އިންޑިއާގެ ކޮވިޑް ކޭސްތައް އިތުރުވަމުން ދަނިކޮށް، އެތައް މިލިއަން މީހުން ގަންގާ ކޯރަށް ޖަމާވަނީ

ހަރީދަވަރުގަައި ގަންގާ ކޯރު ކައިރިއަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި -- ފޮޓޯ: ގެޓީ

ދިއްލީ (އޭޕްރިލް 17): އިންޑިއާގައި ކޮވިޑް-19އިގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ހިންދޫ ދީނީ ހަރަކާތަކަށް އެތައް މިލިއަން މީހުން އެގައުމުގެ ހަރީދަވަރު ސިޓީގައި، ގަންގާ ކޯރު ކައިރިއަށް އެއްވެއްޖެ އެވެ.

މިދިޔަ ހަފްތާގެ އާދިއްތައިގައި އުއްތަރަކަންދުގެ ހަރީދަވަރުގައި ކުމްބް ހަރަކާތް ކުރިއަށްގެންދަން ހުއްދަ ދިނުމުން އެ ސްޓޭޓުގެ ސަރުކާރަށް ވަނީ ގިނަ ބަޔެއްގެ ފާާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އެ ހަފްލާގައި މިދިޔަ އަންގާރަ ދުވަހު އެކަނިވެސް ތިން މިލިއަން މީހުން ބައިވެރިވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެ ހަފްލާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހާއި ބުދަ ދުވަހާ ދޭތެރޭ 1،600އަށް ވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށް ހަރީދަވަރުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އެސްކޭ ޖާ ވިދާޅުވި އެވެ. ނަމަވެސް އެ އެއްވުމުގެ ސަބަބުން ކޮވިޑް ޖެހޭ މީހުންގެ އަދަދު މާ ބޮޑަށް އިތުރު ވާނެ ކަމަށާއި ގިނަ އަދަދެއްގެ މީހުން ހަފްލާއިން އެނބުރި ދިޔުމުން އެހެން ސަރަހައްދުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރު ވާނެ ކަމަށް ބުނެ ސިއްހީ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއިން ވަނީ އެއް ދުވަސް ތެރޭ ދެ ލައްކައަށް ވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ ކަމަށް ބުނެފަ އެވެ. އެއީ އެގައުމުގައި ބަލި ފެތުރެން ފެށި ފަހުން 24 ގަޑި އިރު ތެރޭ އެހާ ވަރަށް ގިނަ ކޭސް ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ.

އިންޑިއާ އަކީ މިހާރު އެމެރިކާއަށް ފަހު ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގޮތުން އެގައުމުން 14.5 މިލިއަން މީހުންނަށް ބަލި ޖެހި، ކޮވިޑުގައި 175,673 މީހަކު މަރުވެފައިވެ އެވެ. އަދި އެގައުމުގެ އެކި ސަރަހައްދުތަކުގައި ހޮސްޕިޓަލްތައް ފުރި، އޮކްސިޖެން އާއި ބޭސް ލިބޭ މިންވަރު މަދުވެފައިވާ ކަމުގެ ރިޕޯޓުތައް ވަނީ އިތުރުވެފަ އެވެ.

comment ކޮމެންޓް