ބަލިވި ދެ ޓީމު ސެމީއަށް، މިވީ ގޮތް އަނބިމީހާއަށް ކިޔައިދޭނީ ކިހިނެތް؟

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ---- ފޮޓޯ/ލައިވްސްކޯ

ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުން ބަލިވި ނަމަވެސް ޕީއެސްޖީ އާއި ޗެލްސީ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ހަނި ގޮތަކަށް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. އެއް ގޯލުގެ ތަފާތަކުން ބަޔާން މޮޅުވި ނަމަވެސް ރޭގެ މެޗުގެ ނަތީޖާއާ އެކު 3-3 އިން ވަނީ އެގްރިގޭޓަށް ބަލާއިރު އެއްވަރުވެފަ އެވެ. އެހެން ކަމުން ޕީއެސްޖީ ސެމީއަށް ދަތުުރު ކުރީ ފުރަތަމަ ލެގުގައި ޖެހި އަވޭ ތިން ގޯލުގެ ތަފާތުންނެވެ.

އަނެއް ކޮޅުން ރޭ ޗެލްސީއާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުން މޮޅުވި ޕޯޓޯ ވެސް ވަނީ މުބާރާތުން އަލްވަދާއު ކިޔައިފަ އެވެ. ޗެލްސީ ސެމީގެ ޖާގައެއް ކަށަވަރު ކުރީ ފުރަތަމަ ލެގުގައި 0-2 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކުރި ބަޔާން މިއުނިކާއި ޕީއެސްޖީގެ ދެވަނަ ކުރިމަތިލުމަށް ނުކުން އިރު ބަޔާން މިއުނިކަށް އަނިޔާގެ ގިނަ މައްސަލަތަކެއް އޮތީ ކުރިމަތިވެފަ އެވެ. އެހެން ކަމުން ރޭގެ މެޗުގައި އެ ޓީމަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި އިރު، ޕީއެސްޖީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗު ފަށައިގެން ޕީއެސްޖީން ރަނގަޅު ގިނަ ހަމަލާތަކެއް ވަނީ އުފައްދައިފަ އެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް ނޭމާ ޖޫނިއާ ވަނީ ދެ ބޯޅައެއް ބަޔާން މިއުނިކުގެ ދަނޑީގައި ޖަހައިފަ އެވެ. ބަޔާންއަށް މެޗުގެ ފުރަތަމަ ހާފުގައި ފަރަގު ކުޑަކޮށްދިނީ ޕީއެސްޖީގެ ކުރީގެ ފޯވާޑް ޗޫޕޯ މޯޓިންގް އެވެ.

ޗެލްސީއާއި ޕޯޓޯ ބައްދަލު ކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު، މެޗުގެ ނަތީޖާ އެންމެ ފަހުވަގުތު ބަދަލުވީ ޕޯޓޯގެ މެހްދީ ޓަރެމީ ޖެހި ވޯލީ ގޯލުންނެވެ.

comment ކޮމެންޓް