ކައުންސިލްގެ ގޮނޑި ގެއްލުމުން ދަފްތަރަށް ނުރުހުން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 11 ވަނަ ޖަލްސާ -- މަޖިލިސް

ނިމުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާފަންނު އުތުރު ދާއިރާގެ ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލުނީ ދަފްތަރުގައި ތިބި މީހުން އެ ދާއިރާއަށް ވޯޓުލުމުން ކަމަށް ވިދާޅުވެ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބު ވީކަމަށް ބުނަނީ، އެ ޕާޓީން އަބަދުވެސް ވޯޓު ހިފަހައްޓާ މައިގަނޑު ތަންތަނުން ވޯޓު ގެއްލުމުން ކަމަށެވެ. އެގޮތުން މާލެ ސިޓީ، އައްޑޫ ސިޓީ އަދި އިހަވަންދޫ ފަދަ ދާއިރާތައް މެމްބަރު ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް މުޅި އިންތިހާބަށް ބަލާއިރު ރައްޔިތުން ގިނައިން ވޯޓު ދީފައި ވަނީ އެމްޑީޕީއަށް ކަމަށާއި، އެ ޕާޓީއަށް ބޯޑު ކާމިޔާބެއް ލިބިފައިވާ ކަމަށް އިންތި ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީއަށް ވޯޓުގެ 45 ޕަސެންޓު ލިބިފައިވާ ކަމަށާއި، އެމްޑީޕީއަކީ އަދިވެސް ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެއް ޕާޓީއަކަށް އެންމެ ބޮޑު ތާއީދު އޮތް ޕާޓީ ކަމަށް ވިދާޅުވި އެވެ.

"ދެން ބައިވަރު ސަބަބުތައް މި އިންތިހާބުގައި މިގޮތަށް ވުމަށް އެބަ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ސަރުކާރުގެ ތެރެއިން ވެސް، އަދި ޕާޓީގެ ތެރެއިން ވެސް، އަދި ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަންކަމަށް އެ ރައްޔިތުން ބޭނުންވާހާ ހަލުވި އަދި އަވަސްހައްލެއް ނުލިބުމުގެ ނަތީޖާ މިޑްޓާމެއްގެ ތެރެއިން މި ދައްކަނީ ހަގީގަތުގައި،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އަދިވެސް ގިނަ ދިވެހީންން އިތުބާރު ކުރަނީ ސިޔާސީ ޕާޓީތަކަށް ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބަކީ އާންމުކޮށް އާއިލާތަކާ ވަރަށް ބޮޑަށް ގުޅިފައިވާ، ގިނަ އަމިއްލަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބެއް ނަމަވެސް، އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ ސިޔާސީ ޕާޓީތަކަށް ކަމަށް މެމްބަރު ވިދާޅުވި އެވެ.

"އަަޅުގަނޑުމެންގެ ދާއިރާއަށް ބަލާކަމަށް ވަނީނަމަ، އަޅުގަނޑުމެންގެ ދާއިރާ ގޮނޑި ގެއްލިފައިވޭ. ކައުންސިލުގެ ގޮނޑި. ކުއްލިއަކަށް ދަފްތަރު އައިސް ވަދެއްޖެ މި އިންތިހާބާ ދިމާކޮށް. އަޅުގަނޑުމެންގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނެއް ނޫން ގިނައިން ދަފްތަރުގައި ހިމެނެނީކީ. އެހެންނަމަވެސް، ދާއިރާގެ ވޯޓު ޑިސައިޑު ކުރީ މި ބޭފުޅުން،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ މިފަހަރު އެ ދާއިރާގެ ވޯޓު "ޑިސައިޑު" ކުރީ ދަފްތަރު ކަމަށާއި، ދާއިރާގައި ނޫޅޭ ބަޔަކަށް އެ ފުރުސަތު ލިބުނީ ކިހިނެތްތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

"އިންތިހާބުތަކާ ދަފުތަރާ މެދުގައި އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ކީއްވެގެންތޯ ސަރަހައްދުގައި ދާއިރާގެ ތެރޭގައި ނޫޅޭ ބަޔަކު ކުއްލިއަކަށް ވަކި އިންތހާބަކަށް ދަފްތަރެއް އައިސް ވޯޓު ޑިސައިޑް ކުރުމުގެ ހައްގު، ފުރުސަތު އެ ލިބެނީ ކިހިނެއްތޯ؟ މިއީ ހަމަ ވިސްނާލަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން. މި ދަފްތަރު އަޅުގަނޑުމެންގެ ދާއިރާގައި ވޯޓ ޑިސައިޑު މިފަހަރު ކޮށްފައިވަނީ،" މެމްބަރު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ދާއިރާތައް ބަހާފައިވާ ގޮތާ މެދު ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން މާލޭގެ ހަތަރު އަވަށުގެ އިންތަކަށް ނުބަލައި، މާލޭގެ 18 އިންތިހާބީ ދާއިރާ ކަނޑައަޅާފައިވުމުން ގިނަ ބަޔަކަށް އޮޅުން އެރި އެވެ.

comment ކޮމެންޓް