާއިން ބޭރުކޮށްލުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވަމުން ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލަވްރޯލް ވިދާޅުވީ އެމެރިކާގެ ކަންތައް މާމައްޗަށް ހިނގައްޖެ ކަމަށާ އެމެރިކާއާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހުނީ އެގައުމު މައިތިރި ކުރުމުގެ ގޮތުން ކަމުގައެވެ. ރަޝިއާގެ ޚާރިޖިއްޔާއިންވަނީ މޮސްކޯގައި ހުންނަވާ އެމެރިކާގެ ސަފީރު ހާޒިރުކޮށް ވަރަށް ހަރުކަށި އިންޒާރުތަކެއް އޭނާއަށް ދީފައެވެ. މީގެތެރޭގައި ރަޝިއާއިން ފުރުމަށް އޭނާއަށް އެންގުންވެސް ހިމެނެއެވެ. ރަޝިއާގެ ޚާރިޖީ ވަޒީރު ލަވްރޯލް ވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ.

އެމެރިކާއިންވަނީ ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން ވޮޝިންޓަންގައި ތިބޭ ރަޝިއާގެ ބައެއް ޑިޕްލޮމޭޓުން އެގައުމުން ބޭރުކޮށްލާފައެވެ. މީގެއިތުރުން ރަޝިއާގެ އެތަށް މަސްއޫލުވެރިއަކާ ދެކޮޅަށް އެމެރިކާއިންވަނީ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ.

އެމެރިކާއިން މިފިޔަވަޅުތައް އަޅާފައިމިވަނީ ރަޝިއާގެ މައްޗަށް އެތަށް ތުހުމަތުތަކެއް ކުރުމަށްފަހުގައެވެ. އެމެރިކާގެ ތުހުމަތު ތަކުގެތެރޭގައި އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ރަޝިއާއިން މަސައްކަތް ކުރުމާއި އެމެރިކާގެ ހައްސާސް ތަންތަނަށް އަމާޒުކޮށްގެން ވަރުގަދަ ސައިބާ ހަމަލާތަކެއް ދިނުން ހިމެނެއެވެ. މިގޮތުން އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކެމްޕޭނަށް ހުރަސް އެޅުމާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ދެމެހެއްޓުމަށް ރަޝިޔާއިން ޖާސޫސީ ހަރަކާތްތައް ހިންގުން ހިމެނޭކަމަށް ބައިޑެންގެ ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ.

އަދި އެމެރިކާއާ ގުޅިގެން އުޅޭ ރަޝިއާގެ އަވަށްޓެރި ގައުމެއް ކަމަށްވާ ޔުކްރޭންއާ ދެކޮޅަށް ރަޝިއާއިން އަސްކަރީ ހަރަކާތްތައް ހިންގައި ބައިނަލްއަގުވާމީ އަމްނާއި ސުލްހަ ނަގަލުމަށް ރަޝިއާއިން މަސައްކަތް ކުރާކަމުގެ ތުހުމަތުތައް ވެސް އެމެރިކާވަނީ ރަޝިއާގެ މައްޗަށް ކޮށްފައެވެ. މީގެއިތުރުން ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަވަހާރަކޮށްލަން މަސައްކަތް ކުރާކަމަށްވެސް އެމެރިކާ ވަނީ ތުހުމަތު ކޮށްފައެވެ.

މި ތުހުމަތުތަކާއެކު ރަޝިއާއަށް ބިރު ދެއްކުމަށް އެމެރިކާއިން ރަޝިއާގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒު ހުންނަ ކަޅުކަނޑަށް އަސްކަރީ ދެމަނަވަރުވެސް ފޮނުވިއެވެ. ނަމަވެސް އެ ދެމަނަވަރު ކަޅުކަނޑުގައިވާ ރަޝިއާގެ އަސްކަރީ ބޭސްތަކާ ގާތްވެއްޖެނަމަ ހަމަލާދޭން ޖެހިދާނެކަމުގެ އިންޒާރު ރަޝިޔާ ދިނުމުން މިހާރުވަނީ އޭގެ މިސްރާބު ބަދަލުކޮށް އައިކޮޅަށް އެނބުރި ދިޔުމުގެ ދަތުރު ފަށާފައެވެ.

އެމެރިކާއިން ރަޝިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އިންޒާރުތައްދީ ކަންތައްގަނޑު ބޮޑުކޮށްލާފައި މިވަނީ ރަޝިއާގެ ރައީސް ވްލޭޑްމީރު ޕޫޓިންއަކީ ގާތިލެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން މިމަހުގެ ކުރީކޮޅު ސިފަކުރެއްވި ހިސާބުންނެވެ. ބައިޑެންގެ މި ސިފަކުރެއްވުމަށް ރައްދު ދެއްވަމުން ޕޫޓިން ވަނީ، ގާތިލަކު އެނގޭނީ ހަމަ ގާތިލަކަށް ކަމަށް ވިދާޅުވެ ބައިޑެން އަކީވެސް ގާތިލެއް ކަމަށް ނުސީދާ ގޮތެއްގައި ސިފަކުރައްވާފައެވެ.

އެމެރިކާއިން ރަޝިއާއާ ދެކޮޅަށް ކަންތައްގަނޑު ބޮޑުކޮށްލުމުގެ ބޭނުމަކީ ރަޝިއާ ޗައިނާއާ ގުޅިގެން އުޅޭތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރުން ކަމަށް މުހައްލިލުން ދެކެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް