ރޯދަ ހިފާ މާބަނޑު މީހުންނަށް އާސިޔާގެ ހާއްސަ ޓިޕްސްކޮޅެއް!

ރޯދަ ހިފާ މާބަނޑު މީހުންނަށް އާސިޔާގެ ހާއްސަ ޓިޕްސްކޮޅެއް!

މާބަނޑު ދުވަސްވަރު ރޯދަ ހިފަންޖެހުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. އެހާ ގިނަވަގުތު ނުކައި ނުބޮއެ ހޭދަކުރުމަކީ ބައެއް ފަހަރު ބަނޑުގައިވާ ތުއްތު ދަރިފުޅަށާއި އަދި އަމިއްލަ ނަފްސަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެކެވެ. ކޮންމެއަކަސް، ރޯދަ ހިފަން ގަސްތުކުރާ ނަމަ މިފަހަރު ޑައިޓީޝަން އާސިޔާ އަބްދުލް ރަހްމާން މިވަނީ މާބަނޑު މީހުން ސަމާލުކަންދޭންވީ ދެތިން ކަމެއް ބުނެދެއްވާފައެވެ.

ދުރާލާ ކެއުންތައް ރާވައި ތައްޔާރުވޭ!

ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް އެންމެ ގިނައިން އާސިޔާ ދެއްވާ ނަސޭހަތަކީ ކެެއުންތައް ދުރާލާ ރާވާލާ ތައްޔާރުކޮށްލުމެވެ. މިގޮތުން މާބަނޑު ދުވަސްވަރުގައި ނަމަ މިކަމުގެ ހާއްސަކަން ކުޑަކޮށް އިތުރު ވެސް މެ އެވެ. ތިމާގެ އަމިއްލަ ހަށިގަނޑާ އެއްވަރަށް މިދުވަސްވަރު ތިމާގެ ހަށިގަނޑުގެތެރޭ އުފެދި ބޮޑުވަމުން އަންނަ ކުޑަ ދަރިފުޅަށް ވެސް ފައިދާހުރި މާއްދާތައް ބޭނުންވާނެ އެވެ.

އެހެންކަމުން ތިމާގެ ކެއުންތައް ކާނެ ވަގުތުތައް ބަހާލާއި، ކެއުމުގައި ހިމަނާނެ ބާވަތްތައް ވެސް ދުރާލާ ވިސްނާފައި ބެހެއްޓުމަކީ ވަގުތު ސަލާމަތްކޮށް މި ރޯދަ މަހު ހަށްޓަށް ލުއިކޮށް ރޯދަ ހިފުމަށް ކުރެވިދާނެ ކަމެކެވެ.

މިގޮތުން އާސިޔާގެ ނަސޭހަތަކީ ފުރަތަމަ ޓްރައިމިސްޓާ ނުވަތަ މާބަނޑުވެ ފުރަތަމަ ތިންމަހުގެ ތެރޭގައި ރޯދަ ހިފާ ކަމުގައިވަނީ ނަމަ ރޯދަ ވީއްލާ ވަގުތު ވީހާވެސް ގިނައިން ސެލެޑް ބޭނުންކުރުމަށާއި ލެގިއުމްސްގެ ބާވަތްތައް ބޭނުުން ކުރުމެވެ.

މީގެ ސަބަބެއްކަމުގައި އާސިޔާ ވިދާޅުވީ މާބަނޑުވެ ހޭދަވާ ފުރަތަމަ ތިންމަސް ދުވަހަކީ އެއްވެސް ވަރަކަށް މައިމީހާގެ ބަރުދަން އިތުރުކުރަން ބޭނުންވާ ދުވަސްވަރަކަށް ނުވާތީ ކަމަށާއި އަދި އެންމެ ބޮޑަށް ސަމާލުކަންދޭންވާނީ ދަރިފުޅުގެ ނިއުރަލް ޓިއުބް ތަރައްގީކުރަން ބޭނުންވާ ފޮލިކް އެސިޑްއާއި ވިޓަމިން ބީ12 ފަދަ މާއްދާތަކަށް ކަމަށެވެ.

"މިހާރު ނަމަ ގިނަ އަންހެން ކުދިން މާބަނޑު މިވަނީ ބަރުދަން ހުންނަންޖެހޭ ވަރަށް ވުރެ އިތުރުކޮށް ނުވަތަ އޮބީސްކޮށް. އެހެންވީމަ އަމުދުން އެބަ މަސައްކަތްުރަންޖެހޭ ބަރުދަން އިތުރުވިޔަ ނުދީ ހިފަހައްޓަން. އެެހެންވީމަ ސެލެޑްފަދަ ބާވަތްތައް ހިމެނުމުން ކެލަރީ އިންޓޭކް ތަންކޮޅެއް މަދުވާނެ." އާސިޔާ ވިދާޅުވި އެވެ.

ދެވަނަ ޓްރައިމިސްޓާ ނުވަތަ ތިން މަހާއި ހަ މަހުގައި ކަމުގައިވާ ނަމަ ހާރުކެއުމުގައި ޔޯގަޓް ނުވަތަ ކިރުގެ ބާވަތްތައް އިތުރުކުރުމަކީ މުހިންމުކަމެކެވެ. އަދި ރޯދަ ވީއްލާ ވަގުތުގައި ދަގަނޑުގެ ބާވަތްތައް ގިނައިން ހިމެނޭ ފެހިކަން ގަދަ ބާވަތްތަކާއި އަދި ލެގިއުމްސް ނުވަތަ މުގުގެ ބާވަތްތައް ބޭނުންކުރަންވާނެ އެވެ.

"އާންމުކޮށް އަންހެނެއްގެ ހަށިގަނޑަށް އެބަ ބޭނުންވޭ ދުވާލަކަށް 1000 މިލިގްރާމް ކެލްސިއަމް. އަދި ދެވަނަ ޓްރައިމިސްޓާގައި ބަނޑުގައި އޮންނަ ދަރިފުޅަށް އެބަ ބޭނުންވޭ ގާތްގަނޑަކަށް 600 މިލިގްރާމް ކެލްސިއަމް. އެކަމަކު ޑޮކްޓަރުން މި ދެއްވާ ބޭހުން ހަސިގަނޑަށް މި ލިބެނީ އެންމެ 500 މިލިގްރާމް ކެލްސިއަމް. މާނައަކީ ބާކީބައިހޯދަން މިޖެހެނީ އަޅުގަނޑުމެން ކައިއުޅޭ ބާވަތްތަކުންނޭ،" އާސިޔާ ވިދާޅުވި އެވެ.

އާންމުކޮށް އަހަރެމެން ބޮއެ އުޅޭ ކިރުތަށްޓަކުން ގާތްގަނޑަކަށް 350 މިލިގްރާމްގެ ކެލްސިއަމް ހަށިގަނޑަށް ލިބޭއިރު އާސިޔާ އެދެނީ މި ކިރުތަށި ހާރުގަޑީގައި ހިމެނުމެވެ.

ތިންވަނަ ޓްރައިމިސްޓާގައި ނަމަ އެވަކާޑޯއާއި، ބަދަނުގެ ބާވަތްތަކާއި މަހުގެ ބާވަތްތައް އެކިއިރުތަކަށް ބަހާލައިން ބޭނުންކުރުމަކީ ކޮންމެހެންވެސް ސަމާލުކަންދޭން ޖެހޭ ކަމެކެވެ.

ބޭސް ކެއުމަށްވެސް ގަޑި މުހިންމު

މީގެއިތުރުން މާބަނޑު ދުވަސްވަރު ގަވާއިދުން ކާންޖެހޭ ބޭސްތަކެއް ވެސް ހުންނައިރު އާސިޔާ ވަނީ މި ބޭސްތައް ކެއުމަށްވެސް ހާޢްސަ ވަގުތުތަކެއް ކިޔައިދެއްވަިފަ އެވެ.

މިގޮތުން ދެވަނަ ޓްރައިމިސްޓާގެ ފަހުން ކާންޖެހޭ ދަގަނޑުގެ ބޭސް ރޯދަ ވީއްލާވަގުތު ބޭނުންކުރުމަށް އެދެވިގެންވާއިރު ކެލްސިއަމް ބޭސް ބޭނުންކުރުމަށް އާސިޔާ ނަސޭހަތްދެއްވަނީ ހާރުކާ ވަގުތުގަ އެވެ.

"ރޯދަ ވީއްލާގަޑީގައި ކެއުމުގައި އާންމުކޮށް މި ހުންނަ ބާވަތްތަކުން ވިޓަމިން ސީ ހަށިގަނޑަށް އެބަ ފޯރުކޮށްދޭ. ވިޓަމިން ސީ މަތި ގަޑިއެއްގައި ބޮޑަށް ރަނގަޅުވާނީ ދަނގަޑުގެ ބޭސް ބޭނުންކުރުން. އެއީ ދަގަނޑުގެ މާއްދާ އަހަރެމެންގެ ހަށިގަނޑަށް ނަގައިގަތުމަށް ވަރަށް މުހިންމު ދައުރެއް ވިޓަމިން ސީ އަދާކޮށްދޭތީ." އާސިޔާ ވިދާޅުވި އެވެ.

އަދި ދަގަނޑުގެ ބޭހާއި ކެލްސިއަމް އެއްކޮށް ނެގުމުން ދޭތިން ކުރެ އެކަތީގެ ވެސް ހަގީގީ މަންފާއެއް ހަސިގަނޑަށް ނުފޯރާނެކަމަށް އާސިޔާ ވިދާޅުވި އެވެ. އެހެންކަމުން ކިރުތަށި ބޯލާ ހާރުގަޑިއަށް ކެލްސިއަމްގެ ބޭސް އިތުރުކުރުމުން ހަށިގަނޑަށް އެ މާޢްދާތައް އެތެރެކުރެވޭ މިންވަރު ނިސްބަތުން ގިނަކަމަށް އާސިޔާ ވިދާޅުވި އެވެ. ފޭސްބުކްގައި އާސިޔާ ހިއްސާކުރެއްވި މި ކުރު ވާހަކަކޮޅާ އެކު ގިނަ ބައެއްގެ ސުވާލަކަށްދެންވީ ކިރުމައިން މި ރޯދަ މަހު އަމަލުކުރަންވީ ގޮތަކާއި މެދުގައެވެ،. ހާސްނުވާށެވެ. ނިކަން އަވަހަށް އެ މައުލޫމާތުތައް ވެސް ހިއްސާކޮށްދޭނޭ ކަމަށް އާސިޔާ ވިދާޅުވި އެވެ.

comment ކޮމެންޓް