މާލޭގެ ހަ ދާއިރާއެއްގެ ވޯޓު ފޮށިތައް އަލުން ގުނަން އެމްޑީޕީ އިން ހުށަހަޅައިފި

ވޯޓު ގުނުން ކުރިއަށްދަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ، މާލެގެ ހަ ދާއިރާ އެއްގެ ވޯޓު ފޮށިތައް އަލުން ގުނަން އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނުގައި އެދެފި އެވެ.

އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެ ހަ ދާއިރާ އިން މިހާތަނަށް ކުރި ހޯދާފައިވާ ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައި އޮތް ވޯޓާ ދެމެދު ހުރި ފަރަގަށްވުރެ ބާތިލް ވޯޓު ގިނަ ކަމަށެވެ.

"ފާއިތުވި އަހަރު ތަކުގައި 2009 އިން ފެށިގެން އަޅުގަނޑުމެން މި ދެންނެވިގޮތަށް މި ދާއިރާތަކުގައި ކިހިނެއްތޯ ބާތިލް ވޯޓު ހުރީ ބެލިއިރު، 2021 ވަނަ އަހަރުގެ އިންތިހާބުގައި ބާތިލް ވޯޓު އެތައް ގުނައަކުން އިތުރު،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ބައެއް ވޯޓު ފޮށިޓަކުގެ ޓެލީ ޝީޓުތަކުގެ އަދަދުތައްވެސް ދިމާ ނުވާ ކަމަށެވެ.

އެމްޑީޕީ އިން އަލަށް ގުނަން އެދުނު މާލޭގެ ދާއިރާތައް

1. މެދު ހެންވޭރު ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް ހުސައިން އަށް 428 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު އާދަމް ރަމީޒަށް 475 ވޯޓު. ދެ ކެންޑިޑޭޓުންގެ ދެމެދު 47 ވޯޓުގެ ތަފާތު. ބާތިލް ވޯޓގެ ގޮތުގައި 82 ވޯޓު ގުނާފައިވޭ

2. ހެންވޭރު ދެކުނު ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރިޝްފާ އަހުމަދަށް 464 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު ފާތިމަތު ޝަމްނާޒު އަލީ ސަލީމް އަށް 484 ވޯޓު. ދެ ކެންޑިޑޭޓުންގެ ދެމެދު 20 ވޯޓުގެ ފަރަގު. ބާތިލް ވޯޓުގެ ގޮތުގައި 93 ވޯޓު ގުނާފައިވޭ.

3. ހެންވޭރު ހުޅަނގު ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު އާއިޝަތު މޫސާ އަށް 456 ވޯޓު. ޕީޕީއެމްގެ ކެންޑިޑޭޓު އަހުމަދު އައިފާން އަށް 513 ވޯޓު. ދެ ކެންޑިޑޭޓުންގެ ދެމެދު 57 ވޯޓުގެ ތަފާތު، ބާތިލް ވޯޓުގެ ގޮތުގައި 103 ވޯޓު ގުނާފައިވޭ.

4. މައްޗަންގޮޅި އުތުރު ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު ލިރުގާމް ވަހީދަށް 423 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު ސައީދާ ރަޝާދަށް 437 ވޯޓު. ދެ ކެންޑިޑޭޓުންގެ ދެމެދު 14 ވޯޓުގެ ތަފާތު، ބާތިލް ވޯޓުގެ ގޮތުގައި 69 ވޯޓު ގުނާފައިވޭ.

5. މާފަންނު އުތުރ ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު ފާތިމަތު ސަމީރަށް 389 ވޯޓު. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އާމިނަތު ޔުމްނާ އަށް 433 ވޯޓު. ދެ ކެންޑިޑޭޓުންގެ ދެމެދު 44 ވޯޓުގެ ތަފާތު، ބާތިލް ވޯޓުގެ ގޮތުގައި 181 ވޯޓު ގުނާފައިވޭ.

6. މާފަންނު ހުޅަނގު ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ޝާހު އަށް 510 ވޯޓު. ޕީޕީއެމްގެ ކެންޑިޑޭޓު އައިބްރާހިމް އަބޫބަކުރު އަށް 557 ވޯޓު. ދެ ކެންޑިޑޭޓުންގެ ދެމެދު 47 ވޯޓުގެ ތަފާތު، ބާތިލް ވޯޓުގެ ގޮތުގައި 124 ވޯޓު ގުނާފައިވޭ

"ހާއްސަކޮށް އަޅުގަނޑު މި އިޝާރަތް ކުރަނީ T5.6، ހެންވޭރު ހުޅަނގު ދާއިރާގެ އެއް ފޮށި. އޭގެ ޓެލީ ޝީޓު ދިމާ ނުވާކަން. ހަމަ އެގޮތަށް، އެއް ފަރާތަކުން ވޯޓުލާން ދިޔައިރު، އެހެން ފޮއްޓެއްގައި އޭނަގެ ނަމުގައި ވޯޓު ލާފައި އޮތްކަން ފާހަގަ ކުރެވޭ، ކްރޮސް އައުޓްކޮށްފައި ވާކަންވެސް ފާހަގަ ކުރެވޭ،" ހަސަން ވިދާޅުވި އެވެ.

ވޯޓު ކަރުދާސް ބާތިލް ކުރުމުގައި އީސީ އިން ތަފާތު ގޮތްތަކެއް ގެންގުޅެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް