ތިކިތާނަ ބަހުސުގެ ޕޯޑިޔަމުން، އަޅުގަނޑުގެ ރައުޔު 2

އޭޕްރީލް 11، 2015: އަދަބީ އުފާ ނަމުގައި ދިވެހި ބަހުގެ ހަރަކާތްތައް ހިރިޔާ ސްކޫލްގައި ފެށުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

2. ތިކިތާނައާ ދެކޮޅު ހަރަކާތުގެ މައްޗަށް ކަޅިއެއް

އަޅުގަނޑުމެންގެ އުސްތާޒުލް ޖީލު ފަޟީލަތުއް ޝައިޚް މުޙައްމަދު ޖަމީލު ދީދީ 1985 ވަނަ އަހަރު ފަތްތޫރަ މަޖައްލާގެ 74 ވަނަ އަދަދަށް ދިވެހި ބަސް ޒަމާނުގެ އޮއިވަރާ އެކު މި މައުޟޫޢުގެ ދަށުން ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވެފައި އޮވެއެވެ. "ތާނައިގެ [ހ] ގެ މަތީގައި އަޅުގަނޑުމެން ތިއްކެއް ޖަހައިފީމެވެ. ބޭނުމަކީ، ޚިޔާލު، ޚަބަރު، ޚިދުމަތް ފަދަ ބަސްތައް ހެޔޮ އަޑުން ކިޔުމެވެ. ނަމަވެސް ދިވެހީންގެ ތެރޭގައި "ހެދޭކުރިތަކެއްގެ" ގޮތުގައި ތިއްބެވި ގިނަ ޒުވާނުންގެ ބަހުގެ ތެރޭގައި މުޅީން ވެސް ހުންނަނީ ހަބަރާއި ހިޔާލެވެ. ހިދުމަތާއި ހަތިމެވެ. [ހ] ގެ މަތީގައި ޖެހި ތިކި ކޮބައިތޯއެވެ؟ ތިން ރިޔަލާއި ފެހުރު ނަގައި ގާދޫކޮލުން ނިކުމެ ގޯވަކަރަޔަށް ގޮސް މުޅީން ގެއްލިއްޖެއެވެ. ނޫން ނަމަ ލަސްތަކެއް ނުވެ ގެއްލިދާނެއެވެ."

މި ބަސްފުޅުތަކުން ޝައިޚް ޖަމީލު ދީދީ އެ އިޝާރާތް ކުރައްވަނީ ތިކިތާނަ އަކުރުތައް ރަނގަޅަށް ބޭނުން ކުރުމާ މެދު އައު ލިޔުންތެރީން ފަރުވާކުޑަ ކުރަމުން ދިޔަދިޔުމަށް، އަދި އެ އަކުރުތަކަށް އެމީހުން ނުފަރިތަ ވަމުން ދިޔަދިޔުމަށް ކަމަށް ބެލެވެއެވެ. އެއީ ފެށުމެކެވެ. އާދެ، ފުރަތަމަ ވާން ފެށި ގޮތަކީ، މަދަރުސާތަކުގައި ދިވެހި ބަސް ކިޔަވައިދިނުމުގެ ކަންކަން ދޯދިޔާ ވުން ފަދަ ސަބަބުތަކާ ހުރެ، ބަހުގެ އެހެން ހުނަރުތަކެކޭ އެއްފަދައިން ތިކިތާނަ އަށް ވެސް ނުފަރިތަ ޖީލުތަކެއް އުފެދޭން ފެށުމެވެ. ތިކިތާނަ އެއްލައިލުމުގެ ވިސްނުން އުފެދިގެން އައީ އެ ޖީލުތަކުގެ ދަރީން ލިޔުންތެރީން އަދި ނޫސްވެރީންގެ ގޮތުގައި ގަލަމުގައި ހިފި ހިސާބުންނެވެ. 1980 ގެ އަހަރުތަކުގެ މެދުތެރެއިން ފެށިގެން 1990 ގެ ކުރީކޮޅުގެ އަހަރުތަކާ ހަމަޔަށް ފާއިތު ވި ހައެއްކަ އަށެއްކަ އަހަރުގެ ތެރޭގައެވެ. ފަޟީލަތުއް ޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ތިކިތެޅި ތާނަތޯ؟ ނުވަތަ ތިކިޖެހި ތާނަތޯ؟ މި އުންވާނުގެ ދަށުން 1997 ގައި ލިޔުއްވައި ހުށައެޅުއްވި ކަރުދާހެއްގެ ވާހަކަ ވާނީ އިސްވެ ދެންނެވިފައެވެ. އެ ކަރުދާހުގައި އޭނާ ވިދާޅުވެފައި ވެއެވެ. "... (ތިކިތާނަ) އުފެދި، އޭގެ މައްޗަށް ދިވެހީން ހޭނި އެތައް ދިހައެއްގެ އަހަރުތަކެއް ވޭތު ވެދިޔުމަށް ފަހު މީގެ ހައެއްކަ އަހަރު ކުރީން ފެށިގެން، ވަރަށް ހަނި ދާއިރާއަކުން ނަމަވެސް މި އަކުރުތަކާ އިދިކޮޅު އޮއިވަރެއް ހިނގައިގެންފިއެވެ. މި އޮއިވަރުގެ ތެރޭގައި ޖެހި، ވަރަށް ގިނަ ޢަދަދެއްގެ ދިވެހި ދަރީންތަކަކަށް، ކަމުގެ ޙަޤީޤަތާއި މަޤްޞަދު އޮޅި، ވަރަށް ބޮޑު ޙައިރާންކަމަކާ ކުރިމަތި ލާން ޖެހިއްޖެ ކަހަލައެވެ."

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، "ހަނި ދާއިރާއެކޭ" ވިދާޅުވެ ޝައިޚް ޙުސައިން އެ އިޝާރާތް ކުރެއްވީ އެއިރު ދިވެހިރާއްޖޭގެ އެއްވަނަ ނޫހުގެ ގޮތުގައި އޮތް ހަވީރު ދުވަހު ނޫހަށެވެ. އާދޭހެވެ! ތިކިތާނަ އަކުރުތައް އުވައިލުމުގެ ވިސްނުމުން އެ ތަނެއްގައި އުފެދިގެން އައި މަރުކަޒަކީ ހަވީރު ނޫހެވެ. މިހެން މި ދެންނެވީ ތިން އަސާސެއްގެ މައްޗަށް ބުރަ ވެހުރެއެވެ. ފުރަތަމަ އަސާސަކީ 1980 ގެ އަހަރުތަކާއި 1990 ގެ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި، ލިޔުންތެރިކަމާއި، ދީނީ އަދި އަދަބީ އިލްމިއްޔާގައި އެންމެ އިސް ބެއިފުޅުންގެ ގޮތުގައި ތިއްބެވި ބެއިބެއިފުޅުންގެ ތެރެއިން، ތަފްސީލީ ގޮތެއްގައި އެކަމާ މެދު އަޅުގަނޑާ ވަކިވަކީން ވާހަކަ ދެއްކެވި ތިންހަތަރު ބެއިފުޅެއްގެ ބަސްފުޅެވެ. ދެވަނަ އަސާސަކީ ނޫސްވެރިކަމުގެ ތެރޭގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކޮށް، ހަވީރުގެ ފަރާތުން ނެރުނު ހުވާސް މަޖައްލާގެ ލިޔުންތެރިއެއްގެ ގޮތުގައި ވެސް އުޅުނު އުޅުމުގެ ތެރޭގައި، ދުވަސް ވީ ނޫސްވެރީންގެ އެތައް ބެއިފުޅުންނާ އެކިއެކި މަޖިލިސްތަކާއި މަހައްލުތަކުގައި ދެކެވުނު އެތައް ވާހަކަތަކެއްގެ ތެރޭގައި، އެ ބެއިބެއިފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބުނު މައުލޫމާތެވެ. ތިންވަނަ އަސާސަކީ، ތިކިތާނަ ބޭނުން ނުކުރުމުގެ ސިޔާސަތެއް ހަވީރު ނޫހުން ގެންގުޅޭތީ އެކަމާ ބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން އެ ނޫހަށް ރަސްމީ ސިޓީތަކެއް ފޮނުއްވަވައި، އެ ސިޔާސަތު ބަދަލު ކުރެއްވުމަށާއި ތިކިތާނަ ބޭނުން ކުރުމާ ބެހޭގޮތުން އެކަށައެޅިފައި ހުރި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އެދިވަޑައިގެންނެވި ކަމަށް އަޅުގަނޑަށް ލިބުނު މައުލޫމާތެވެ. 1982 އިން ފެށިގެން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގައި ސެކްރެޓަރީ، ސީނިއަރ ސެކްރެޓަރީ، އެސިސްޓެންޓް ޓު ދަ ޑިރެކްޓަރ، އެސިސްޓެންޓް ޑިރެކްޓަރ، ޑެޕިޔުޓީ ޑިރެކްޓަރ، ޑިރެކްޓަރ، އަދި ޑިރެކްޓަރ ޖެނެރަލް މި މަގާމުތަކުގައި ޚިދުމަތް ކުރައްވައިފައި ވާ، އަދި މިހާރު ވެސް ދިވެހި ބަހުގެ އެކަޑަމީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލްފާޟިލާ ނަސީމާ އަޙްމަދު އަޅުގަނޑަށް އެކަން ކަށަވަރު ކޮށްދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ޤައުމީ މަރުކަޒުގެ ރައީސްގެ މަގާމުގައި އަލްއުސްތާޒު ޢަބްދުﷲ ޙަމީދު ހުންނެވި ދުވަސްވަރު، ކަމާބެހޭ އެތައް ސިޓީއެއް އެމަނިކުފާނު އަންގަވައިގެން ހަވީރު ނޫހަށް ފޮނުވިފައި ވެއެވެ. ނަމަވެސް އެ ސިޓީތަކަށް ލިބުނު ޖަވާބަކީ ޤައުމީ މަރުކަޒަށް އެކި ގޮތްގޮތަށް ފާޑު ކިޔައި ލިޔެވުނު ލިޔުންތަކެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމާއި ވަޒީރުކަމާއި އަދިވެސް އެހެން އެތައް ހައިސިއްޔަތެއްގައި ދިވެހި ދައުލަތަށް 1952 ވަނަ އަހަރުން ފެށިގެން ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، އަދި ދިވެހި ބަހުގެ ފުންނާބު އުސް ލިޔުންތެރިޔެއްގެ ގޮތުންނާއި ބަހުގެ އިލްމިއްޔާގެ އިސް ބެއިފުޅެއްގެ ގޮތުން ބަހަށް ވެސް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޒު ޢަބްދުﷲ ޙަމީދު ޤައުމީ މަރުކަޒުގެ ރައީސްކަމުގެ މަގާމު އަދާ ކުރެއްވީ 1988 އާއި 1996 އާ ދެމެދުގައެވެ.

ޚާއްސަކޮށް ހަވީރު ގެ ލިޔުންތަކުގެ ތެރެއިން ތިކިތާނަ އަކުރުތައް ދޫ ކޮށްލުމުގެ ސަގާފަތެއް ކުރި ލައިގެން ހެދެމުން އައި އިރު، އޭގެ ތެރެއިން ނިކަން ޝައުގުވެރި – ބައެއް މީހުން ނިކަން ހިނި ވެސް އަންނާނޭ ކަހަލަ – ކަންކަން ވެސް ފެންނަމުން ދިޔައެވެ. މިސާލަކީ އަރަބި /ص/ އާއި /ط/ މި ދެ އަކުރުގެ އަޑު ހިމެނޭ ލަފުޒުތައް ލިޔާ އިރު، އެ ދެ އަޑު ނެރުމަށް ޓަކައި ތައާރަފު ކުރެވުނު ތިކިތާނަ [ޞ] އާއި [ޠ] ނުލިޔެ، އެ އަޑުތައް އޮންނަ ތަންތަނުގައި މުސްކުޅި ތާނައިގެ [ސ] އާއި [ތ] އޮބޮފިއްޔަކާއި އޯބޯފިއްޔެއް ޖަހައިގެން ލިޔުމެވެ. ތިރީގައި ވާ ތާވަލުގައި އެވަނީ އެފަދައިން ފަސާދަ ކުރެވުނު ބައެއް ލަފުޒުތަކެވެ.

އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި މުދައްރިސް، އަދި ދިވެހި އަދީބުންގެ އިސް ސަފުގައި ގުނައިލެވޭ ބެއިފުޅެއް ކަމަށް ވާ އަލްފާޟިލް އާމުލީގޭ ޢަބްދުﷲ ޞާދިޤު "ސޯދަކަށް" އަދި "ސޯދުބެ" އަކަށް ވެގެން ދިޔައީ ވެސް ސީނުން ތިކި ވައްޓައިލެވުނު ބޮނޑީގައޭ ބައެއް ބެއިފުޅުން ވިދާޅުވާނޭ ކަމަށް ފެނެއެވެ.

2000 ގެ އަހަރުތަކުގެ ކުރީކޮޅު ސިޔާސީ ގޮތުން ރާއްޖެއަށް އައި ކުއްލި އަދި ބޮޑު ބަދަލުގެ ތެރޭގައި، ނޫސްވެރީންނާއި ނޫސްވެރިކަމުގެ ފޯކަސް ސިޔާސީ ކަންކަމަށް މުޅީން ހުއްޓިގެން ދިޔުމުން، ތިކިތާނަ އަކުރުތަކާ ދެކޮޅަށް ކުރެވެމުން އައި މަސައްކަތް ކޮންމެވެސް ވަރަކަށް މަޑު ޖެހުނު ކަމަށް ލަފާ ކުރެވެއެވެ. މިއީ ވެސް އިތުރު ދިރާސާތަކުން ކަމުގެ ހަގީގަތް އިތުރަށް ސާފު ވާނޭ ކަމެކެވެ.

ތިކިތާނަ އާދެކޮޅު ތަހުރީކު އައު ހެއިލުމަކުން ހެއިލައިގަތީ 2008 ގެ ފަހުން ކަމަށް ވުން އެކަށީގެން ވެއެވެ. މާރިޗު 2009ގައި ފަންވަތުގައި ޝާއިއު ކުރެއްވި ލިޔުމެއްގައި އަޅުގަނޑުމެންގެ ކުޅަދާނަ ޝާއިރު އަދި ލިޔުންތެރިޔާ އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް ލިޔުއްވައިފައި ވާ އަންނަނިވި ބަސްތައް ކިޔުއްވައިލައްވާށެވެ! "ތާނައިގެ ބައެއް އަކުރުތަކުގައި ތިކި ޖެހުމަކީ، ދިވެހި ބަހަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އޭގެ ސަބަބުން، ދިވެހި ބަސް ދިވެހި ވުމަށް އޮންނަ ފުރުޞަތު ގެއްލެއެވެ. ބޭރު އެހެން ބަހެއްގެ ނުފޫޒުގެ ތެރޭގައި ދިވެހި ބަސް ހަފުސް ވަނީއެވެ. އަމިއްލަ ދިވެހި އަޑުތައް މުޅީން ނެތިދަނީއެވެ. އެހެންވީމާ އަޅުގަނޑުމެން މި ނުކުތާއާ މެދު ވިސްނާން ވެއްޖެއެވެ. ދިވެހި ބަހަށް ލިބޭ ކޮންމެ ގެއްލުމަކުން މި ބަސް ސަލާމަތް ކުރާން ވާނެއެވެ. ... މާފު ކުރައްވާށެވެ! ތިޔަ ވިދާޅުވި ޕެރެގްރާފުގައި އަވަސް އަވަހަށް ކޮމާކޯޅިއެއް ޖައްސަވައިލައިދެއްވައިފި ނަމަ ވަރަށް ބޮޑަށް ޝުކުރުވެރި ވާނަމެވެ. އެއީ މިހާރަކަށް އައިސް މަޑުމަޑުން ނަމަވެސް ވައިގައި ހިފަމުން އަންނަ ޚިޔާލެކެވެ. އެ ލަވަޔަށް ބެރު ޖަހާ ބެރުވެރީން ގިނަ ވަމުން އަންނަ ލަވައެކެވެ."

ދެހާސް ނުވަ ވަނަ އަހަރު ވެސް ފާއިތު ވެގެން ގޮސް، އެއިގެ ފަހުން ދަހަރައެއް ފާއިތު ވެގެން ދިޔައީއެވެ.

ދުނިޔެ އޭގެ ބަނޑުދަށު ލައިގެން އުޅޭ ވަރުގަދަ އާލަމީވަބާއެއްގެ ތެރޭގައި، ސިޔާސީ ގޮތުންނާއި އަދިވެސް އެކިއެކި ގޮތްގޮތުން އަޅުގަނޑުމެންގެ ގައުމުގައި އެތައް ބަހުސްތަކެއް ކުރެވެމުން އެތައް ވާހަކަތަކެއް ދެކެވެމުން ދަނިކޮށް، އަނެއްކާވެސް ތިކިތާނަ އަކުރުތައް އުވައިލުމަށް ގޮވޭ ގޮވެއްޔެއްގެ އަޑާއި، އެ އަޑަށް ދެވޭ ރައްދުތަކާއި ޖަވާބުތަކުގެ އަޑު މި ވަނީ އެހެން ހުރިހައި އަޑުތަކަކަށް ވުރެ ގަދަ ވެފައެވެ. މުޅި ގައުމު އޮތީ އެ ބަހުސުގެ ޕޯޑިޔަމް ދޮށަށް އެއް ވެފައޭ ބައެއް ފަހަރު ހީ ވާން ޖެހެއެވެ. މި ފަހަރު ތިކިތާނަ އާ ދެކޮޅު ހަމަލާތަކުގެ ތީރުތަކާއި އަލިފާން ބޯޅަތަކާއި ހިލަތައް އުކޭން ފެށީ މީސްމީޑިޔާގައި ދިވެހި ބަހާ ބެހޭ އެކިއެކި ވާހަކަތައް ދެއްކުމާއި ޚިޔާލު ބަދަލު ކުރުމުގެ މަންސައެއްގެ ގޮތުގައި މަޝްހޫރު ވެފައި ވާ ބަސް ޖަގަހަ ފޭސްބުކް ސަފުހާގައި ކަމަށް ފެނެއެވެ. މި ބަހުސުގެ އެންމެ ހޫނުގަދަ މައިދާނަކީ ވެސް ބަސް ޖަގަހަ ސަފުހާ ކަމަށް ފެނެއެވެ. ދުނިޔޭގެ އެހެނެހެން ގައުމުތަކުގައި ވިއްޔާ، އިލްމީ މަޖައްލާތަކާއި ފޮތްތަކުގެ ސަފުހާތަކުގައި އަދި ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގެ އިލްމީ ފޯރަމްތަކުގައި، އިލްމީ އަދި ދިރާސީ މަންހަޖާ އެއްގޮތަށް ލިޔެވޭ އަދި ހުށައެޅޭ ކަރުދާސްތަކާއި މަޒުމޫނުތަކާއި މަގާލާތަކާއި ރިސާލާތަކުގެ ވަސީލަތުން ކުރެވެމުން ދާނޭ ބަހުސްތައް، ދިވެހިރާއްޖޭގައި މީސްމީޑިޔާގެ ޚިޔާލު ފަތްފުށްތަކުގައި ހިނގަމުން ދާދިޔުމަކީ އަޅުގަނޑުމެންގެ މުޅި ގައުމު އިލްމީ ގޮތުން ކުރި އަރައި ތަރައްގީ ވެފައި އޮތް މިންވަރުގެ ބުރަދަން ބޮޑު ހެއްކެއް ކަމަށް ވެސް ވެދާނެއެވެ.

ކުރު ގޮތަކަށް މި ދެންނެވީ، ތިކިތާނަ އަކުރުތައް ބޭނުން ކުރުން ދޫ ކޮށްލުމަށާއި އެ އަކުރުތައް އުވައިލުމަށް އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރެވިފައި ވާ އަދި ކުރެވެމުންދާ ގޮތުގެ މައްޗަށް ބަލައިލުމުން ފެންނަ މަންޒަރެވެ. މި މަޒުމޫނުގައި ދެން އަޅުގަނޑު ބަލައިލާނީ ތިކިތާނަ އާ ބެހޭގޮތުން އަޅުގަނޑުމެންގެ ތެރޭގައި ހުރި އެކިއެކި ރައުޔުތަކާއި، ތިކިތާނަ އަކުރުތަކަށް އަޅުގަނޑުމެންގެ ބަހުގެ އިމްލާއިއްޔަތުގައި އޮންނާން ވީ މަގާމާއި ހައިސިއްޔަތަކީ ކޮބައިތޯ އަދި ލަފުޒުތަކުގައި ތިކިތާނަ ބޭނުން ކުރުމުގައި ގެންގުޅޭން ޖެހޭ މައިގަނޑު އުސޫލުތަކަކީ ކޮބައިތޯ، މި ސުވާލުތަކުގެ މައްޗަށެވެ.

( ނުނިމޭ )

comment ކޮމެންޓް