އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބޭލުން ފަސްކޮށްފި

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުން ފަސްކޮށްފައިވާ ކަމަށް އެގައުމުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ -- ފޮޓޯ: ރޮއިޓާސް

ކާބުލް (އޭޕްރިލް 14): އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެގައުމުން ބޭލުން ފަސް ކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ މީޑިއާތަކަށް މައުލޫމާތު ދެއްވި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެގައުމުގެ ފައުޖުތައް އަވަސް އަރުވާލައިގެން އަފްޣާނިސްތާނުން ބޭލުމަކީ ސިފައިން ނުރައްކަލަށް ހުށަހެޅި ދާނެ ކަމަކަށް ވާތީ، ރައީސް ޖޯ ބައިޑެން ވަނީ ސިފައިން އެގައުމުން ބޭލުން ފަސް ކުރަން ނިންމަވައިފަ އެވެ. ނަމަވެސް "މިއީ 20 އަހަރުވީ އަފްޣާން ހަނގުރާމަ ނިމުމަކަށް ގެންނަންވީ ވަގުތުކަން" ބައިޑެން ގަބޫލު ކުރައްވާ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

އެމެރިކާ އިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތާލިބާނާ އެކު ހެދި އެއްބަސްވުމެއްގައި ވަނީ، އަފްގާނިސްތާނުގައި ތިބި އެގައުމުގެ ސިފައިން މެއި އެކެއްގެ ކުރިން އަނބުރާ ގައުމަށް ގެންދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު އެ ތާރީހު ވަނީ ސެޕްޓެމްބަރު 11އަށް ބަދަލުކޮށްފަ އެވެ. އެއީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަންއަށް އަމާޒުކޮށް 2001 ވަނަ އަހަރު ދިން ހަމަލާއަށް 20 އަހަރު ފުރޭ ދުވަހެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި އެގައުމުން ތާލިބާނާ އެކު ހެދި އެއްބަސްވުމުގައި ވަނީ ތާލިބާނުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި އަލް ގައިދާ ފަދަ ޖަމާއަތްތަކުން ހަމަލާ ދިނުން ހުއްޓުވުމަށާއި ގައުމީ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެ ޖަމާއަތަށް ޝަރުތު ކޮށްފަ އެވެ.

ތާލިބާނާއި އަފްޣާން ސަރުކާރާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސުލްހައިގެ މަޝްވަރާތައް ފެށުނު ނަމަވެސް ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވެ އެވެ. އަދި މެއި މަހުގެ ކުރިން އެގައުމުން އެމެރިކާ ސިފައިން ނުބާލައިފި ނަމަ ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު ތާލިބާނުން ވަނީ ދީފަ އެވެ.

comment ކޮމެންޓް