މަގުމައްޗަށް ކުނި ޖަމާ ނުކުރުމަށާއި ކުނި އުކާލުމުގެ ފީ ދެއްކުމަށް ހަނދާންކޮށްދީފި

މާލޭމަގުމައްޗަށް ކުނި ޖަމާކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގެ މަގުތައް މައްޗަށް ކުނި ޖަމާ ނުކުރުމަށާއި، ކުނި އުލައިލުމުގެ ހިދުމަތަށް ދައްކަން ޖެހޭ ފީ ގަވައިދުން ދެއްކުމަށް ވޭސްޓު މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަނދާންކޮށްދީފި އެވެ.

ވެމްކޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި އޭޕްރީލް މަހުގެ 12 އަދި 13 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ އެކި މަގުތައް މައްޗަށް ކުނި ޖަމާކޮށްފައި ހުންނަ ޝަކުވާ ވެމްކޯ އަށް ލިބިފައިވާ ކަމަށެެވެ.

މިގޮތަށް ޖަމާކޮށްފައި ހުންނަ ކުންޏަކީ ވެމްކޯ އިން ގޭބީސީތަކަށް ފޯރުކޮށްދޭ، ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ ބަރު، ބޮޑެތި ކުނިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން މިވަގުތު މާލެ ސަރަހައްދުގެ ގޭގެއިން ކުނި އުލާލަ ދެނީ ގޭބީސީތަކުގެ އިމާރާތުގެ ތިރީ ފަންގިފިލާ އާއި ހަމައަށް ކުނި ނެރުމުންނެވެ.

މިއީ ކޮވިޑުގެ މިހާލަތުގައި ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަމުންދާ އުސޫލެއް ކަމަށާއި މި އުސޫލުގެ ނާޖާއިޒު ފައިދާ ހިދުމަތަށް ރެޖިސްޓްރީ ނުކުރާ ވިޔަފާރިތަކާއި ގޭބީސީ ތަކުން ނަގަމުންދާ ކަމަށް ވެމްކޯ އިން ބުންޏެވެ.

މިކަމަކީ ވެމްކޯ އިން ކުށްވެރިކުރާ، އަދި ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ވެމްކޯ އިން ބުނީ ވެމްކޯ އިން ގޭބީސީތަކަށް ފޯރުކޮށްދޭ ހިދުމަތަށް ދައްކަންޖެހޭ އުޖޫރައިގެ މަތިން ހަނދާންކޮށްދޭ ކަމަށެވެ. އަދި ހިދުމަތަށް ރެޖިސްޓްރީކޮށް ގަވައިދުން ފީ ދެއްކުމަށްވެސް ހަނދާން ކޮށްދޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ރޯދަ މަހަކީ އެހެން މަސްތަކާ އަޅާބަލާއިރު ކުނި އުފެދޭ މިންވަރު ގިނަ މަހަކަށްވާއިރު ރޯދަ މަހު ކުނި ނެގުމުގެ ހިދުމަތް ފޯރުކުކޮށްދެނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތަކަށް ރޭގަނޑު 10 އިން 11 އާއި ދެމެދު ކަމަށް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން ބުނީ އެ ކުންފުނީގ ެކެޕްސް ގެ ހިދުމަތްވެސް ހަފްތާގެ ހުރިހާ ދުވަހަކު ފޯރުކޮށްދޭނެ ކަމަށާއި މިއީ ބޮޑެތި ކުނި އުކާލުމަށް ދޭ އަގުހެޔޮ، ފަސޭހަ ހިދުމަތެއް ކަމަށެވެ.

comment ކޮމެންޓް