މީޑިއާނެޓު މަލްޓި ސްކްރީނުން މިހާރު މަރިޔަމް ފެންނާނެ

ފިލްމު މަރިޔަމް ވަނީ މަލްޓި ސްކްރީނުގައި ރިލީޒްކޮށްފައި ---

މީޑިއާ ނެޓުގެ ފުރަތަމަ އޮރިޖިނަލް ފިލްމު "މަރިޔަމް" މަލްޓި ސްކްރީނުގައި ލޯންޗުކޮށްފި އެވެ.

އެއްކާފު ޕްރޮޑަކްޝަންއިން ޕްރޮޑިއުސް ކުރި އެ ފިލްމު މަލްޓިސްކްރީންގައި ރިލީްކުރީ މި މަހުގެ އަށްވަނަ ދުވަހު އެވެ.

މަރިޔަމް ގައި ދައްކައިދެނީ އާދައިގެ އަންހެނަކު، އޭނާ ނިސްބަތްވާ ދާއިރާގައި ނުފޫޒުގަދަ ސިޔާސީ ލީޑަރެއްގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތެވެ.

ސިޔާސީ މައިދަނާށް ވަނުމާއެކު އޭނާއަށް ކުރިމަތިވަނީ ކާމިޔާބުކުރަން އުނދަގޫ ހަނގުރާމައަކާ އެވެ.

ފިލްމުގެ ލީޑު ރޯލު، މަރިޔަމްގެ ބައި ކުޅެނީ މަރިޔަމް މަޖުދާ އެވެ. އަދި މަޖުދާއާއެކު އަހްމަދު ސައީދު، އަލީ އާޒިމް، ނިޝް، އަލީ ޝަޒްލީމް އަދި މުހައްމަދު ވަހީދުވެސް އެ ފިލްމުން ފެނިގެންދާނެ އެވެ.

މަރިޔަމް ފިލްމު އަމާޒުކޮށްފައިވަނީ އިންތިހާބުތަކުގައި ވާދަކުރާ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކުދި މުޖުތަމައުތަކުގައި ދިމާވާ އަސްލު މައްސަލަތަކުން ދުރަށް ގެންދިއުމަށް "ޑާޓީ ޕޮލިޓިކްސް" އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރު ކުރުމަށެވެ.

އިބްރާހިމް ވިޝާން (ކަނޑި) ޑައިރެކްޓު ކުރި އެ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަހްމަދު ޒަރީރު އެވެ.

މަލްޓި ސްކްރީންގައި މި ފިލްމު ރިލީޒް ކުރުމުން ބޭނުން ތަނެއްގައި، ބޭނުން ޑިވައިސްއަކުން ފިލްމު ބަލައިލެވޭނެ އެވެ. ފިލްމުގެ ލަވަތައް އެޕަލް މިއުޒިކް، ޑީޒާ، ސްޕޮޓިފައި، އެމެޒޯން މިއުޒިކް އަދި ޓިކްޓޮކް އިން ފެންނާނެ އެވެ.

މަލްޓި ސްކްރީން ހިދުމަތަށް މީޑިއާނެޓުގެ ވެބްސައިޓުންނާއި ފްރަންޓް އޮފީހުން އެދި ހުށަހެޅޭނެ އެވެ. އަދި މި ލިންކުން މަލްޓި ސްކްރީން އެޕްލިކޭޝަން ޑައުންލޯޑުކޮށް، މަރިޔަމް ފިލްމު ބަލައިލެވޭނެ އެވެ.

comment ކޮމެންޓް