ތެޔޮ ބޯޓު އޮތީ ނެގޭނެ ވަރަށް ވުރެ ފުނުގައި، ނުރައްކަލެއް އަދި ނެތް

މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރި "ސީ ސްޓާ" ތެޔޮ ބޯޓުގައި ރޯވެފައި --

އިއްޔެ ރޯވެ އަޑިއަށް ދިޔަ ތެޔޮ ބޯޓުގައި ހުރި ތެޔޮ ކަނޑަށް ލީކުވެ ގެއްލުންވުުމުގެ ބިރެއް ނެތް ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ކޯސްޓްގާޑުން ބުނެފި އެވެ.

މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރި "ސީ ސްޓާ" ތެޔޮ ބޯޓުގައި އިއްޔެ ހަވީރު 17:50 ގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކާ ހެދި އެ ބޯޓު ވަނީ ކ. އެނބޫދޫފިނޮޅުގެ 1.52 ނޯޓިކަލް މޭލު އިރު ދެކުނުން، އަތޮޅުން ބޭރުން އަޑިއަށް ގޮސްފަ އެވެ. ބޯޓު އަޑިއަށް ދިޔައީ 60،000 ލީޓަރުގެ ޑީސަލާ އެކު އެވެ.

ބޯޓު އަޑިއަށް ގޮސްފައިވަނީ 1،000 މީޓަރާއި 1،400 މީޓަރާއި ދެމެދުގެ ފުނަށެވެ

ކޯސްޓްގާޑުގެ ކޯމަޑާންޓު، ކާނަލް ސަލީމް މިއަދު ވިދާޅުވީ، މިއަދު ހެނދުނު ކޮންމެވެސް ވަރަކަށް ތެލުގެ އަސަރު ހުރި ކަމަށެވެ. ނަމަވެސް، އަވި ދިނުމާއެކު ބޮޑު ބައެއް އާތްވަށް ވެގެން ދިޔައީ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، މިއަދު މެންދުރު ބޯޓު އަޑިއަށް ދިޔަ ސަރަހައްދުގައި ދުއްވައި ބެލި އިރު އެއްވެސް ވަރަކަށް ތެލުގެ އަސަރެއް ފެންނަން ނެތް ކަމަށެވެ.

ނައީމް ވިދާޅުވި ގޮތުގައި ޑީސެލްއަކީ ވަރަށް އަވަހަށް ފެން މައްޗަށް އެރުމުން، އާތްވަށް ބަދަލުވެ، ނެތިގެންދާ ކަހަލަ އެއްޗެކެވެ. އެހެންކަމުން، އެއިން ކުރިމަތިވާ ނުރައްކާ ކުޑަވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ސީދާ ފަރަށް އެޅިއްޖެނަމަ ގެއްލުންވާނެ ކަމަށް ވިދާޅުވި އެވެ.

ކާނަލް ސަލީމް ވިދާޅުވީ، އޮއިލް ސްޕިލްއެއްގެ ގޮތުގައި ބަލަނީ ސާފު ނުކޮށް ހުންނަ "ހެވީ އޮއިލް"ގެ ބާވަތެއް އެޅިއެއްޖެ ނަމަ ކަމަށެވެ.

ބޯޓު އަޑިއަށް ދިޔައީ ގާތްގަނޑަކަށް 1،000 މީޓަރުގެ އަޑިއަށް ކަމަށްވާއިރު އެހާ ފުނަށް ޑީސެލް ފަދަ އެއްޗެއް އެޅުމަކީ ބޮޑު ގެއްލުމެއް ވާނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑާޑް ޕްރޮސީޖާތަކުގައިވެސް ހުންނަނީ 100 މީޓަރަށް ވުރެ ފުނުގައި ހުންނަ ތަންތަނަށް ވޮލެޓައިލް މި ދެންނެވި ގޮތަށް ނޮން ޕާސިސްޓެންޓް އޮއިލް ކަމަށް ވެއްޖެއްޔާ އެހާ ބޮޑު އިމްޕެކްޓެއް ނާންނާނެ ކަމަށް،"

ކާނަލް ސަލީމް ވިދާޅުވީ، އެހާ ފުނުން ބޯޓުތައް ސެލްވޭޖުކުރުމުގެ ގާބިލުކަން ލިބިގެންވަނީ މަދު ގައުމުތަކަށް ކަމަށެވެ.

"މިހާ ފުންތަނަކުން އެއްޗެއް ސެލްވޭޖު ކުރުމަކީ އެހާ ކޯސްޓް އިފެކްޓިފް ކަމަކަށް ނުވެދާނެ،" ކާނަލް ސަލީމް ވިދާޅުވި އެވެ.

މިހާރުވެސް އަތޮޅާ ދިމާލަށް އޮއިވަރު ބަދަލު އެއްވެސް ކަހަލަ ގެއްލުމެއް ވެދާނެތޯ ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތިމާވެއްޓަކީ ވަރަށް ނާޒުކު ތިމާވެއްޓަކަށް ވެފައި އަޅުގަނޑުމެން ވަރަށް ހާއްސަ ގޮތެއްގައި ޑީސަލް ވިޔަސް، ޕެޓްރޯލް ވިޔަސް، އެކަހަލަ ވޮލެޓައިލް އޮއިލް ވިޔަސް އަޅުގަނޑުމެން މުހިންމު ގޮތަކަށް ކްލޯސްލީ މޮނިޓާ ކުރަން،" ކާނަލް ސަލީމް ވިދާޅުވި އެވެ.

"މިހާރުން މިހާރަށް ކަންބޮޑުވާން ޖެހޭ ކަހަލަ އެއްވެސް ކަމެއް ނެތްކަން އަޅުގަނޑުމނެން ފާހަގަ ކުރަން،" ކާނަލް ސަލީމް ވިދާޅުވި އެވެ.

ޖަޕާނު ސަރުކާރުގެ ފަރާތުން އޮއިލް ސްޕިލްގެ ހާލަތްތަކުގައި ބޭނުންކުރާނެ ބައެއް އާލާތްތައް ލިބިފައިވާކަންވެސް މިއަދު ކޯސްޓްގާޑުން ބުންޏެވެ.

comment ކޮމެންޓް