ރައީސް ނަޝީދާ ދޭތެރެއަށް ވެންޓިލޭޓަރަކަށް ނުވަދެވޭނެ: ރައީސް ސޯލިހު

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ރައީސް ސޯލިހާއި ރައީސް ނަޝީދު ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާ ދެމެދަށް ވެންޓިލޭޓަރަކަށް ނުވަދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ، ދެ ބޭފުޅުންގެ ދެމެދުގައި މައްސަލަ ޖެހިފައިވާ ކަމަށް، ރައީސް ނަޝީދު އިއްޔެ އެއްބަސްވެވަޑައިގެންފައި ވަނިކޮށެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ރައީސް ސޯލިހާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ދެބޭފުޅުންގެ ދެމެދުގައި އަބަދުވެސް ހިޔާލު ތަފާތުވުން ހުންނަ ކަމަށެވެ.

"ވެންޓިލޭޓަރަކަށް ނުވަދެވޭނެ އަޅުގަނޑުމެން ދެމީހުންގެ ދޭތެރެއަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިޔާލުތަފާތުވާ ކަންކަން ހުއްޓަސް، އެކަމުގެ ސަބަބުން އެމްޑީޕީއަށް އަދި ގައުމަށް ވެސް ދެރަވާނެ ކަމެއް އެއްވެސް ބޭފުޅަކު ނުކުރައްވާނެ ކަމަށެވެ.

އެމްޑީޕީ އަކީ އަބަދުވެސް ހިޔާކުތަފާތުވުންތަކަށް ޖާގަދޭ ޕާޓީއެއް ކަމަށާއި ދެންވެސް އެ ޕާޓީ ކުރިއަށް ދާނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ޕާޓީއަށް ގެއްލުންވާ ކަމެއް އަދި ގައުމަށް ގެއްލުންވާ ކަމެއް ވެސް އަޅުގަނޑުމެން ނުކުރާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން އޮންނަން އެމްޑީީގެ ގިނަ މެމްބަރުން ނޭދޭ ކަމަށާއި އަދި ފާޅުގައި ސަރުކާރުގެ ތެރޭގައި "އެކަހަލަ ކަންކަން" ހިނގާކަށް މެމްބަރުން ބޭނުން ނުވާ ކަމަށެވެ. އަދި އެފަދަ ކަންކަން ހިނގާ ކަމަށް ވާނަމަ އެއްބަޔަކު ހިތްހަމަނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް