އަލްހާނަށް ލިބުނު ވޯޓުގެ އަދަދު ބާތިލު ވޯޓަށް ވުރެ ވެސް މަދު!

އަލްހާން ފަހުމީ--- ސަން ފޮޓޯ: މުހައްމަދު މުޒައްޔިން

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އަލްހާން ފަހުމީއަށް ލިބިވަޑައިގަތް ވޯޓުގެ އަދަދު، އެ ދާއިރާގެ ބާތިލު ވޯޓަށް ވުރެ މަދުކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ހޮވަން ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 51،702 މީހުންނަށެވެ. އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މޭޔަރަކު ހޮވަން ވޯޓުލާފައި ވަނީ 21،091 މީހުންނެވެ. އޭގެ ތެރެއިން ސައްހަ ވޯޓަކީ 20،116 އެވެ.

އެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަލްހާން ފަހުމީއަށް ލިބިވަޑައިގެންނެވީ 275 ވޯޓެވެ. އެއީ ސައްހަ ވޯޓުގެ 1.37 ޕަސެންޓެވެ. ބާތިލު ވޯޓުގެ އަދަދަކީ 970 އެވެ.

ވޯޓުގެ ނަތީޖާއާ މެދު އަލްހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަތީޖާއިން ދައްކުވައިދެނީ ކުދި ސިޔާސީ ޕާޓީއަކަށް އާންމުންގެ ތާއީދު ނެތް މަންޒަރު ކަމަށެވެ.

އަލްހާން 2018ގެ ނޮވެމްބަރު މަހު ޖޭޕީއާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގަތީ ކައުންސިލް އިންތިހާބަށެވެ. މީގެ ކުރިން އެމްޑީޕީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދައިރާގެ ކުރީގެ މެމްބަރު އަލްހާން ވަނީ ކުޑަ ދުވަސްކޮޅަކު ޕީޕީއެމްގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މާލޭ ސިޓީގެ މޭޔަރު ހޮވަން އާންމުން ލީ ވޯޓުގެ 61.85 ޕަސެންޓު ވޯޓު ލިބިފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން އެ މަގާމަށް ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަނަސް އަބްދުއްސައްތާރަށް ލިބިވަޑައިގެންނެވީ 7400 ވޯޓެވެ. އެއީ ވޯޓުގެ 36.79 ޕަސެންޓެވެ.

comment ކޮމެންޓް