އީސީއަށް ދިޔައީ ޕީޕީއެމްގެ އިސްވެރިން އެތަނަށް ވަނުމުން: ނަޝީދު

މިއަދު ބާ ޖަމާލުއްދީނަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެ ސަރަހައްދުގައި އިހުތިޖާޖު ކުރަނީ -- ސަން ފޮޓޯ ފަޔާޒު މޫސާ

މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތީ ޕީޕީއެމްގެ އިސްވެރިން އީސީގެ އިދާރާ ތެރެއަށް ވަނުމުން ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

މިއަދު 1:30ގައި ނަތީޖާ ކަށަވަރުކުރުމަށް 18 ވޯޓު ފޮއްޓެއް އަލުން ގުނުމަށް ނިންމުމުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ސަޕޯޓަރުން ތިބީ އެ ސަރަހައްދަށް އެއްވެ ނުރުހުން ފާޅުކުރާށެވެ. އެ ސަރަހައްދު އިތުރަށް ހޫނުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެތަނަށް ވަޑައިގަތުމުންނެވެ.

އިދިކޮޅުގެ ސަޕޯޓަރުން ވަނީ ރައީސް ނަޝީދާ ދިމާލަށް އެއްޗެހި ކިޔައި އެމަނިކުފާނާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އެމަނިކުފާނު އެތަނުން ވަޑައިގަތުމުންވެސް ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުން ހިނގައި ފުލުހުން ޕެޕާ ސްޕްރޭވެސް ޖެހި އެވެ.

ރައީސް ނަޝީދު އަދި އެމްޑީޕީއިންވެސް ބުނަނީ އެމަނިކުފާނު އެތަނަށް ވަޑައިގަންނަން ޖެހިވަޑައިގަތީ ޕީޕީއެމްގެ އިސްވެރިން އީސީ ތެރޭގައި އުޅުއްވާތީ ކަމަށެވެ.

"އަޅުގަނޑު އީސީގެ އިދާރާ ދޮށަށް ދާން ޖެހުނީ، ޓީ4ގެ ވޯޓުފޮށި އަލުން ގުޅުމަށް ތައްޔާރުވަނިކޮށް، ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އީސީގެ އިދާރާގެ ތެރެއަށް ވަދެވަޑައިގަނެ 30 މިނެޓު ވީއިރުވެސް ނުނުކުންނެވީމަ،" ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އޮފިޝަލުން ނޫން އެހެން އެއްވެސް މީހަކަށް އީސީގެ އިދާރާގެ ތެރެއަށް ވަދެވިގެން ނުވާނެ ކަމަށާއި، އެމަނިކުފާނުވެސް އިދާރާގެ ތެރެއަށް ވަދެވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޓްވިޓާ ހޭންޑަލުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައިވަނިކޮށް، ޕީޕީއެމްގެ އިސްވެރިން ވޯޓު މަރުކަޒަށް ވަޑައިގެން އެތަނުގައި އަޑުގަދަ ކުރައްވައި ހެއްދެވުމުން، އެމްޑީޕީގެ އިސްވެރިންނަށްވެސް އެތަނަށް ވަޑައިގަތުމަށް މަޖުބޫރުވީ ކަމަށެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲވެސް އިންތިހާބީ މަރުކަޒުގެ ތެރޭގައި އުޅުއްވި އެވެ. އަދި މާލޭ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް އެ ސަރަހައްދުގައި އުޅުއްވި އެވެ.

އެމްޑީޕީގެ ޓްވީޓުގައި ވަނީ ގާނޫނުގައިވާ ގޮތަށް ވޯޓުގެ ކަންތައް ކުރިއަށް ދިޔުމުގެ ފުރުސަތު ދިނުމަށް ގޮވާލާފަ އެވެ.

comment ކޮމެންޓް