ނަތީޖާ ކަށަވަރު ކުރުމަށް 18 ވޯޓު ފޮއްޓެއް އަލުން ގުނަނީ

އޭޕްރީލް 10، 2021: ގާނޫނީ ބޮޑެތި ބާރުތަކާއެެކު އިންތިހާބު ވާނެ، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ އިންތިހާބު ކުރާ "ލޯކަލް ކައުންސިލް އިންތިހާބު 2020"ގެ ވޯޓުލުމަށް ފަހު ވޯޓުގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހުކުރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ 18 ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު އިއުލާނު ކުރަން ފަށާފައިވާ އިރު ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓު ކަށަވަރު ނުވާ ކަމަށް އީސީއިން ވަނީ ބުނެފަ އެވެ.

އީސީއިން ބުނީ ކަށަވަރު ނުވާ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށް މިއަދު 1:30ގައި ބައެއް ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނަން ފަށާނެ ކަމަށެވެ. އެކަން ކުރިއަށް ދާނީ ގުޅުން ހުރި ކެންޑިޑޭޓުންގެ ހާޒިރުގައި އިންތިހާބާ ބެހޭ މަރުކަޒުގެ ރި ރެޖިސްޓްރީ ހޯލުގައި ކަމަށް އީސީއިން ބުންޏެވެ.

"މިއީ ވަގުތީ ނަތީޖާ ކަށަވަރު ކުރުމަށް ގުނާ ފޮށިތަކެއް." އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ނިމިދިޔަ އިންތިހާބުގައި 3934 ކެންޑިޑޭޓުން ވާދަކުރި އެވެ. އޭގެތެރެއިން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ސިޔާސީ ޕާޓީއެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. އިންތިހާބު ތަކުގައި އަބަދު ވެސް މާލެއިން މެޖޯރިޓީ ނަގާ އެމްޑީޕީ މިފަހަރު ވަނީ މާލެއިން ބަލިވެފަ އެވެ. މާލޭގެ މޭޔަރަކަށް އިންތިހާބު ވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އެވެ.

މާލޭގެ ބައެއް ދާއިރާތައް ކުޑަ ތަފާތަކުން ޕީޕީއެމް ކުރީގައި އުޅޭތީ ވޯޓު ކަރުދާސް އަލުން ގުނައި ދިނުމަށް އެމްޑީޕީއިން އެދޭނެ ކަމަށް އެޕާޓީ އިން ބުންޏެވެ.

comment ކޮމެންޓް