މަސްވެރި ރަށްރަށުގެ ތާއީދު މިފަހަރު ގެއްލުނު: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ގެމަނަފުށީ މަސްވެރި އަންހެނުންނާއި ދަނޑުވެރި އަންހެނުންނާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބައެއް މަސްވެރި ދާއިރާތަކުގެ އަގުލަބިއްޔަތު އެމްޑީޕީ އަށް ގެއްލިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ގއ. އަދި ގދ. އަތޮޅާއި އަދި ހއ. އިހަވަންދޫ ފަދަ މަސްވެރި ރަށްރަށުގެ ކައުންސިލްގެ އަގުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުނީ ސަރުކާރުގެ މަސްވެރިކަމާ ގުޅޭ ސިޔާސަތުތަކަށް ގެނައި ބަދަލުގެ ސަބަބުން ވެދާނެ ކަމަށެވެ.

"އެބަހުރި އެމްޑީޕީ އަށް ގެއްލިފައި، ވަރަށްބޮ ޑަށް ކުރީގައި ތާއީދު އޮތް މިސާލަކަށް ގއ، ގދ. އެހެން ގޮސް އިހަވަންދޫ ކަހަލަ ތަންތަނުން،" ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތަކަށް އަޅުގަނޑުމެން ގެނައިން ބަދަލުތަކެއް މީގެ ކުރިން. އެއީ އަގަށް ގެނައި ބަދަލުތަކެއް. އޭރު ގަންނަމުން ދިޔަ އަގަށް ވުރެ ކުޑަ އަގެއްގައި ސަރުކާރުން ގަންނަން ފެށީ. އެއީ ދެކޮޅު ނުޖެހި މިފްކޯ އަށް ގެންލުން ވަމުންދާތީ،" ރައީސް ވިދާޅުވި އެވެ.

އެ ބަދަލު ގެނައީ އިންޓަނޭޝަނަލް މާކެޓަށް ރިއާޔަތް ކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ބަދަލު މަސްވެރިން ގަބޫލު ނުކުރާ ކަމަށް ދެކިލައްވާ ކަމަށެވެ.

"އޭގެ ކަންބޮޑުވުންތަކެއް މި އިންތިހާބު ތެރޭގައި އެއޮތީ ފާޅުކޮށްފައި ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެން ނަމަވެސް ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތަށް މި ގެންނަ ބަދަލާ މި ގެންނަ ތަރައްގީ އާއި އެ އިންޑަސްޓްރީ ފުޅާ ކުރުމަށް މިކުރާ މަސައްކަތް ނިމިގެންދާއިރުގައި އެ ކަންބޮޑުވުންތައް ފިލައިގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާއެކު މަސްވެރިކަމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި ނަމަވެސް އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.

comment ކޮމެންޓް