މިއަދު ކޭސްތައް 100އިން ދަށުގައި، ގިނައީ ރަށްރަށުން

މާލޭގެ ބޮޑުތަކުރުފާނުމަގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުވެސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 100އިން ތިރިވެއްޖެ އެވެ. ގިނައީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ.

ވޭތުވެދިޔަ ތިން ދުވަހުވެސް ރާއްޖޭގެ ކޭސްތައް ހުރީ 100އިން ދަށުގައެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ އިރުއޮއްސި 6:00އިން މިއަދުގެ އިރުއޮއްސި 6:00އަށް ނެގި 2،216 ސާމްޕަލްއިން ޕޮޒިޓިވްވެފައިވަނީ 84 މީހުންނެވެ.

މިއީ އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދާ ބަލާއިރު ނުވަ ކޭސްގެ މަދުވުމެކެވެ.އިއްޔެ ޕޮޒިޓިވްވެފައިވަނީ 93 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ރަށްރަށުން ޕޮޒިޓިވްވި 37 މީހަކާއި މާލެ ސިޓީން ޕޮޒިޓިވްވި 32 މީހެކެވެ. އޭގެ އިތުރުން ރިސޯޓުތަކުން 13 މީހަކު ޕޮޒިޓިވްވި އިރު، ސަފާރީތަކުން ދެ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދަކީ، 25،701 އެވެ. އޭގެ ތެރެއިން 22،796 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހިފައި ތިބި 2،800އަށްވުރެ ގިނަ މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 64 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 67 އެވެ.

comment ކޮމެންޓް