ރާއްޖޭގެ އިގްތިސޯދު މިއަހަރު 18 ޕަސެންޓު ރޭޓުގައި ކުރިއަރާނެ ކަމަށް އައިއެމްއެފުން ބުނެފި

ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭ ގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިގްތިސޯދީ އުފެއްދުންތެރިކަން މި އަހަރު 18.9 ޕަސެންޓު ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ލަފާކޮށްފި އެވެ.

އައިއެމްއެފް އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދީ އުފެއްދުންތެރިކަން ވަނީ 32 ޕަސެންޓު ދަށްވެފަ އެވެ.

ނަމަވެސް އިގްތިސޯދަށް ދިރުން އައިސް މިއަހަރު ތެރޭ އިގްތިސޯދީ ދުވެލި ކުރިއަރާނެ ކަމަށް އެ އިދާރާ އިން ލަފާކޮށްފައިވެ އެވެ.

އައިއެމްއެފް އިން ލަފާކޮށްފައި ވަނީ އަންނަ 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި 13.4 ޕަސެންޓުގައި ހުންނާނެ ކަމަށެވެ. އަދި 2023 ވަަނަ އަހަރު އެ ނިސްބަތް 12.6 ޕަސެންޓުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗް އިން ވެސް ވަނީ ރާއްޖޭގެ އިގްތިސޯދު މިއަހަރު 18 ޕަސެންޓު ކުރިއަރާނެ ކަމަށް ލަފާކޮށްފަ އެވެ.

ކޮވިޑު19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިނދަޖެހި، އިގްތިސޯދަށް ވަނީ އަސަރު ކޮށްފަ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޓޫރިޒަމް ރަނގަޅުވާން ފަށާފައިވާ އިރު ސަރުކާރުން ވެސް ބުނެފައި ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރު ތެރޭ ރާއްޖޭގެ އިގްތިސޯދު ދިރެން ފަށާނެ ކަމަށެވެ.

comment ކޮމެންޓް