ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާ އަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު އަރިހުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންފި އެވެ.

މިއީ އޭޕްރީލް 15 އިން 16 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރް އާއި ބައްދަލުކުރައްވާނެއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އިންޑިއާގެ އެހީގައި ރާޢްޖޭގައި ގިނަ މަޝްރޫއުތަކެއް ފަށަން ތައްޔާރު ވެފައިވާއިރު އޭގެ ތެރޭގައި ލައިން އޮފް ކްރެޑިޓުގެ ދަށުން ކުރާ މަސައްކަތްތަކާއި ލޯނު އެހީގެ ދަށުން ކުރިއަށްް ގެންދާނެ އިތުރު ޕްރޮޖެކްޓުތައް ވެސް ހިމެނެއެވެ. އެގޮތުން މާލެ-ތިލަފުށި ބްރިޖު މަޝްރޫއާއި މާލެ ސަރަހައްދުގައި ހައުސިން ޔުނިޓު އެޅުން، އައްޑޫ އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުުމުގެ މަޝްރޫއު ވެސް ހިމެނެއެވެ.

އިންޑިއާ އިން ވަނީ ކޮވިޑު 19ގެ ހާލަތުގައި ރާއްޖެއަށް އެހީތެރިކަން ދޯރުކޮށްދީ ދެ ލައްކަ ވެކްސިން ޑޯޒު ހަދިޔާކޮށްފަ އެވެ. އަދި އިންޑިއާ އިން ވެކްސިން އެކްސްޕޯޓު ކުރުން މަޑުޖައްސާލާފައި އޮތް ނަމަވެސް ރާއްޖެއަށް ބޭނުންވާ ވެކްސިން ގެނައުމުގެ އިންތިޒާމު ހަމަޖައްސާދީފައި ވެއެވެ.

comment ކޮމެންޓް