ދީމާ ދުނިޔޭގެ ރޭންކިންގެ އަށް ވަނައަށް!

ދީމާ --- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އެކުލަވާލި ޔޫތު ރޭންކިންގެ ގަދަ ދިހައެއްގައި ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހިމެނިއްޖެ އެވެ.

ފަނަރަ އަހަރުން ދަށުގެ ކެޓަގަރީގައި ދީމާ ހިމެނިފައި ވަނީ އެ ލިސްޓުގެ އަށް ވަނައިގައި، 1،028 ޕޮއިންޓާ އެކު އެވެ. އަދި އުމުރުން 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ކެޓަގަރީގައި ދީމާ ހިމެނިފައި ވަނީ 41 ވަނައިގަ އެވެ.

ފަނަރަ އަހަރުން ދަށުގެ ކެޓަގަރީގައި ދީމާ ލިސްޓުގެ ގަދަ ދިހައަކުން ޖާގަ ހޯދީ، ޖަޕާން، ޗައިނާ، އެމެރިކާ އަދި އިންޑިއާގެ ވަރުގަދަ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ދީމާގެ ކާމިޔާބީ ފާހަގަކޮށް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ މަރުހަބާ ކިޔައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ދީމާއަށް ލިބުނު ކާމިޔާބީ އަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިނިސްޓަރު ވަނީ ދީމާގެ މައިންބަފައިންނަށް މަރުހަބާ އާއި ޝުކުރު ދަންނަވައިފަ އެވެ.

އުމުރުން 13 އަހަރުގެ ދީމާ އަކީ މިވަގުތު ރާއްޖޭގެ ޓޭބަލް ޓެނިސްގެ އެއްވަނަ އެވެ. އެގޮތުން 2019 ވަނަ އަހަރަކީ ދީމާގެ ޓެނިސް ކެރިއަރުގެ އެންމެ ކާމިޔާބު އަހަރެވެ. ގައުމީ ޓީޓީގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ސަރަހައްދީ އެންމެ ބޮޑެތި މުބާރާތްތަކުން ރަން މެޑަލްތަކެއް ހޯދި އެވެ. އެގޮތުން އައިއޯއައިޖީގެ ސިންގަލްސް، ޑަަބަލްސް އަދި ޓީމް އިވެންޓުން ވެސް ދީމާ ރަން މެޑަލް ހޯދި އިރު ސާފް ގޭމްސްގައި ވެސް ފުރަތަމަ ފަހަރަށް ޓީޓީއިން ރާއްޖެއަށް މެޑަލް ހޯދައިދިނެވެ.

comment ކޮމެންޓް