ވޯޓު ގުނުމަށް ހުރަސް އެޅީ އިދިކޮޅުން ކަމަށް ބުނެ ފިޔަވަޅު އަޅަން ގޮވާލައިފި

ނިމުނު ކައުންސިލް އިންތިހާބުގެ ބައެއް ފޮށިތަކުގެ ވޯޓު އަލުން ގުނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެތަނަށް ވަދެ ހަމަނުޖެހުން ހިންގީ އިދިކޮޅުން ކަމަށާއި އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

މިއަދު 18 ވޯޓު ފޮއްޓެއްގެ ވޯޓު އަލުން ގުންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އެއާ އެކު ސަރުކާރުން އިންތިހާބުގެ ނަތީޖާއަށް އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް، ޕީޕީއެމް، ޕީއެންސީ މެމްބަރުން އިންތިހާބީ މަރުކަޒަށް އެއްވެ، އިހްތިޖާޖް ކުރަން ފެށި އެވެ. އަދި އެ އިހްތިޖާޖުގެ މެދަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެ އިހްތިޖާޖު އިތުރަށް ހޫނުވި އެވެ.

އެކަމާ ގުޅިގެން އެމްޑިޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ވަޑައިގެން އެ މަސައްކަތަށް ހުރަސް އެޅި ކަމަށެވެ.

"[އިދިކޮޅުން] އެތަނުގައި ހަމަނުޖެހުން ހިންގައި ގަޔަށް އަތްލައި މާރާމާރީ ހިންގައިފަ އެވެ. އެއީ މިޕާޓިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

"އެފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލަމެވެ."

ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް ދެފުށް ފެންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރުމުގެ ޖާގަ ދިނުމަށް ވެސް އެމްޑީޕީން ގޮވާލި އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ނަޝިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު އެ ސަރަހައްދަށް ވަޑައިގެންނެވީ އޭރު އެމަރުކަޒަށް ވަދެ ތިއްބެވި ޕީޕީއެމް، ޕީއެންސީން އެތަނުން ނުނިކުތުމުން ކަމަށެވެ.

https://sun.mv/151136

comment ކޮމެންޓް