ހުޅުމާލޭގެ މާސްޓަ ޕްލޭން އަށް ބައިނަލްއަގުވާމީ އެވޯޑެއް

ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް (އޭއެމްޕީ) ގެ ފަރާތުން ކޮންމެ އަހަރަކު އާކިޓެކްޗާ ދާއިރާއިން ދެމުންގެންދާ ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒްގެ އޮނަރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗާ / އާބަން ޕްލޭނިންގ އެވޯޑު، ހުޅުމާލެ މާސްޓާ ޕްލޭނަށް ލިބިއްޖެ އެވެ.

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް އަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އާކިޓެކްޗާ އަދި އާބަން ޕްލޭނިންގެ ރޮނގުން ފާހަގަކުރެވޭ ގިނަ މަސައްކަތްތަކެއްގެ އަގު ވަޒަންކޮށް މި ދާއިރާއިން މި މަސައްކަތްތައް ޕްރޮމޯޓްކުރުމުގައި އިސް ރޯލެއް އަދާ ކުރަމުން އަންނަ ކުންފުންޏެކެވެ.

ހުޅުމާލޭގެ މާސްޓާ ޕްލޭންއަށް އޮނަރަރީ އެވޯޑު ދިނުމާ ގުޅިގެން އެ ކުންފުނީގެ ވެބްސައިޓްގައި ބުނެފައި ވަނީ ހުޅުމާލޭގެ މާސްޓާ ޕްލޭންއަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭނެއްކަން ފާހަގަކޮށްފަ އެވެ.

ހުޅުމާލެއަކީ، މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޒަމާނީ ފެންވަރެއްގައި އިޖްތިމާއީ ގޮތުންނާއި އުމްރާނީ ގޮތުންވެސް މީހުން ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ފުރިހަމަ މާސްޓާ ޕްލޭންއެއް އެކުލަވާލައިގެން ތަރައްގީކުރަމުން އަންނަ ރަށެކެވެ.

އެ މަޝްރޫއަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ގިނަ އިނާމުތަކެއް ލިބިފަ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެ ޒަމާނީ ފެންވަރެއްގައި ތަރައްގީކޮށް ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި ގިނަ ހިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަށް އެކުންފުނީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނީގެ 20 އަހަރުގެ ތާރީހުގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ގިނަ ރަށްތަކެއް ތަރައްގީކުރުމަށް ފަންނީ އެހީތެރިކަން ދިނުމަށް ނިންމާ "ބިޔޯންޑް ހުޅުމާލެ"ގެ ނަމުގައި ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް