މިދިޔަ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް މި ރޯދަ މަހަށް ނުހުޅުވެނީ އެތަނުގެ ވަސީލަތްތައް ގާއިމްނުކުރެވޭތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި ރޯދަ މަހަށް ކިންގް ސަލްމާން މިސްކިތް ހުޅުވޭނެކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ފަހުން ހާމަ ކުރި ގޮތުގައި މިސްކިތް މި ރޯދަ މަހަށްވެސް ނުހުޅުވާނެ އެވެ.
އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ގިނަ ހިދުމަތްތަކެއް ދެވޭ ގޮތަށް އެ މިސްކިތް އިމާރާތް ކުރެވުނު ނަމަވެސް، އަދިވެސް އެތަނުގައި ގާއިމްކުރަން ޖެހޭ ވަސީލަތްތައް ގާއިމްކުރެވިފައިވާ ނުވާ ކަމަށެވެ.
"ގާއިމްކުރަން ޖެހޭ ވަސީލަތްތައް ގާއިމްކުރެވިފައި ނުވާތީ، ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތޔް ދިވެހި ދައުލަތާއި ސައުދީ ސަރުކާރާ ގުޅިގެން ކުރަމުންދާ ވާހަކަ ދަންނަވަން،" ސައުދީގެ ބޮޑު ހޭދައެއްކޮށްގެން އިމާރާތް ކުރާ މިސްކިތް ނުހުޅުވޭ ސަބަބު ބަޔާންކޮށް، މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
މިިސްކިތް ނުހުޅުވޭ އަނެއް ސަބަބަކީ، ކޮވިޑް ހާލަތުގެ ސަބަބަބުން މިސްކިތް ހުޅުވުމަށް ސައުދީން ވަޑައިގަންނަވާ ބޭފުޅުނަށް ވަޑައި ނުގަނެވޭތީ ކަމަށް ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނީ، މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ސައުދީ ސަރުކާރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
"މިސްކތް ހުޅުވުމަށް ތާރީހްތަކެއް ކަނޑައެޅި ހިސާބުން ކޮވިޑް19ގެ ހާލަތު މުޅި ދުނިޔެއަށް ކުރިމަތިވީ ގޮތަށް އަދިވެސް ރައްކާތެރިކަމާއެކު ސައުދީން ވަޑައިގަންވާ ބޭފުޅުންނަށް ވަޑައިނުގަނެވޭ ފަދަ ހާލަތަކަށް ނުދާތީ، މިސްކިތް ހުޅުވުން ލަސްވާ ކަމަށް ހިތާމައާއެކު ދަންނަވަން،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ކިންގް ސަލްމާން މިސްކިތް އެޅުމަށް ހަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީ އިން ދިނީ 14.5 މިލިއަން ޑޮލަރެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ.
އެ މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމާއި ފަސް ސެނިމާ ރޫމް ހުރެ އެވެ. އަދި ހަތަރުވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެ އެވެ. އޭގެ އިތުރުން، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ހުރެ އެވެ.
ކިންގް ސަލްމާން މިސްކިތުގެ މަޝްރޫއަށް ފަންޑު ލިބުމުގައި ދަތިވެގެން އެ މިސްކިތުގެ ޑިޒައިން ޕްލޭން ފަހުން ބަދަލުވެސް ކުރި އެވެ. އެގޮތުން ކުރިން އެތަނުގައި އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ކުރީގެ ސަރުކާރުން ބުނެފައިވެއެވެ.