ހުރިހާ މޭޔަރުންނަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އޭޕްރީލް 10، 2021: "ލޯކަލް ކައުންސިލް އިންތިހާބު 2020"ގެ ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހަތަރު ސިޓީގެ މޭޔަރުންގެ ގޮނޑިތަކަށް އިންތިހާބުވި ކެންޑިޑޭޓުންނަށް ފޯނުން ގުޅުއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފި އެވެ.

މާލެ ސިޓީގެ މޭޔަރަށް އިންތިހާބުވެވަޑައިގަތީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ. އައްޑޫ ސިޓީގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު އެވެ. ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ފުވައްމުލައް ސިޓީގެ މޭޔަރަކަށް އިންތިހާބުވީ އެމްޑީޕީ ކެންޑިޑޭޓު، އިސްމާއީލް ރަފީގު (އިއްސޭ) އެވެ.

އަލަށް ސިޓީއެއްގެ ގޮތުގައި ކަނޑައެޅި ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރަށް އިންތިހާބޫ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އާތިފް އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކާމިޔާބީ ހޯއްދެވި ހުރިހާ މޭޔަރުންނަށް ފޯނުން ގުޅުއްވައި ރޭ ރައީސް މަރުހަބާ ވިދާޅުވި ކަމަށެވެ.

"އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި،" މަބްރޫކް ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ޑރ. މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒަށް މަރުހަބާ ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ކަންކަން ހައްލުކުރުމުގައި މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ފަރާތުން މަނިކުފާނަށް ދޭންޖެހޭ އެއްބާރުލުން ދޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް