އޭޕްރީލް 8ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 42 މިލިއަން ރުފިޔާ

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ޓްރެފިކް ޕޮލިސް ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކިއެކި ޖޫރިމަނާގެ ގޮތުގައި މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 42 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ލިބުނު އަދަދަށްވުރެ މަދު އަދަދެކެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އޭޕްރީލް އަށްވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 58.6 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.

މި މަަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 42 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، އެ ޖޫރިމަނާތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ހާމަކޮށްފައި ނުވެ އެވެ.

ދައުލަތުގެ އާމްދަނީއަށް ބަލާއިރު، މި މުއްދަތުގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި 4.02 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވާ ޖީއެސްޓީގެ ގޮތުގައި 2.22 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި މުޅި ޖުމުލަ 5.07 ބިލިއަން ރުފިޔާ މިއަހަރުގެ އޭޕްރިީލް އަށްވަނަ ދުވަހާ ހަމައަށް ދައުލަތަށް ވަނީ ލިބިފަ އެވެ. އަދި އެ މުއްދަތުގައި ޖުމުލަ ހަރަދުގެ ގޮތުގައި 7.09 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

އޭގެ ތެރެއިން ރީކަރަންޓް ހަރަދުތަކަށް ހޭދަކޮށްފައިވަނީ 5.27 ބިލިއަން ރުފިޔާ އެވެ. އަދި 1.81 ބިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ ކެޕިޓަލް ހަރަދުތަކަށެވެ.

comment ކޮމެންޓް