ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީއިން ހެދި ހާއްޔެއް ނޫން: އަދުރޭ

ފެބްރުއަރީ 1، 2019: ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީއިން ހެދި ހާއްޔެއް ނޫން ކަމަށާއި، އެމްޑީޕީއަށް އެންމެ ފުރަތަމަ ވެރިކަން ލިބުމުންވެސް މަސައްކަތް ކުރީ މަރުކަޒީ ކުރަން ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ފާހަގަކުރެއްވީ، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އިބްރާހިމް ނާސިރުގެ ޒަމާނުގައިވެސް އަތޮޅު ވެރިން އިންތިހާބު ކުރި ކަމެވެ.

އޭގެ އިތުރުން، ފެހި ގާނޫނުއަސާސީ އެކުލަވާލެވުނު އިރު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް މައުމޫނުގެ ސަރުކާރަށް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، އެ ގާނޫނުއަސާސީގައި ލާމަރުކަޒީ ނިޒާމާ ބެހޭ ބާބެއް ހިމެނީ އޭރުގެ ސަރުކާރުގެ މެޖޯރިޓީ އޮވެ ކަމަށް ވިދާޅުވި އެވެ.

"އެ ގާނޫނުއަސާސީގައި ލާމަރުކަޒީ ނިޒާމަށް ވަކިން ހާއްސަކޮށް ބާބެއް ގެނައީ މި ދެންނެވި މެޖޯރިޓީ އޭރުގެ ސަރުކާރަށް އޮވެގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ލާމަރުކަޒީ ވަކި ބާބެއް ގެނައުމާ ގުޅޭ ބިލަކީވެސް، އޭރުގެ އެޓޯލްސް މިނިސްޓަރަކަށް ހުންނަވާނެ ވަހީދުއްދީން ކިޔާ ބޭފުޅެއް، އެ ބޭފުޅާ އެކުލަވާލެއްވި ބިލެއް އެ ބިލަކީ،"

މީގެ ކުރިން، އަތޮޅުވެރިންގެ ބައްދަލުވުންތައް ބާއްވައި ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން މަޝްވަރާކޮށްފައިވެސް ވާނެ ކަމަށާއި އެއިން އެއްވެސް ކަމެއްގައި އެމްޑީޕީއަށް ކްރެޑިޓް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމާ ގުޅޭ ގާނޫނު އެކުލަވާލީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެ މަޖިލީހުގެ މެޖޯރިޓީ އޮތީ އޭރުގެ އިދިކޮޅުގައި ތިބި ޑީއާރްޕީއާއި ޕީއޭއަށް ކަމަށް ވިދާޅުވި އެވެ.

"އޭރު އިދިކޮޅުގައި ތިބެގެން އަޅުގަނޑުމެން އެކުލަވާލި ގާނޫނެއް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ. އެހެންވީމަ އެއްވެސް ހާލަތެއްގައި އެމްޑީޕީއަށް މި ކްރެޑިޓް ލިބޭނެ ގޮތެއް ނެތް،"

އެމްޑީޕީއަކީ އެންމެ ފުރަތަމަ ވެރިކަން ލިބުމުންވެސް، މަރުކަޒީކޮށް ހިންގަން މަސައްކަތް ކުރި ބައެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީ އެންމެ ފުރަތަމަ ވެރިކަމަށް އައިސް ލާމަރުކަޒީ ކުރުމުގެ ބަދަލުގައި މަރުކަޒީ ކުރީ. އަދި ލާމަރުކަޒީ ނުދައްނަ ކަންތައްތަކެއް ކުރީ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ކައުންސިލަރުން ރަށްރަށަށް އައްޔަން ކުރީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުން އެ މީހުންގެ ބަސް މިހާރު އިއްވާފައި ކަމަށާއ އެހެންވެ، ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށްވެސް އަބްދުއްރަހީމް މިއަދު ވިދާޅުވި އެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި ޕީޕިއެމްއަށް ވަނީ މުހިންމު ސަރަހައްދުތަކުން ގޮނޑިތައް ލިބިފަ އެވެ. އޭގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމާއި ކައުންސިލުގެ މެޖޯރިޓީ ލިބުން ހިމެނެ އެވެ. އޭގެ އިތުރުން ކުރިން އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުނު ތަންތަނުން އެ ޕާޓީއިން ވަނީ ކުރި ހޯދައި، ބައެއް އަތޮޅު ކައުންސިލްތައްވެސް ކާމިޔާބުކޮށްފަ އެވެ.

އެމްޑީޕީއިން މީގެ ކުރިން ބުނެފައި ވަނީ ޕީޕީއެމްގެ ސަރުކާރުގައި މަސައްކަތް ކޮށްފައި ވަނީ ލާމަރުކަޒީ ނިޒާމު ނައްތާލަން ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލަރުންގެ ބާރު ކަނޑުވާލި ކަމަށްވެސް ބުނެ އެވެ.

comment ކޮމެންޓް