"ﷲ އަކްބަރު" ގޮވަމުން އެމްޑީޕީގެ ސަޕޯޓަރުން ރުށް ކެނޑި މައްސަލަ އެ ޕާޓީން ކުށްވެރިކޮށްފި

އެމްޑީޕީ ސަޕޯޓަރުންތަކެއް ފިޔާތޮށި ކުލަ ލާފައިވާ ރުކެއް ކަނޑާލަނީ--

އެމްޑީޕީ ސަޕޯޓަރުންތަކެއް "ﷲ އަކްބަރު" ގޮަވަމުން ފިޔާތޮށި ކުލަ ލާފައި ހުރި ރުކެއް ކަނޑާލި ހާދިސާ އެ ޕާޓީން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން ބުނީ އެފަދަ އަމަުތައް ހިންގުމަކީ އެ ޕާޓީއިން އެއްގޮތަކަށް ވެސް ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީގެ އެއްވެސް މެމްބަރަކު އަދި އެ ޕާޓީއަށް ތާއީދުކުރާ އެއްވެސް ފަރާތަކުން ވެސް މިފަދަ އަމަލުތައް ނުހިންގުމަށް އެމްޑީޕީ އިން ވަނީ އެދިފަ އެވެ.

ރުށް ކަނޑާލި މަންޒަރު ދައްކުވައިދޭ ވީޑިއޯގައި ފެންނަނީ ރީނދޫ ކުލައިގެ ޓީޝާޓާއި ރީނދޫ ފޮތި ގައިގައި އަޅައިގެން ތިބި ބަޔަކު، ކަރަންޓު ކީހަކުން ފިޔާތޮށި ކުލަ ލާފައިހުރި ރުކެއް ކަނޑާލާ ތަނެވެ.

ރުށް ކަނޑާލި ވަގުތު ފަހަތުގައި އެމްޑީޕީގެ ދިދަތައް ހިފައިގެން، އެ ޕާޓީގެ ސަޕޯޓަރުން ބަލަން ތިބެ އެވެ. އަދި ރުށް ކަނޑާލުމާ އެކު އެއްބަޔަކު "ﷲ އަކްބަރު" މިފަދައިން ގޮވާ އަޑު ވީޑިއޯއިން އިވެ އެވެ.

އެހެން ނަމަވެސް އެއީ ކޮން ރަށެއްކަން އަދި އެނގިފައެއްނުވެ އެވެ.

އެ ހާދިސާއަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެއްބަޔަކު ބުނާ ގޮތުގައި މިފަދަ އަމަލުތައް ހިންގަން ސަޕޯޓަރުންނަށް ހިތްވަރު ލިބެނީ ޕާޓީގެ ލީޑަޝިޕްގައި ތިއްބަވާ ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކުންނެވެ.

ހަމައެއާއެކު މިއީ ޕާޓީތަކުގެ އާންމު މެމްބަރުންނަށް ސިޔާސީ ކަންކަން އުނގަންނައިދޭން ޖެހޭކަން ވެސް ހާމަވާ ކަމެއް ކަމަށް ބައެއް މީހުން ކޮމެންޓު ކޮށްފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް