އިނގިރޭސި ސަފީރުވެސް ދިވެހީންނާއެކު ރޯދަ ހިއްޕަވާނެ

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ --

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ މި ރަމަޟާން މަހު ދިވެހީންނާއެކު ރޯދަ ހިއްޕަވައި ގުރުއާން ކިޔަވާވިދާޅުވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

މުސްލިމުންނަށް ރަމަޟާން މަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި ކެރޮން ވިދާޅުވީ، މިއަހަރު މުސްލިމުންނާއެކު ރޯދަ ހިފައި ގުރުއާން ކިޔަވަން ނިންމަވާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ރޯދަ ނުހިއްޕެެވުނީ ކޮވިޑް-19އާ ހެދި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތުމުން ދިމާވި ދަތިތަހާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު ލޮކްޑައުންއާ ހެދި ރޯދަހިފަން މާ އުނދަގޫވި. އިންޝާﷲ މިފަހަރު ރަނގަޅުވާނެ،"

ރޯދައަށް ހުރުމާއި ގުރުއާން ކިޔެވުމާ ބެހޭ ހިޔާލާއި ލަފާ ދިނުމަށްވެސް އޭނާ ޓްވިޓާގައި އާންމުންގެ ކިބައިން އެދިވަޑައިގަތެވެ.

ސަފީރުގެ ޓްވީޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ބައެއް މީހުން ގެންދަނީ ހާރުކާން ރަނގަޅު ކާ އެއްޗެހީގެ ލަފާ ދެމުންނެވެ. އަދި ގުރުއާން ކިޔަވާއިރު މާނައާއެކީ ކިޔެވުމަށްވެސް މީހަކު ލަފާ ދިނެވެ.

ކެރޮން ރޮސްލާއަކީ ދިވެހީންގެ އާދަކާދައަށް ޝައުގުވެރިކަން ފާޅު ކުރައްވާ ބޭފުޅެކެވެ. އެގޮތުން، ދިވެހި ކެއުން ތަޖުރިބާ ކުރައްވައި އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައިވެ އެވެ. އަދި އަވަށްޓެރިންނާއެކު ތަށިބަރި ބަދަލުކުރުމުގައިވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކެރޮންއަކީ ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ރެޒިޑެންޓް ހައިކޮމިޝަނަރެވެ. އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުއްވީ 30 އޮކްޓޯބަރު 2019ގަ އެވެ. އޭގެ ކުރިން އޭނާ އަކީ ސީޝެލްސް އިނގިރޭސި ސަފީރެވެ.

comment ކޮމެންޓް