ސަރުކާރާ ގުޅިގެން މާލޭ ރައްޔިތުންގެ ގެދޮރިވެރި މަންޒިލަކަށް ގުޅީފަޅު ހަދާނަން: މުއިއްޒު

ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ

ސަރުކާރާ ގުޅުގެން މާލޭގެ ރައްޔިތުންގެ ގެދޮރުވެރި މަންޒިލަކަށް ގުޅީފަޅު ހަދައިދޭނެ ކަމަށް މާލޭގެ އިންތިހާބީ މޭޔަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ކައުންސިލް އިންތިހާބު އެމްޑީޕީ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް މުއިއްޒު ވަނީ ކާމިޔާބުކުރައްވައިފަ އެވެ. މުއިއްޒު ކެމްޕެއިންގެ އެންމެ ބޮޑު ވައުދަކީ މާލޭ ރައްޔިތުނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ރައްޔިތުން ގެދޮރުވެރިކުރުމެވެ.

މުއިއްޒުއާއި ޕީޕިއެމްއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުން އޭނާއަށް ދިން ވޯޓަކީ، އެރައްޔިންތުންގެ ގެދޮރުވެރި މަންޒިލަކަށް ގުޅީފަޅު ހެދުމަށް ދިން ވޯޓެއް ކަމަށެވެ. އަދި އެ ވޯޓުން އެނގިގެން ދިޔައީ މާލޭ ރައްޔިން ބޭނުން ވަނީ ވެސް އެ ގޮތް ކަން މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން ދެނީ، އަޅުގަނޑަށް ރަސްމީކޮށް މަސައްކަތް ހަވާލުވާ ދުވަހުން ފެށިގެން އެންމެ ފުރަތަމަ ވެސް މަސައްކަތަކަށް ވާނީ، މިދެންނެވި ގުޅީފަޅު، އެއީ މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކޮށްދޭ، އެ މައްސަލައަށް ދާއިމީ ހައްލު ގެނެސްދޭ ގެދޮރުގެ މަންޒިލަށް، ސަރުކާރާއެކު ވާހަކަ ދައްކައިގެން ބަދަލުކުރުމުގެ މަސައްކަތް އިރާދަކުރައްވިއްޔާ އެކަން ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މީގެ ކުރިންވެސް ވިދާޅުވެފައި ވަނީ އޭނާ މަސައްކަތް ކުރައްވާނީ ސަރުކާރާ ގުޅިގެން ކަމަށެވެ. އިންތިހާބުވުމަށް ފަހު އެކަން އަނެއްކާ ވެސް އޭނާ ތަކުރާރު ކުރެއްވި އެވެ.

"ސަރުކާރުން ރައްޔިތުންނާ އެކު މަސައްކަތްކުރާހާ ހިނދަކު، ސަރުކާރާއެކު [އަޅުގަނޑު] މަސައްކަތް ކުރާނީ. ސަރުކާރުން ބޭނުންވާ ކަންކަން އިސްވެ ހާސިލްކުރުމަށް ރައްޔިތުންނަށް ފައިދާވާ ގޮތުގައި ކުރިއަށްދާނީ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް ފައިދާ ނުވާ ގޮތަށް ސަރުކާރުން ކަންކަން ނުކުރާނަމަ، އެކަން ރައްޔިތުންގެ ފަރާތުން ހުށަހަޅައި، އެކަން ބަދަލު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އިންތިހާބުގައި މާލެ ސީޓީއަށް ޕީޕީއެމް އަދި އެހެން ޕާޓީތަކުން ވެސް އިންތިހާބުވި ކެންޑިޑޭޓުންނާ އެކު ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.

"މާލޭ ރައްޔިތުން އުޅެމުން ދަނީ ވަރަށް ނިކަމަތި ހާލުގައި. މިހާލަތުން އަރައިގަނެވޭނީ އަޅުގަނޑުމެން އެކަތިގަނޑަކަށްވެގެން. ސިޔާސީ ހިޔާލުތަފާތުވުންތަކަކީ މާލޭގެ ތަރައްގީގެ ހުރަހަކަށް ވެގެން ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

"ސަން"ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލޭ މޭޔަރުކަން މުއްޒު ކަށަވަރުކޮށްފައި ވަނީ، 61 ޕަސަންޓު ވޯޓުންނެވެ. އޭނާއާ ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އަނަސް ވަނީ ބަލި ގަބޫލުކޮށް، މުއިއްޒުއަށް މަރުހަބާ ކިޔައިފަ އެވެ.

comment ކޮމެންޓް