ލީކުކޮށްލި އޯޑިއޯތަކުގައި، ރިޝްވަތު ހިފުން ކަމަށް މާނަކުރެވޭ ކަމެއް އޮތްނަމަ ދަޢުވާކޮށްދިނުމަށް ނަޝީދު އިލްތިމާސްކުރައްވައިފި

14:30


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށްވާ ގާސިމް އިބްރާހިމާއި އަހްމަދު ނާޒިމާ އޭނާ ވާހަކަ ދައްކަވާފައި ވަނިކޮށް ރެކޯޑުކޮށް ލީކުކޮށްލާފައިވާ އޯޑިއޯތަކުގައި، ރިޝްވަތު ހިފުން ކަމަށް މާނަކުރެވޭ ކަމެއް އޮތް ނަމަ ދަޢުވާކޮށްދިނުމަށް އެދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ފުލުހުންނަށް އިލްތިމާސްކުރައްވައިފި އެވެ.


އެކަމަށް އިލްތިމާސް ކުރައްވައި، ނަޝީދުގެ ބްލޮގްގައި އޭނާ ވިދާޅުވެފައި ވަނީ، މައްސަލަ އަވަސް މަގަކުން ބައްލަވައިދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށާއި، ލިބެންވާ އަދަބެއް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ފޯނު ކޯލުގެ ލީކުކޮށްލި ބައިތަކަކީ، އޭގެ ޒާތުގައި ޝަރުޢީ ހެތްކަކަށް ނުބެލުނު ނަމަވެސް، އެ ކޯލާ ގުޅިގެން މީޑިޔާގައި ދައްކަވާފައިވާ ވާހަކަތަކަކީ، ނަޝީދާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެކިކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.


ނަޝީދު އަދި ވިދާޅުވެފައި ވަނީ، މިދިޔަ އާދިއްތަ ދުވަހު، ބަޔަކު ލީކްކޮށްލި ދެ އޯޑިޔާ ކްލިޕަށްފަހު، ހިނގާ މިދިޔަ ހަފްތާގެ ތެރޭގައި، ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި، އޭގެ ދުވަސްކޮޅެއް ކުރިއާ ޖެހެންދެން ތިއްބެވި ބައެއް ބޭފުޅުންގެ ހުރިހާ ބަރު ހަތިޔާރަކާއި ގެއްލުންދެނިވި ހަތިޔާރެއް، ގާތްގަނޑަކަށް ހުރިހާ މީޑިޔާއެއްގައިހެން، އަމާޒުކުރައްވާފައި ހުރީ ނަޝީދަށް ކަމަށެވެ. އަދި ބޭޒާރުކޮށްލައި، އަގުވައްޓާލައި، އިތުބާރު ގެއްލުވައިލުމަށް، ރާވާފައިވާ ސިޔާސީ ޕްލޭނެއްގެ ދަށުން އެ ހުރިހާ ކަމެއްހެން ރާވައި، ހިންގާފައި ވަނީ، ގާތްކަމާއި އެކުވެރި ރަޙްމަތްތެރިކަން ނުހަނު ބޮޑަށް އޮތް، ރައްޓެހި ރަޙްމަތްތެރިންގެ ވިސްނުމާއި ހުއްދަ އާއި އިރުޝާދުގެ މަތިން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ދެ މީހެއްގެ ދޭތެރޭގައި ދެކެވޭ ވާހަކަ އަޑުއެހުމަކީ، ޤައުމުގެ ސަލާމަތަށް ނުރައްކަލެއް ހުރިތޯ ބެލުމަށާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު ދުރާލާ އެޅުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް ސިޔާސީ ވާދަވެރިކަމުގައި، މީހުން ބޭޒާރުކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް އެ ފޯނު ކޯލުތަކުގެ ރިކޯޑިންތައް ވެގެންދިޔުމަކީ، ދެރަވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. ހާއްސަކޮށް މާނަ އޮޅޭގޮތަށް އެޑިޓްކޮށްގެން ވަކި އެއްޗެއް މީހުންނަށް ވިސްނައިދިނުމުގެ ބޭނުމުގައި އެކަން ކުރެވިގެން ދިޔަކަމީ، ދެރަވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު