ދީނުން ފިލާވަޅެއް: ނޫހުގެފާނުގެ ނައުކޮޅު

އަހަރެމެންގެ ހަޔާތުގައި ދިމާވާ ހިތްދަތި، އުނދަގޫ ކޮންމެ ވަގުތުކޮޅަކީވެސް ނިކަން ހާސްވެ ކަންބޮޑުވާ ވަގުތެކެވެ. ނާއުންމީދާއި ނުތަނަވަސްކަމުން ހިތާއި ސިކުނޑިފުރޭއިރު އެދިއެދި ތިބެވެނީ ކޮންމެވެސް ކަހަލަ ލުޔެއް، ފަރުވާއެއް އެކަންކަމަށް ލިބޭތޯއެވެ. މުސްލިމުންގެ ހައިސިއްޔަތުން މިފަދަ ކޮންމެ ވަގުތުކޮޅަކީވެސް އިމްތިހާނުގެ ހިނދުކޮޅެކެވެ.

ރަސޫލުންނާއި ނަބިއްޔުންގެ ހަޔާތްޕުޅުގައި ވެސް މިފަދަ އެތައް ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. މިގޮތުން މިއަދު ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވެދެއްވަނީ ނޫހުގެފާނުގެ ނައުކޮޅުން ލިބޭ ފިލާވަޅެކެވެ.

ކީރިތި ގުރުއާނުގައި ނަންގަނެވިފައިވާ ނަބިއްޔުންގެ ތެރެއިން ނޫހުގެފާނަކީ ތަކުރާރުކޮށް ނަންގަނެވިފައިވާ މާތް ނަބިިއްޔެކެވެ. އެކަލޭގެފާނުގެ ގައުމުގެ މީސްތަކުންނަށް އިސްލާމްދީނަށް ގޮޮވާލެއްވުމުގައި 950 އަހަރު ހޭދަކުރެއްވިއިރު ޚުދު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ފިރިހެން ދަރިކަލަކު ވެސް އެ ދައުވަތަށް އިންކާރު ކުރެއްވި އެވެ.

ދުނިޔެއަށް އައި ބޮޑު ތޫފާނުން ސަލާމަތްވީ ހަމައެކަނި އެ ނައުކޮޅު

ދުނިޔެއަށް އައި ބޮޑު ތޫފާނަކާއި ވިދިގެން އެދުވަސްވަރުގައި ތިބި ހުރިހާ އެންމެން އެ ތޫފާނުގައި ޣަރަގުވެގެން ދިޔައިރު ސަލާމަތްވި ހަަމައެކަނި މީހުންނަކީ އެ ނައުކޮޅުގައި ތިބި މީހުންނެވެ. އެ ތޫފާނުގ ވާހަކަ މާތްﷲ ކީރިތި ގުރުއާނުގައި ވަހީކުރައްވާފައިވެއެވެ.

حَتَّىٰٓ إِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ قُلْنَا ٱحْمِلْ فِيهَا مِن كُلٍّۢ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ وَمَنْ ءَامَنَ ۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٌۭ 11:40 [ސޫރަތް ހޫދު 40]

ތިމަންރަސްކަލާނގެ އަމުރުފުޅު އައިސް، އަދި އުނދުނުގެ ތެރެއިން ފެން އަރައި އުތުރިގެންފުމަށް ދާނދެނެވެ. (އެހިނދު) ތިމަންރަސްކަލާނގެ ވަހީ ކުރެއްވީމެވެ. ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ދެ ޖިންސުގެ ދޭއްޗާއި، އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައި، ކަލޭގެފާނުގެ އަހުލުވެރިންނާއި، އީމާންވެގެންތިބި މީހުން އެ ނާކޮޅަށް ލައްވާށެވެ! މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެނެއް ނުވެތެވެ.

މާތްﷲގެ ރަހުމަތް ލިބިފަައިވާ މީހަކަށް މެނުވީ އެ ނައު ކޮޅަށް އެޅުމުގެ ފުރުސަތެއް ލިބިފައެއް ނުވެއެވެ. އެ ހާލަތުގައިވެސް ނޫހުގެފާނާއި އެކުގައިވީ ﷲއަށް އީމާންވެ ތެދު މަގު އިޚްތިޔާރުކުރި މަދު މީހެކެވެ. އަދި ހެޔޮކަމުގެ މަގު އިޚްތިޔާރުކުރުމަށް ހިތްތައް ތައްޔާރު ނުވެ ތިބި މީހުންނަށް އެ ވަރުގަދަ ތޫފާންވެސް އިބްރަތަކަށް ނުފުދެއެވެ.

ލޯބިވާ ދަރިކަލުން ޣަރަގުވެގެން ދިޔަ މަންޒަރު

މި ހާދިސާއިން ލިބޭ އެންމެ ބޮޑު އިބްރަތަކީ މިއީ އެވެ. އާޚިރަތާއި އަދި ދުނިޔޭގެ ކިތަންމެބޮޑު އިމްތިހާނަކުންވެސް ސަލާމަތްވެ ކާމިޔާބުވުގެ ނަސީބު އޮތީ މާތްﷲގެ މަގު އިޚްތިޔާރުކުރާ މީހުންނަށް ކަމެވެ.

ނޫހުގެފާނަށް އިންކާރު ކުރި މީހުންގެ ތެރެއިންވީ އެކަކީ އެކަލޭގެފާނުގެ ދަރިކަލުންނެވެ. ގައުމުގެ މީސްތަކުންނަށް ދީނަށް ގޮވާލެއްވުމުގައި މިހާ ބޮޑެތި ބުރަތަކެއް ތަކުލީފުތަކެއް އެކަލޭގެފާނު އުފުއްލެވި އިރު، ދަރިކަލަކު ހެޔޮ މަގަށް ގެނައުމަށް އުފުއްލައްވާނޭ ބުރަ ތަސައްވަރުވެސް ނުކުރެވޭނެކަން ކަށަވަރެވެ.

ތޫފާނުގައި ކާފަރުން ޣަރަގުވަމުން ދިޔައިރު އެމީހުންނާއި އެކުގައިވި އެކަކަކީވެސް އެކަލޭގެފާނުގެ ދަރިކަލުންނެވެ.

وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَىٰ نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْكَب مَّعَنَا وَلَا تَكُن مَّعَ الْكَافِرِينَ - (11:42) [ހޫދު:42]

މާނައީ: އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި نوح ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި كافر ންނާ އެކުގައި ނުވާށެވެ!

އެހިނދު އެ ދަރިފުޅު ދެންނެވިއެވެ. ފެނުން ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާ ހުށީމެވެ. އަދި ދެންވެސް ނޫހުގެފާނު ނަސޭހަތްދެއްވާ އެ ނަސޭހަތަށް ދަރިފުޅު އިންކާރު ކުރެއްވުމުން އެ ދެބަފައިކަލުންގެ ދެމެދުގައި ރާޅެއް ހުރަސްއަޅާ ޣަރަގު ކުރެއްވި މީހުންގެ ތެރޭގައި ދަރިކަލުންވިއެވެ.

ދުނިޔެވީ ނާއުންމީދުތަކުން ސަލާމަތްކޮށްދެނީ މާއްދީ ތަކެއްޗެއް ނޫން!

ދުނިޔޭގައި އަހަރެމެންނަށް ކުރިމަތިމިވާ އެކިއެކި މުސީބާތްތަކާއި އިމްތިހާނުތަކުގެ ސަބަބުން އަހަރެމެން ހިތްތަކަށް އެކިއެކި ވަސްވާސްތައް ވަދެއެވެ. މާޢްދީ އެކިއެކި ވަސީލަތްތަކުގައ އެހީގައި އެ އުނދަގޫތަކުން ސަލާމަތްވާނެއޭ ހިތަށް އަރައެވެ.

"ޝައްކެއްވެސް ނެތް. މާއްދީ ވަސީލަތްތަކަކީވެސް މާތްﷲ އަހަރެމެންގެެ ހިމާޔަތުގައި މާތް ﷲ ލައްވަވާފައިވާ ތަކެތި. އެކަމަކު ހަނދާންކުރާތި ހަމައެކަނި މާޢްދީ ވަސީލަތަކުންނެއް ސަލާމަތެއް ނުވެވޭނެެ. އެ ވަސީލަތްތަކަކީ ވަގުތީގޮތުން އެއިން ފައިދާ ލިބިގަތުމަށްޓަމައި ﷲ ލައްވަވާފައިވާ ތަކެތި. އެއާއެކު ﷲގެ މަދަދާއި ތާއީދާއި ހިމާޔަތަށް އެދި ދުއާ ކުރުމަކީ ލާޒިމް ކަމެއް" ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން ދުނިޔެމަތީގައި ލިބެން މިހިރަ އެކި ވަސީލަތާއި ލައްޒަތަކީ ހަމަ ﷲގެ ހަޒްރަތުން ލިބިގެންވާ ނިއުމަތްތަކެއްކަން ގަބޫލުކޮށް އެ ނިއުމަތަށް ޝުކުރުވެރިވާ ހާލުގައި ﷲގެ މަތީން ހަނދުމަކޮށް އެކަލާންގެ ހަޒްރަތުން ވާގިއަށް އެދި ދުއާކުރުންމަތީ ދެމިތިބެންޖެހޭކަން ނޫހުގެފާނުގެ ނައުކޮޅުގެ ހާދިސާއިން އެގިގެންދެއެވެ.

comment ކޮމެންޓް