ދީނުން ފިލާވަޅެއް: ހަސަދައިގެ ކުޑަ ހިނދުކޮޅެއް

އަހަރެމެންގެ ހަޔާތުގައި އަންނަ ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކީވެސް މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލަފާނޭ ވަގުތުކޮޅެކެވެ. މިއަދުގެ "ދީނުން ފިލާވަޅެއް" ގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވެދެއްވަނީ މިފަދައިން އުފެދޭ ނުބައި ޖަޒުބާތެއްގެ ސަބަބުން ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ހަޔާތް އަބާއްޖަވެރިވެގެން ދިޔަ ވާހަކައެކެވެ. ހަސަދަވެރިކަމުގެ ކުޑަ ހިނދުކޮޅެއްގެ ވާހަކަ އެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ލޭ އޮހޮރިގެން ދިޔައީ ހަސަދަވެރިކަމުގެ ސަބަބުން

މި ހާދިސާ ހިނގަން މެދުވެރިވީ އާދަމްގެފާނުގެ ދެ ދަރިން ކަމުގައިވާ ހާބިލް އާއި ގާބިލް އާއި ދެމެދުގައެވެ. ދެބޭފުޅުންވެސް މާތްﷲ އަށް ސަދަގާތެއް ކުރިއެވެ. އަދި އެ ސަދަގާތުގެ ތެރެއިން ހާބިލްގެ ސަދަގާތް ގަބޫލުކުރައްވާ އަދި ގާބިލްގެ ސަދަގާތް ގަބޫލު ނުކުރެއްވެވިކަމަށްޓަކައި އުފެދުނު ރުޅިވެރިކަމާއި ހިތް ހަމަ ނުޖެހުން ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ހަސަދަވެރިކަމުގެ ގިނީގައި ޖެހި ގާބިލް ނިންމީ އެއްބަނޑު އެއްބަފާ އަޚު އެއްވެސް ޖެހިލުމަކާއި ނުލާ މަރާލުމަށެވެ. މިއީ ކިހާ ނުބައި ސުންޕާ ވިސްނުމެއްތޯ އެވެ.

ހަސަދަވެރިކަމުގެ ނުބައި ސިފައިން ދުރުހެލިވާންޖެހޭ

މި ހާދިސާއިން އެނގޭ އެންމެ މުހިންމު އެއްކަމަކީ ކިތަންމެ ކުޑަކަމަކާއ ހެދި ނަމަވެސް އަނެކުންނަށް ހަސަދަވެރިވެވިއްޖެނަމަ އޭގެ ސަބަބުން ހީނުކުރާހާ ބޮޑެތި ނޭދެވޭ ނަތީޖާތަކެއް ނުކުމެގެން ހިނގައިދާނެ ކަމެވެ.

އާދަމްގެފާނުގެ މި ދެ ދަރިކަލުންގެ ވާހަކަ ކީރިތި ގުރުއާނުގެ އަލްމާއިދާ ސޫރަތުގެ 27 ވަނަ އާޔަތުގައާއި އަދި 29 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.

މާތް ﷲ ވަހީކުރައްވާފައިވެއެވެ.

۞ وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًۭا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْـَٔاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ 5:27 [އަލް މާއިދާ 27]

މާނައީ: آدم ގެފާނުގެ ދެދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން قربان އެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (قربان) قبول ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبول އެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ قتل ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ.

އަދި ހާބިލްގެ ޖަވާބަކަށްވީ މިހެނެވެ.

لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍۢ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَـٰلَمِينَ 5:28 [އަލް މާއިދާ 28]

މާނައީ: ހަމަކަށަވަރުން، ތިމަން قتل ކުރުމަށްޓަކައި ކަލޭގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ކަލޭ قتل ކުރުމަށްޓަކައި، ތިމަންގެ އަތް ކަލެޔާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، عالم ތަކުގެވެރި اللَّه ދެކެ ތިމަން ބިރުގަންނަމެވެ.

އެކެއްގެ ކިބައިގައި އަނެއް އަޚާއި ދޭތެރޭ ނުހަނު ލޯތްބާއި އޯގާތެރިކަން އޮތްއިރު އަނެކާގެ ހިތުގައި އެ އަޚާއި މެދު ރުޅިވެރިކަމާއި ނަފްރަތުގެ ހުޅުގަނޑު ރޯވ ސަބަބަކީ ހަމަ ހަސަދަވެރިކަމުގެ ނުބައިކަމެވެ.

"މި ހާދިސާއިން އިން އަހަރެމެންނަށް ހިތަށް ގެނުވައިދޭ އިބުރަތުގެ ނަސޭހަތަކީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަންނަ ރުޅިވެރިކަމުން އުފެދޭ ނަތީޖާއަކީ އިއާދަނުކުރެވޭފަދަ ކަމަކަށް ވެގެން ހިނގައިދާނެ އޭ،".

ކާޅަކަށްވީ މިންވަރުވެސް ގާބިލްއަކަށް ނުވި!

ގާބިލް އޭނާގެ އަޚް މަރާލުމަށްފަހު އެ ކުރެވުނު އަމަލާއި މެދު ވިސްނި ހިތާމަ ކުރިނަމަވެސް އޭރު ވަގުތު ފައިތުވެއްޖެއެވެ. ލިބުނު ގެއްލުން އިއާދަ ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

އެއާއެކު އޭނާގެ އަޚާ މަރުވުމުން ކަންތައްތައް ކުރަންވީ ގޮތުގެވެސް އެއްވެސް ޚިޔާލެއް ފިކުރެއް ނެތް އިރު އެކަން އަންގަވައިދެއްވީ މާތް ﷲ ގެ އިރާދަފުޅާއިއެކު އެވަގުތު އެތަނަށް ފޮނުއްވި ކާޅެއްގެ ފަރާތުންނެވެ.

އެއްކާޅު އަނެއްކާޅާއި ތޮޅުމަށް ފަހު އެކަކު މަރުވުމުން، އަނެއް ކާޅުގެ ތުނބުން ބިމުގައި ވަޅެއް ކޮނެ ވަޅުލި މަންޒަރު ފެނުނެވެ. އެތަންފެނި އެގޮތަށް އަމަލުކުރިއިރު ގާބިލްގެ ހިތަށް އެރިކަމަށްވެއެވެ.

"ކާޅަކަށްވީ މިންވަރުވެސް ތިމަންނައަކަށް ނުވިއެވެ."

އިންސާނިއްޔަތުގެ ކަރާމާތާއި ހުރުމަތުން އެކަހެރިވެ ހަމަ ބުއްދިވެސް ފިލައިގެން ދާން މެދުވެރިވި މި ނުބައި ސިފަ ކަމުގައިވާ ހަސަދަވެރިކަަމަކީ އަހަރެމެން ކޮންމެ މީހެއްވެސް ކޮންމެހެން ދުރުވާންޖެހޭ ކަމެކެވެ. ނޫނީ ކުޑަކުޑަ ހިނދުކޮޅެއްތެރޭ މުޅި ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެ އެވެ.

comment ކޮމެންޓް