އެމެރިކާގެ ފުލުހުން އަނެއްކާ ވެސް އެގައުމުގެ ކަޅު ނަސްލުގެ މީހަކު މަރާލައިފި

އެމެރިކާ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އާންމުން ނުކުމެ މުޒާހަރާކުރަނީ

މިނެސޯޓާ (އެޕްރީލް 12) : އެމެރިކާ ފުލުހުން އަނެއްކާވެސް އެގައުމުގެ ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.

އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން އެމެރިކާ ފުލުހުން ބަޑިޖަހައި މަރާލީ ޑޮންޓާ ރައިޓް ނަމަކަށްކިޔާ އުމުރުން 20 އަހަރުގެ ޒުވާނެކެވެ. ކަޅު ނަސްލުގެ މި ޒުވާނާގެ ގަޔަށް އެމެރިކާގެ ފުލުހުން ބަޑިޖެހީ މަގުމަތީގެ ޓްރެފިކް އުސޫލާ ޚިލާފަށް އޭނާ އަމަލުކުރި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް މި މައްސަލާގައި އެ ޒުވާނާ ހައްޔަރު ކުރެވެން އޮއްވައި އޭނާގެ ގަޔަށް ބަޑިޖަހައި މަރާލުމަކީ ފުލުހުން ގަސްދުގައި ހިންގި ލާއިންސާނީ ޖަރީމާއެއްކަމަށް މަންޒަރުދުށްމީހުން ވަނީ ސިފަކޮށްފައެވެ.

މި ޖަރީމާއާ ގުޅިގެން މެނިސޯޓާގެ ބްރޮކްލިން ސެންޓަރު ސަރަހައްދުގައި އެމެރިކާ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އެތައް ސަތޭކަބަޔަކު ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފަ އެވެ. މުޒާހަރާކުރަން ފެށުމުންވެސް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލާފައެވެ. ނަމަވެސް މުޒާހަރާކުރި މީހުންވަނީ މެނިސޯޓާގައިވާ އެމެރިކާ ފުލުހުންގެ މަރުކަޒުތަކަށާއި ފުލުހުންގެ ވެހިކަލްތަކަށާއި ފުލުހުންނަށްވެސް އޮއްގަލުން ޙަމަލާތަކެއް ދީފައެވެ.

އެމެރިކާ ފުލުހުން މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރަނީ

އެމެރިކާ ފުލުހުން އަނެއްކާވެސް އެގައުމުގެ ކަޅު ނަސްލުގެ މީހަކު މަރާލާފައި މިވަނީ ކަޅުނަސްލުގެ މީހުންނަށް އަނިޔާކޮށް އެމީހުން ގަސްދުގައި މަރާކަމުގެ ތުހުމަތު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާ އަދި އެމްނެސްޓީ އިންޓަނޭޝަލް އިން އެމެރިކާ ސަރުކާރުގެ މައްޗަށް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެމްނެސްޓީން ވަނީ އެމެރިކާ ފުލުހުން ކަޅު ނަސްލުގެ މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލައާއި އެމެރިކާގެ ރަސްމީ މުއައްސަސާތަކުން ނަސްލީ އިމްތިޔާޒުގެ އަމަލުތައް ހިންގާއިރު އެކަން ހުއްޓުވުމަށް އެމެރިކާގެ މައި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ބުނެ ރިޕޯޓެއް ވެސް ނެރެފަ އެވެ.

އެރިޕޯޓްގައި އެމްނެސްޓީން ވަނީ، އެމެރިކާ ގެ ފުލުހުންނާ އަދި ހަރުކަށި ފިކުރުގެ ދޮންމީހުން އެގައުމުގެ ކަޅުނަސްލުގެ މީހުންނާއި އޭޝިއާ އަދި ލެޓިން ދަރިކޮޅުމުގެ މީހުންނާ ދެކޮޅަށް ތަފާތުކުރުމާއި ނަސްލީ އިމްތިޔާޒުގެ އަމަލުތައް ހިންގާއިރު އެޖަރީމާތައް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި އެމެރިކާ ސަރުކާރު އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މީގެއިތުރުން އެމެރިކާ ފުލުހުންގެ މިފަދަ ޖަރީމާތަކުގެ ޝިކާރައަކަށް ވާ މީހުންނަށް އެމެރިކާގެ ކޯޓުތަކުން އިންސާފު ނުލިބުމާއި މިފަދަ ޖަޒީމާތައް ހިންގާ އެމެރިކާގެ ފުލުހުންނަށް ލިބެން ޖެހޭ އަދަބު ނުލިބޭ މައްސަލަ ވެސް އެމްނެސްޓީން ވަނީ ފާހަގަކޮށްފަ އެވެ.

އެމެރިކާ ފުލުހުން އަނެއްކާ ވެސް ކަޅު ނަސްލުގެ މީހަކު މަރާލަފައި މިވަނީ މިދިޔަ އަހަރުގެ މޭމަހު އެމެރިކާގެ ފުލުހުންގެ މީހަކު އެގައުމުގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް، ބިންމައްޗަށް ވައްޓާލުމަށްފަހު އޭނާގެ ކަރަށް ފައިން އަރައި ނޭވާނުލެވޭގޮތަށް ހާސްކޮށްލައިގެން ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި ޖަރީމާ ހިންގި ސަރަހައްދާ ގާތްގަނޑަކަށް 16 ކިލޯ މީޓަރު ދުރުގައިވާ ސަރަހަދެއްގައެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް