ކޮވިޑް19 އާ ދެކޮޅަށް ދޭ ވެކްސިން ޖެހުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ މާލެ ގެނައުމުން ވެކްސިން ޖެހުމަށް ދެކޮޅު ހައްދަވައިފި އެވެ.
ކަރެކްޝަންސް އިން ބުނީ ވެކްސިން ޖެހުމަށް ރައީސް ޔާމީން މާލެ ގެނައީ މިރޭ 9:45 ހާއިރު ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ދެކޮޅު ހެއްދެވުުމުން އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މާލެ ގެނައީ ފައިޒާ ވެކްސިން ޖެހުމަށެވެ. ފައިޒާ ވެކްސިން ޖަހައިދެނީ ކަނޑައަޅާފައިވާ ވަކި ބަޔަކަށް، އެޕޮއިންޓްމެންޓް އުސޫލުންނެވެ.
ކޮވިޑް ވެކްސިން ޖެހުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާފައިވާއިރު ނިމިދިޔަ ކައުންސިލް އިިންތިހާބުގައި އެމަނިކުފާނު ވޯޓުލައްވާފައެއްވެސް ނުވެ އެވެ.
ރައީސް ޔާމީން އަށް ދެރަގޮތެއް ނުވާނެ ކަމަށާއި އެމަނިކުފާނު ގެއަށް ބަދަލުކުރަން ނުވަތަ ލުއި ގޮތެއް ހޯދައިދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރޯދަ މަސް ފެށުމުގެ އެއް ދުވަސް ކުރިން ވިދާޅުވެފައެވެ.
ސިއްހީ ހާލުކޮޅު ހުރި ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ޕީޕީއެމްއާއި އެމަނިކުފާނުގެ އާއިލާއިން މީގެ ކުރިން އެތައް ފަހަރަކު އެދިފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ފައިސާއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެނންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.