ރާއްޖޭގައި ފައިޒާ ވެކްސިން ޖަހަން ފަށައިފި

ކޮވިޑް ވެކްސިން ދިނުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފައިޒާ ވެކްސިން ދެނީ އެޕޮއިންޓުމެންޓު އުސޫލުން ކަމަށާއި އެޕޮއިންޓްމެންޓު ހެދުމަށް ހުޅުވާލި ފުރުސަތުގައި ނަންނޯޓުކުރި ފަރާތްތަކަށް އަންގަމުންދާނެ ކަމަށެވެ.

ފައިޒާ ވެކްސިން ޖަހާނީ އޭޑީކޭ އަދި ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައި ވަނީ ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާއީ ނިޒާމް ދަށްވެފައިވާ މީހުންގެ ތެރެއިން ތިރީގައި ލިސްޓް ކޮށްފައިވާ މީހުންނާއި އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ތިރީގައިވާ ބަލި ހާލަތްތައް ހުންނަ ކުދިންނަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން/ކުދިން
  • ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުން/ކުދިން
  • ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން/ކުދިން
  • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން/ކުދިން
  • ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން/ކުދިން
  • ހަކުރުބަލީގެ ކުދިން
  • ތެލަސީމިއާ މޭޖާ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
  • ޑައުންސިންޑްރޯމް ހުންނަ ކުދިން
  • ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
  • އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާޓް ޑިޒީޒް) ހުންނަކުދިން (މައްސަލަ ރަގަޅުކުރުމަށް ސަރޖަރީއެއް ހަދާފައިނުވާކުދިން)
  • 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތައް
  • 18 - 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތައް

ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ އެ ވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ވެކްސިން މިވަގުތު ދޭން ފަށާނީ މާލެ ސަރަހައްދުގައި ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން އަދި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ކޮވިޑް19 އިން ދިފާއުވުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ކޮވެކްސް ފެސިލިޓީ އިން ފައިޒާ ވެކްސިންގެ 5850 ޑޯޒް ރާއްޖެއަށް ފޮނުވީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

comment ކޮމެންޓް