ވެކްސިން ފުރިހަމަކޮށްފައިވާ ޓޫރިސްޓުންނަށް ޕީސީއާރް ނެތި ރާއްޖެ އާދެވޭނެ

ފަތުރުވެރިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮވިޑް19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ޓޫރިސްޓުންނަށް ޕީސީއާރް ނެގެޓިވް ރިޒަލްޓް ނެތި ރާއްޖެ އެތެރެވެވޭ ގޮތަށް، ލުއި ދީފި އެވެ.

ބޯޑަރު ހުޅުވާލި ފަހުން، ރާއްޖެ އަންނަ ފަތުރުވެރިން ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ޖެހެ އެވެ.

ނަމަވެސް ކޮވިޑް އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ބަދަލުގެންނަން ވަނީ ނިންމައިފަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނީ ފަަތުރުވެރީން ހިމެނޭގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓް އޮންނަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާ އޮންނަންވާނެ އެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ އެވެ.

  • ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
  • ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
  • ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
  • ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.

ޓޫރިޒަމް މިނިސްޓްރީން ބުނީ، 20 ވަނަ ދުވަހުން ފެށިގެން ލިބޭ ލުއިތަކާ އެކު ރާއްޖެއަށް ދަތުރުކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް، ރާއްޖެއަށް 345،261 ފަތުރުވެރިން ވަނީ ޒިޔާރަކޮށްފަ އެވެ.

ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިން ދީ ނިމުމުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެކްސިން ޖަހައިދިނުމުގެ ހިދުމަތާއެކު ވެކްސިން ޓޫރިޒަމް ފަށަން މަސައްކަތް ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަށުގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް19 ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ އެވެ.

comment ކޮމެންޓް