ގިނަ ބަޔަކު ވޯޓްލާން ނުނިކުތީ ޔާމީން މިނިވަންކުރާ ވާހަކަދައްކާތީ ކަންބޮޑުވެގެން: އާޒިމް

--- ފޮޓޯ/ މަޖިލިސް

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓު ލާން ނުކުމެފައި ނުވަނީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރާ ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވެގެން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމާއި، ކައުންސިލްގެ ގިނަ ގޮނޑިތަކެއް އިދިކޮޅު ޕީޕީއެމް އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އަތޮޅު ކައުންސިލްތަކުން ވެސް މިފަހަރު ޕީޕީއެމް އިން ވަނީ ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ.

އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ސަރުކާރަށް ދިން މެސެޖަކީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަގުތުން މިނިވަން ކުރުން ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މެމްބަރު އާޒިމް ވިދާޅުވީ އެހެން އިންތިހާބުތަކާ އަޅާބަލާ އިރު، ކައުންސިލް އިންތިހާބުގައި ޕީޕީއެމް އަށް ރަނގަޅު ކާމިޔާބެއް ލިބުނުކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް ޖުމްލަކޮށް ބަލާ އިރު، ނިމިދިޔަ އިންތިހާބަކީ އެމްޑީޕީއަށް ގެއްލުނު އިންތިހާބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މާލޭގެ އިންތިހާބު އެމްޑީޕީއަށް ގެއްލުނު ކަމަށާއި އެކަން އެހެން ދިމާވީ ވަރަށް ގިނަ ސަބަބުތަކަކާ ހެދި ކަމަށް މެމްބަރު ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ އެމްޑީޕީން މީގެ ކުރިން ބުނަމުން އައީ ވައްކަން ކުރާ މީހުން ހައްޔަރުކޮށް، ވައްކަން ހުއްޓުވާނެ ވާހަކަ އާއި ކޮރަޕްޝަން މަދުކުރުމާއި ވައްކަން ކޮށްފައި ތިބި މީހުން ހައްޔަރުކުރާ ވާހަކަ ކަމަށެވެ.

"އެހެންވީމަ އިހަށް ދުވަހަކު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައްޔިތުން ނުކުމެ ބުނީ ޔާމީން ދޫކޮށްލާށެކޭ ނޫން. ދޫކޮށްލާ ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވެގެން ދިވެހި ރައްޔިތުން ވޯޓުލާން ނުނުކުތީ. އެހެންވީމާ މިއަދު ނުކުމެ ބުނާނެ ކަމެއް ނެތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިން މީހުން ވޯޓު ދިނީ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރާށެކޭ،" މެމްބަރު ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރައްޔިތުން ވޯޓުލާން ނުނުކުމެ، ދިން މެސެޖަކީ ވައްކަން ކޮށްފައި ތިބި އިތުރު މީހުން ހައްޔަރުކުރަން ޖެހޭ ވާހަކަ ކަމަށެވެ.

"މާވަށު ދާއިރާގެ މެމްބަރު މިނިސްޓަރަކަށް ހުންނަވައިގެން ކުރެއްވި ވައްކަމާއި ކޮރަޕްޝަން ހުއްޓުވައިދެއްވުމަށް. މިތަނުގައި މެމްބަރަކަށް އިންނަވައިގެން ތެޔޮ ވިއްކީތީ އެކަން ހުއްޓުވާދެއްވުމަށް. އެކަމާ އިދިކޮޅުވެ މީހުން ނުކުމެ ވޯޓު ނުދިނީ. އަޅުގަނޑުމެން އެކަން ކުރާލެއް ލަސްވެގެން. ވައްކަން ކުރުން އަދި ވެސް އިންތިހާއަށް އެ ދަނ،ީ އިންތިހާއަށް މަޑުނުޖެހި އެ ދާ ދިޔުމާ ދޭތެރޭ ކަންބޮޑުވާތީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިއަދު އޮތް އެމްޑީޕީގެ ސަރުކާރުގައި ވެސް ވައްކަންކުރާ ކަމަށާއި އަދި ކޮރަޕްޝަންގެ އަމަލުތައް ވެސް ހިންގާ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރު އައި ފަހުން ވައްކަމާއި ކޮރަޕްޝަން 80 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްްދުލްގައްޔޫމަށް ދެރަގޮތެއް ނުވާނެ ކަމަށާއި އެމަނިކުފާނު ގެއަށް ބަދަލުކުރަން ނުވަތަ ލުއި ގޮތެއް ހޯދައިދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ފެނިގެން ދިޔަ ނަތީޖާ އަކީ ކަންތައް ރަނގަޅު ކުރުމަށް މާލޭ ރައްޔިތުން ދިން މެސެޖެއް ކަމަށާއި މައްސަލަތަކަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރާއި މަޖިލިސް ތެރޭ މައްސަލަތަކެއް ހުރިނަމަ އެކަން ވެސް ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް