އިސްރާއީލު ރުއްސުމަށްޓަކައި އެެމެރިކާގެ ދިފާއީވަޒީރު އިސްރާއީލަށް ވަޑައިގެންފި

އެެމެރިކާގެ ދިފާއީ ވަޒީރު

ޓެލްއަވީވް (އެޕްރީލް 11) : އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އިސްރާއީލަށް މިއަދު އިސްރާއީލަށް ވަޑައިގެންފައިވާއިރު އޭނާގެ ދަތުރުފުޅުގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް އިސްރާއީލު ދެކޮޅުހަދާ މައްސަލާގައި އިސްރާއީލު ރުހޭނެ ގޮތެއް ހޯދުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެމެރިކާއާއި އިސްރާއީލުގައި ޝާއިޢުކޮށްފައިވާ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޮސްޓިންގެ ދަތުރުފުޅުގެ މަގްސަދަކީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުރައްވާ މަސައްކަތްތަކަށް އިސްރާއީލު ދެކޮޅުހަދާ މައްސަލަ ހައްލުކުރުމެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވާނެކަން ބައިޑެންގެ ސަރުކާރުން ހާމަކުރަމުން ގެންދާއިރު އަދި އެކަމަށް މަސައްކަތް ވެސް ކުރާއިރު އިސްރާއީލު ގެންދަނީ އެކަން ހުއްޓުވުމަށާއި މެދުއިރުމަތީގެ މަސްރަހު ގަޑުބަޑުކުރުމަށް ޓަކައި ހަރުކަށި އަމަލުތަކެއް ހިންގަމުންނެވެ. މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެމެރިކާގައި ހަރަކާތްތެރިވާ ނުފޫޒުގަދަ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕުންނެވެ.

އަމިއްލަ ގައުމުކަމަށްވާ އެމެރިކާގެ މަސްލަހަތަށްވުރެ އިސްރާއީލުގެ މަސްލަހަތު އިސްކޮށް އެމެރިކާގެ ތެރެއިން އިސްރާއީލު ބޭނުންވާ ކަންކަން ހާސިލް ކުރުމަށް މަސައްކަތްކުރާ މި ގްރޫޕްގެ ސަބަބުން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމަށް ބައިޑެންގެ ސަރުކާރަށް ކުރާ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. ރަތްކަނޑުން ދަތުރުކުރި އީރާނުގެ އާގު ބޯޓަކަށް މިދިޔަ ހަފްތާގައި އިސްރާއީލުން ހަމަލާދިނީވެސް ބައިޑެންގެ ސަރުކާރުން ކުރާ މިމަސައްކަތްތައް ޚަރާބު ކޮށްލުމުގެ ބޭނުމުގައި ކަމަށް އިސްރާއީލުގެ ޖާސޫސީ މަސްއޫލުވެރިއަކާ ހަވާލާދީ "ނިޔުޔޯކް ޓައިމްސް " ބުނެފައިވެއެވެ.

އިސްރާއީލުން ލަފާކޮށްފައި ވަނީ އީރާނުގެ އާގު ބޯޓަށް ދިން ޙަމަލާގެ ރައްދުގައި އީރާނުން އިސްރާއީލުގެ އާގު ބޯޓަކަށް ވަގުތުން ހަމަލާދޭނެ ކަމަށާއި އީރާނުން ރައްދު ދިނުމާއެކު އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމާ ބެހޭ ގޮތުން މިހާރު ކުރިޔަށްދާ ޑިޕްލޮމެޓިކް ހަރަކާތްތައް މުޅިން ޚަރާބުވެގެންދާނެ ކަމަށެވެ. ނަމަވެސް އިސްރާއީލުގެ އުދުވާނަށް މިދަނޑިވަޅުގައި ސީދާ ގޮތެއްގައި ރައްދު ނުދޭނެކަމަށާ ރައްދުދޭނީ ނުސީދާގޮތެއްގައި ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

އެމެރިކާ އިން ވަނީ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އީރާނުން ހިންގާ ހަރަކާތްތައް ހުއްޓާލާނަމަ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވާނެކަމަށާ އެއާ އެކު އީރާނާދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އުވާލާނެ ކަމަށް ބުނެފަ އެވެ. އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ ވެސް އިސްރާއީލު ވަރަށްބޮޑަށް ދެކޮޅު ހަދާކަމެކެވެ. ނަމަވެސް އެމެރިކާގެ މަސްއޫލުވެރިންވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ހާސިލް ކުރަންބޭނުންވި އެއްވެސް މަގްސަދެއް އެމެރިކާއަށް ހާސިލް ކުރެވިފައިނުވާތީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސިޔާސަތަކީ ނާކާމިޔާބު ސިޔާސަތެއްކަމަށް އެތަށް ފަހަރަކު ވިދާޅުވެފައެވެ.

އީރާނުން ވަނީ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލައި އަދި ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ ރުޖޫއަވުމުން ނޫނީ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އީރާނުން ހިންގާ ހަރަކާތްތައް ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ. ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އީރާނުން ހިންގާ އެންމެ ހައްސާސް ހަރަކާތަކީ މަތިފެންވަރަށް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރިޔަށްގެންދާނަމަ އަހަރެއްހާ ދުވަހުގެ ތެރޭގައި އީރާނުން ނިއުކްލިޔާ ބޮމެއް އުފައްދާނެކަމަށް އެމެރިކާ ލަފާކުރެ އެވެ.

އެެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުނުކުރެވި ހޭދަވާ ކޮންމެ ދުވަހަކީ އީރާން ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ ގާތަށް ދާ ދުވަހެއްކަމަށް ސިފަކުރައްވާފަ އެވެ. އެމެރިކާއާއި އިސްރާއީލަކީ ނިއުކްލިޔާ ހަތިޔާރު ގިނަ އަދަދަކަށް އުފައްދާފައިވާ ދެގައުމު ނަމަވެސް އީރާނުންވެސް އަދި އަރަބި ގައުމަކުން ވެސް ނިއުކްލިޔަ ހަތިޔާރު އުފައްދަން މަސައްކަތްކުރުމާ ދެކޮޅަށް އެދެގައުމު ގެންދަނީ ކުރެވުނުހާ މަސައްކަތެއް ކުރަމުންނެވެ. ސަބަބަކީ އެހެން ގައުމަކުން ނިއުކްލިޔާ ހަތިޔާރު އުފައްދައިފި ނަމަ އެގައުމަކަށް ބިރުދައްކައި ބުލީ ކުރުމުގެ ގާބިލްކަން އެމެރިކާއާއި އިސްރާއީލުގެ ކިބައިން ގެއްލިގެން ދާނެތީއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން މިއަދު އިސްރާއީލަށް ވަޑައިގެންފައިވާއިރު އޭނާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ އާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުމުގައި އޮސްޓިން ނަތަންޔާހޫއާ މަޝްވަރާ ކުރައްވާނެ މައިގަނޑު މައްސަލައަކީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމުގެ މައްސަލަކަމަށާ އެކަންކުރިނަމަވެސް އިސްރާއީލު ހިމާޔަތް ކުރުމުގައި އެމެރިކާ ޖާމިނުވާނެކަމުގެ ޔަގީން އޮސްޓިން ނަތަންޔާހޫއަށް ދެއްވާނެކަމަށް މައުލޫމާތު ލިބެއެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު