ޕްރިންސް ފިލިޕްގެ ޖަނާޒާ މިއަދު 5 ޖަހާއިރު ސީއެންއެން އިން ދައްކާނެ

އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ޖަނާޒާ މިއަދު ރާއްޖެ ގަޑިން 17:00 ގައި ސީއެންއެން އިން ދުރައް ދައްކާނެ އެވެ.

ޕްރިންސް ފިލިޕް އަވަހާރަވީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ހެނދުނު އެވެ.

މިއަދު ރާއްޖެ ގަޑިން 17:00 ގައި ޖަނާޒާގެ ޕްރީ ކަވަރޭޖް ފަށާނެ އެވެ. ޖަނާޒާ އޮންނާނީ 18:00 ގަ އެވެ. އަދި ލައިވް ކަވަރޭޖް 20:30 އަށް ކުރިއަށް ދާނެ އެވެ.

މީޑިއާ ނެޓުގެ މަލްޓި-ސްކްރީންގެ ކެޗްއަޕް ސާވިސް މެދުވެރިކޮށް ސީއެންއެންގެ ލައިވް ކަވަރޭޖް ފަހުން ވެސް ބަލާލެވޭނެ އެވެ.

އުމުރުން 99 އަހަރުފުޅުގައި ޕްރިންސް ފިލިޕް އަވަހާރަވިއިރު، ޝާހީ އާއިލާގެ ހަރަކާތްތަކުގައި މި ފަހަކާ ޖެހެންދެންވެސް އުޅުއްވި އެވެ. ސިއްހީ ހާލު ތަންނުދޭތީ 2017 ވަނަ އަހަރުގެ މެއި މަހު ޕްރިންސް ފިލިޕް ވަނީ ޝާހީ ޒިންމާތަކުން ރިޓަޔާ ކުރައްވައިފަ އެވެ. އޭގެ ފަހުން ރާނީ އަރިހުގައި ބޮޑެތި ހަފްލާތަކާ އިވެންޓުތަކުން ފެނިގެން ދިޔަ އެވެ.

މިފަހުން އިންފެކްޝަނެއްގެ ސަބަބުން ޕްރިންސް ފިލިޕްގެ ހާލުކޮޅު ދެރަވެ ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ވެސް ދީފަ އެވެ.

ރާނީ އެލިޒަބަތުއާއި ޕްރިންސް ފިލިޕް ކައިވެނި ބައްލަވައިގަތީ 1947 ވަނަ އަހަރު އެވެ. އެއީ އިނގިރޭސި ތަހުތަށް ރާނީ އެލިޒަބަތު އިސްކުރުމުގެ ފަސް އަހަރު ކުރިންނެވެ. އެދެކަނބަލުންގެ ކައިވެންޏަށް 73 އަހަރު ވަނީ ވެފަ އެވެ.

ޕްރިންސް ފިލިޕް އަށާއި ރާނީ އެލިޒަބަތަށް ހަތަރު ބޭފުޅުން ލިބިލެއްވި އެވެ. އެއީ ޗާލްސް، އޭން، އެންޑްރޫ އަދި އެޑްވާޑެވެ.

އެބޭފުޅުންގެ ފަރާތުން އަށް މާމަ/ކާފަ ބޭފުޅުން އަދި 10 މުނިމާމަ/މުނިކާފަ ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

ޕްރިންސް ފިލިޕް އަކީ ގްރީސް/ޑެންމާކް އަށް ނިިސްބަތްވެެ ވަޑައިގަންނަވާ ބޭފުޅެކެވެ. އުފަންވެ ވަޑައިގެންފައިވަނީ ގްރީސްގެ ރަށެއް ކަމަށްވާ ކޯފޫ އަށެެވެ.

އުމުރުން 18 އަހަރުފުޅުގައި ކެޑޭޓެއްގެ ގޮތުގައި ރޯޔަލް ނޭވީ އާއި ގުޅިވަޑައިގެންނެވި އެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އަސްކަރިއްޔާގައި ހިދުމަތް ކުރެއްވީ އިނޑިއަން އޯޝަން އަދި މެޑިޓޭރިއަން ސަރަހައްދުގަ އެވެ.

ރާނީ އެލިޒަބަތާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން 1947ގައި ޕްރިންސް ފިލިޕް ވަނީ ގްރީކް އަދި ޑެނިޝް ޝާހީ ލަގަބުފުޅާއި އިނާޔަތްތައް ދޫކޮށްލައްވައިފަ އެވެ. އަދި އިނގިރޭސި ރަށްވެހިކަން ހޯއްދެވި އެވެ. ރާނީ އެލިޒަބަތާއި ޕްރިންސް ފިލިޕްގެ ކައިވެނިފުޅަކީ ދެވަނަ ބޮޑުހަނގުރާމަ އަށްފަހު އިނގިރޭސިވިލާތުގައި ބޭއްވި އެންމެ ކުލަގަދަ ޝާހީ ރަސްމިއްޔާތެވެ.

comment ކޮމެންޓް