ސަރުކާރު ތެރޭ ކޮރަޕްޝަން ފެތުރިފައި އޮތް ކަމަށް ރައީސް ގަބޫލެއް ނުކުރައްވާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައިސް އޮފީސް

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ފެތުރިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ އިން އެމްޑީޕީއަށް ނާކާމިޔާބުވީ ކޮރަޕްޝަންގެ ސަބަބުން ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ވަނީ އެކަމާ ގުޅިގެން ރައީސް ސޯލިހާ ސުވާލުކޮށްފަ އެވެ. ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފަނަކީ ކޮރަޕްޝަނަށް ޖާގަ ދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އަދި ކޮރަޕްޝަނާ ގުޅޭގޮތުން އުފެދޭ ކޮންމެ ސުވާލަކަށް ޖަވާބު ހޯދަން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނަކީ ރާއްޖޭގައި އެތައް ޒަމާނެއް ވަންދެން ހިންގަމުން އަންނަ ކަމެއް ކަމަށާއި އެހެންކަމުން އެކަމުގެ އަސަރު އަދިވެސް ހުންނާނެ ކަމަށެވެ. އަދި އެކަން މުޅިން ފިލުވާލަން ކުރަންޖެހޭ ބައިވަރު ކަންކަން ހުރި ކަމަށެވެ.

"ކޮރަޕްޝަނަކީ ރާއްޖޭގައި ވަރަށް ދުވަސްވީ ކަމަކޭ. އެހެންވީމަ އެ ފޭދިގެން އައިސް ހުރިހާ ހިސާބެއްގައި ވެސް އަދިވެސް ހުންނާނެ ކޮންމެސް ވަރަކަށް. އެއީ ޖުޑީޝަރީ ވިޔަސް ސަރުކާރު ތެރޭ ވިޔަސް އަދި މިނިވަން މުއައްސަސާތަކުގައި ވިޔަސް އަދި އެހެން ތަންތަނުގައި ވެސް. އެހެން ބާރުތަކުގެ ތެރޭގައި ވެސް ހުރުމަކީ އެކަށީގެންވާ ކަމެއް. އެކަންކަން އިސްލާހު ކުރުމަށް ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން މި ދަނީ ކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރާ މި އަހަރާ އަޅާބަލާއިރު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް 40 ޕޮއިންޓުގެ ކުރިއެރުމެއް ލިބިފައި ވަނީ ހިންގުމުގެ ތެރޭގައި ގެނެވިފައި ހުރި ބަދަލުތަކުގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އޮޑިޓު ރިޕޯޓު ނެރުމާއެކު، މައްސަލަ ބަލަން ސަރުކާރުން އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ކަމަށެވެ.

އެ މައްސަލައިގައި ދޭންޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ސަރުކާރުން ދެމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް މިނިވަން މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރަން ޖާގަ ދޭންޖެހޭ ކަމަށް ސަރުކާރުން އަބަދުވެސް ވަކާލާތު ކުރާއިރު، އެ މައްސަލައިގައި ވެސް ސަރުކާރުން އޭސީސީގެ ހިންގުމުގެ ތެރެއަށް ނުވަންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިންގުމުގެ ތެރެއަށް ނުވަނަސް، ހިންގަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ އެމަނިކުފާނު ބައްލަވާ ކަމަށެވެ.

"ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހުރި ކަމަށް ވަންޏާ، އެކަންކަން ފިލުވާލުމަށްޓަކި އަޅުގަނޑު ކުރެވެން ހުރިހާ މަސައްކަތެއް ކުރާނަން. އަޅުގަނޑު ޔަގީންކަމާއެކު މި ދަންނަވަނީ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންސް ނައްތާލުމަށްޓަކައި ކުރެވެން ހުރިހާ ކަމެއް ކުރާނަން. އަޅުގަނޑު ނުދަންނަވާނަން މި ސަރުކާރުގެ ތެރޭގައި ތިވިދާޅުވާ ވަރަކަށް، ތިވިދާޅުވާ ގޮތަކަށް ކޮރަޕްޝަން ފެތުރިފައި އޮތް ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް