އިންތިހާބުގެ ނަތީޖާއިން ބުނެދިނީ ރައީސް ޔާމީން މިނިވަން ކުރަން ޖެހޭކަން: އިދިކޮޅު

އިދިކޮޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ސަރުކާރަށް ދިން މެސެޖަކީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަގުތުން މިނިވަން ކުރުން ކަމަށް އެމަނިކުފާނު ނިސްބަތްވާ އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިންތިހާބުގެ ނަތީީޖާ ދައްކާ ގޮތުން މާލެ ސީޓީގެ މޭޔަރު ކަމާއި ބައެއް ދާއިރާތަކުގައި މެޖޯރިޓީ ނަގާފައި ވަނީ އިދިކޮޅު ކޯލިޝަނުންނެވެ.

އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ކާމިޔާބު ފާހަގަ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އިންތިހާބުގައި މާލެ ސިޓީގެ ނަތީޖާއިންވެސް އެނގިގެން ދިޔައީ މާލޭ ރައްޔިތުން "އަނިޔާވެރިކަމާ ދެކޮޅު" ކަމަށެވެ. އަދި ރައީސް ޔާމީނަށް ކުރަމުންދަނީ "އަނިޔާކަން މާލޭ ރައްޔިތުން ގަބޫލުކުރާކަން އިންތިހާބުން އެނގިގެން ހިނގައްޖެ ކަަމަށް އަދުރޭ ވިދާޅުވި އެވެ.

"[ރައީސް] އިބްރާޙިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވާލަން ބޭނުން ރައްޔިތުން ދިން މެސެޖް އަޑުއައްސަވާށޭ. ރައްޔިތުން ގޮތް ނިންމީމަ އެކަން ގަބޫލުކުރައްވާށޭ. މިރޭ މިވަގުތުން ފެށިގެން ރައީސް ޔާމީނަށް ކުރާ އަނިޔާ ހުއްޓާލައި، ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލައްވާށޭ،" އަދުރޭ ވިދާޅުވި އެވެ.

"ދެން ރައީސް ޔާމީން ޖަލުގައި ބާއްވަން ޖެހޭ ސަބަބެއް ނެތް،"

އޭނާ ވިދާޅުވީ، އިންތިހާބުން ރައްޔިތުން ވައްކަމާއި ކޮރަޕްޝަނަށް ނޫނެކޭ ބުނެފި ކަމަށެވެ. އަދި މި ސަރުކާރުން ކުރަމުންދާ ގާނޫނުއަސާސީއާ ހިލާފު ކަންކަމަށްވެސް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ރައްޔިތުން ބުނީ މި ގައުމުގައި އެހެން ދީންތަކަށް ފުރުސަތު ދޭން ބޭނުން ނުވެއޭ. ތިމަންނަމެން މި ރާއްޖެ އަޅުގަނޑު އަޅުވެތިކުރަން ބޭނުމެއް ނޫނޭ. ތިމަންނަމެން ބޭނުންވަނީ އަދުލުއިންސާފު ގައިމްކުރަންށޭ. ތިމަންނަމެން ބޭނުމެއް ވަނީ ތަރައްގީއާއެކު ކުރިއަށްދާށޭ،" އަދުރޭ ވިދާޅުވި އެވެ.

comment ކޮމެންޓް