ރައްޔިތުންގެ އިހްސާސް ބަލައިގަނެފިން، ކުރިއަށް ދާނީ އެގޮތަށް: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައްޔިތުން ދިން ވޯޓާއި، ރައްޔިތުންގެ އިހްސާސްތައް ފުރިހަމައަށް ބަލައިގަނެފައިވާ ކަމަށާއި، ކުރިއަށް ދާނީ އެގޮތަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

އިންތިހާބާ ގުޅިގެން ސަރުކާރުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް، އަދި ޑަބްލިއުޑީސީގެ ގޮނޑިތަކަށް ވާދަކޮށް ކާމިޔާބީ ހޯދި ހުރިހާ ކެންޑިޑޭޓުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވާ ކަމަށެވެ.

ސަރުކާރުން ބުނީ އިންތިހާބުން ހޮވުނު އެންމެހާ ފަރާތްތަކާއިއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ރައީސް އުންމީދުކުރައްވާ ކަމަށެވެ.

"މިއިންތިހާބުގައި ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިހްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަނެ، އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށްގެން ދާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވައެވެ،" ސަރުކާރުން ބުންޏެވެ.

ހަތަރު ސިޓީގެ މޭޔަރުންގެ ގޮނޑިތަކަށް އިންތިހާބުވި ކެންޑިޑޭޓުންނަށް ފޯނުން ގުޅުއްވައި، ރައީސް ސޯލިހު ވަނީ މަރުހަބާ ދަންނަވައިފަ އެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

މާލެ ސިޓީގެ މޭޔަރަށް އިންތިހާބުވެވަޑައިގަތީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ. އައްޑޫ ސިޓީގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު އެވެ. ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ފުވައްމުލައް ސިޓީގެ މޭޔަރަކަށް އިންތިހާބުވީ އެމްޑީޕީ ކެންޑިޑޭޓު، އިސްމާއީލް ރަފީގު (އިއްސޭ) އެވެ.

އަލަށް ސިޓީއެއްގެ ގޮތުގައި ކަނޑައެޅި ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރަށް އިންތިހާބޫ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އާތިފް އެވެ.

comment ކޮމެންޓް