އެސްޓީއޯ އެގްރިސެންޓަރު ހުޅުވައިފި، ހައްދާ ހުރިހާ ގޮވާން ގަންނާނެ

އޭޕްރީލް 12، 2021: އެސްޓީއޯ އެގްރިސެންޓަރު ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަނޑުވެރިން ހައްދާ ތަކެތި ގަތުމަށްޓަކައި އެސްޓީއޯ އެގްރިސެންޓަރު ހުޅުވައިފި އެވެ.

އެގްރިސެންޓަރު ހުޅުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އެގްރިސެންޓަރު ހުޅުވުމާއެކު ދަނޑުވެރިން ހައްދާ ގޮވާމުގެ ބާވަތްތަކަށް ހަމަ އަގު ހޯދައިދީ، ބާޒާރުގައި އެތަކެތީގެ އަގު އުފުލުނަ ނުދީ އަގު ހިފެހެއްޓޭނެ ކަމަށެވެ.

އެގޮތުން ބާޒާރުގައި މޭވާއާއި ތަރުކާރީ ކިތަންމެ އަގުބޮޑުކޮށް ވިއްކަމުންދިޔަ ނަމަވެސް، އޭގެ ނަފާ މިހާރު ލިބެނީ ދަނޑުވެރިންނަށް ނޫން ކަމަށް އަމްރު ވިދާޅުވި އެވެ. އަދި ދަނޑުވެރިޔާއާއި ބާޒާރުގައި އެންމެ ފަހުން ތަކެތި ވިއްކުމާއި ދެމެދުގައި ހުންނަ ފަށަލަތައް އެގްރިސެންޓަރު އައުމުން ނައްތާލެވޭނެ ކަމަށް އަމްރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަންނާނެ އެންމެ ދަށް އަގު، އެގްރިސެންޓަރުގެ ވެބްސައިޓުގައި ވާނީ ޝާއިއުކޮށްފައި. އޭރުން ދެކަމެއް އެބަ ހާސިލުވޭ. އެއްކަމަކީ ދަނޑުވެރިން ރަނގަޅު އަގެއް ލިބުން. އަނެއް ކަމަކީ ބާޒާރުގައި އަގުތައް ހިފެހެއްޓިގެން ދިއުން. ބައެއް ފަހަރު ތަކެތީގެ އަގު 1000 ރުފިޔާއިން އަރައިގެން އެބަދޭ. އެކަމަކު ދަނޑުވެރިޔާ ލިބެނީ ހަމަ އެއް އަދަދެއް. އެހެން ބަޔަކު އަގު ކޮންޓްރޯލު ކުރަނީ." އަމްރު ވިދާޅުވި އެވެ.

އޭޕްރީލް 12، 2021: އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގްރިސެންޓަރުން ދަނޑުވެރިން ހައްދާ ތަކެތި ގަންނަން އެންމެ ދަށް އަގު ކަނޑައެޅުމުގައި ދަނޑުވެރިންނާ މަޝްވަރާކޮށްގެން ކަމަށް އަމްރު ވިދާޅުވި އެވެ.

"ދަނޑުވެރިންނާ ވާހަކަ ދައްކައިގެން ދަނޑުވެރިން މިހާރުވެސް ވިއްކާ އަގާއި މާރުކޭޓުގައި ވިއްކާ އަގާ ދެމެދުގައި ހުންނަ ފަށަލަތައް ކަނޑާލާފައި، އެ ހުރިހާ އެއްޗެއް ވެސް ދަނޑުވެރިންނަށް ލިބޭ ގޮތަށް އަގު ކަނޑައެޅީ." އަމްރު ވިދާޅުވި އެވެ.

އެގްރިސެންޓަރުގެ ޕްރޮސެސް ރާވާފައި އޮންނަ ގޮތަކީ، ރަޖިސްޓްރީކުރަން ހުޅުވާލައިގެން ރަޖިސްޓްރީ ކުރާ ދަނޑުވެރިން ހައްދާ ގޮވާން ފޮނުމުގެ ކުރިން ކޮން ބާވަތެއް ކަމާއި ފޮނުވާ އަދަދު އެގްރިސެންޓަރަށް އަންގާނެ އެވެ.

އޭޕްރީލް 12، 2021: އެސްޓީއޯ އެގްރިސެންޓަރު ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމްރު ވިދާޅުވީ އެހިސާބުން އެތަކެތި ވިކޭނެ އަގު ދަނޑުވެރިންނަށް އެނގޭނެ ކަމަށެވެ.

"ދެން މިތަނަށް އެތަކެތި ފޮނުވީމަ، ކިރުމަށްފަހު ޕޯޓަލް މެދުވެރިކޮށް ދަނޑުވެރިޔާއަށް އަންގާނެ ކިހާވަރެއްކަން ލިބުނީ އެއީ އަގުގެ ގޮތުން ޖުމުލަ ކިހާވަރެއްކަން. ދެން ވަގުތުން ބޭންކް ޓްރާންސްފާއިން ދަނޑުވެރިޔައަށް ޖަމާކޮށްދެނީ." އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ދަނޑުވެރިން ހައްދާ ގޮވާން ގަތުމަށްފަހު އެގްރިސެންޓަރުން އެތަކެތި ރިސޯޓުތަކަށް ހޯލްސޭލްކުރަން ރާވާފައިވާ ކަމަށެވެ. އަދި ރިސޯޓުތަކުން އެކަމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭ އެގްރިސެންޓަރު ހުޅުވާފައިވާއިރު، މާދަމާއިން ފެށިގެން ދަނޑުވެރިން ހައްދާ ތަކެތި އެތަނުން ގަންނަން ފަށާނެ އެވެ. އަދި ފަށައިގަތްއިރު، 200 އަށްވުރެ ގިނަ ދަނޑުވެރިން އެތަނުގައި ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

"ހެއްދި ހުރިހާ އެއްޗެއް، ހެއްދި ވަރަކަށް އަޅުގަނޑުމެން ގަންނާނަން." އަމްރު ވިދާޅުވި އެވެ.

ކުރިން އެގްރިސެންޓަރު ހުޅުވަން ރާވާފައި އޮތީ މިދިޔަ އަހަރުގަ އެވެ. އެހެން ނަމަވެސް ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން އެތަން ހުޅުވުން މިއަހަރަށް ވަނީ ލަސްވެފަ އެވެ.

އަލަށް ހުޅުވި އެގްރިސެންޓަރު ހަދާފައިވަނީ މޭވާއާއި ތަރުކާރީގެ ތާޒާކަން ދެމެހެއްޓޭ ގޮތަށް ސްޓޯރޭޖްއަކާވެސް އެކުގަ އެވެ. އަދި އެތަނުން ގަންނަ ތަކެތި އިތުރުވާ ވަރަކަށް ސްޓޯރޭޖް ބޮޑުކުރާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެ އެވެ.

އޭޕްރީލް 12، 2021: އެސްޓީއޯ އެގްރިސެންޓަރު ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯ އެގްރިސެންޓަރު ހުންނާނީ ނޯތު ހާބަރު ކުރިމަތިން، ހަވީރީ ހިނގުމާއި ފާރު ކެނދި ހިނގުން ގުޅޭ ކަންމަތީގަ އެވެ.

comment ކޮމެންޓް